29 ޖޫން 2018 - 06:11

އޮފީހުގެ ގިނަ މަސައްކަތްތައް ނުކުރެވި ފުނި ޖެހެނީ މަސައްކަތު މާހައުލުގެ ގޮތުން ކަމަށް ބުނެ ބައެއް މީހުން ޝަކުވާކުރެއެވެ. އެކަށީގެންވާ ޖާގަ ނެތުމާއި ގެންގުޅޭ ސާމާނު ޒަމާނަށް ނުފެތޭކަމަށް ބުނާ މީހުން ވެސް އުޅެ އެވެ. ސެމްޓްރެކްސްގެ ސްމާޓްޑެސްކަކީ ޝަކުވާއެއް ނެތި މަސައްކަތް ފުރިހަމަކުރަން ބޭނުންކުރެވޭނެ ޒަމާނީ މޭޒެކެވެ.
މިއީ 24 އިންޗީގެ ތިން ޓަޗް ސްކްރީން ހިމަނައިގެން ފަރުމާކޮށްފައިވާ މޭޒެކެވެ. ފުޅާމިނުގައި 72 އިންޗި ހުރެއެވެ. ޓަޗްގެ އިތުރަށް ސްކްރީނަށް އިޝާރާތްކުރުމުން ވެސް މި މޮނީޓަރުތައް މަސައްކަތްކުރެއެވެ. ލިޔެކިޔުންތައް ބަލަމުންދާއިރު އަތުގެ އިޝާރާތުން ގަނޑު އެއްލުމާއި ފޮޓޯ ބަދަލުކުރުން ފަދަ ކަންކަން ކުރެވެއެވެ. މި ސްކްރީންތައް ހުންނަނީ 8 ވަނަ ޖީލުގެ އިންޓެލްކޯ 7 އައިގެ ޕްރޮސެސަރެއް އަޅުވާފައިވާ ވިންޑޯޒް ޕީސީއަކާ ގުޅައިފައެވެ.
މި ސްމާޓްޑެސްކު ހަދާފައިވަނީ މޭޒު ތެރެއަށް ކީބޯޑާއި ޓްރެކްޕެޑް ފައްތައިގެންނެވެ. މި މޭޒު، އޭގެ ޒާތުގައި ސްކޭނަރަކަށް ވެސް ފުދެއެވެ. ސްކޭންކުރަން ބޭނުންވާ ކަރުދާސް މޭޒުމަތީގައި ނުފުށުން ބާއްވައިގެން އެންމެ ފިތަކުން ސްކޭންކުރެވެއެވެ. މީގެ އިތުރުން މޭޒުމަތީ ބާއްވައިގެން އެއްވެސް އިތުރު ނަރަކުން ކަރަންޓަށް ނުގުޅާ ފޯނު ޗާޖުކުރެވެއެވެ. އަދި މޭޒުގެ ދަމާ ވަތްގަނޑެއްގައި ކަންފަތު އުނގުރި ޖޯޑު ހުރެއެވެ. ބޭނުމަކީ މޭޒާ ދުރަށް ނުގޮސް، ފޯނުގައި އަތް ނުލައި ފޯނަށް ޖަވާބު ދިނުމެވެ.
ސެމްޓްރެކްސްގެ ސްމާޓްޑެސްކަކީ ކޮޅަށް ހުރެގެންނާއި އިށީނދެ އިނދެގެންވެސް މަސައްކަތް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މޭޒެކެވެ. އިތުރު ވާތަކާއި އާލާތްތަކުން ސަލާމަތްވެ، މި މޭޒު ފެންނަނީ ވަރަށް ސާފުތާހިރު، ތަރުތީބު މޭޒެއްގެ ގޮތުގައެވެ. ސެމެޓްރެކްސްގެ ވެބްސައިޓުގައި މި ސްމާޓްޑެސްކު ވިއްކަން ހުރީ 3،999 އެމެރިކާ ޑޮލަރަށެވެ.