28 ޖޫން 2018 - 11:42

ރާއްޖޭގެ އާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު އައްޔަން ކުރައްވައިފި އެވެ.

ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޑީޑީ އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވީ ދެންމެ ރައީސް އޮފީހުގައި ބޭޭއްވި ރަސްމިއްޔާތެއްގައި ރައީސް އަބްދުﷲ ޔާމީނެވެ. މިއީ އެމަނިކުފާނުގެ ވެރިކަމުގައި އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވި ދެ ވަނަ ބޭފުޅެވެ.
އާ ގާނޫނުއަސާސީގެ ދަށުން އުފެއްދި ދާއިމީ ސުޕްރީމް ކޯޓުގެ ފުރަތަމަ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން، ކުއްލިއަކަށް އެ މަގާމުން ވަކިކޮށް، އެ މަގާމަށް އަބްދުﷲ ސައީދު އައްޔަންކުރެއްވީ 2015 ގަ އެވެ. އެކަމަކު ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ހައްޔަރުކޮށް، ޖިނާއީ ކުށެއް ސާބިތުވެ މިހާރު ހުކުމްކޮށްފައިވާ އަބްދުﷲ ސައީދަށް އެ މަގާމު ވަނީ ގެއްލިފަ އެވެ.
އަބްދުﷲ ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަލީ ހަމީދު މަގާމު ވެސް ވަނީ ގެއްލިފަ އެވެ.
އުއްތަމަ ފަނޑިޔާރުކަމަށް ޑީޑީ އައްޔަން ކުރެއްވުމުގެ އިތުރުން ސުޕްރީމް ކޯޓުގެ ބެންޗުން ހުސްކޮށް އޮތް ދެ ފަނޑިޔާރުގެ މަގާމަށް އަބްދުﷲ ދީދީ އާއި އަބްދުލްޣަނީ މުހައްމަދު ވެސް މިއަދު ވަނީ އައްޔަން ކުރައްވައިފަ އެވެ.
ގާނޫނު އަސާސީ އޮންނަ ގޮތުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަން ކުރާނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފާގެ މަތިން މަޖިލީހަށް ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅުތައް މަޖިލީހުން ފާސް ކުރުމުން ރައީސެވެ. އެކަން އިއްޔެ ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މެމްބަރުން ވަނީ ކުރައްވައިފަ އެވެ.