28 ޖޫން 2018 - 11:58

ރިޔާޒް (ޖޫން 28) - ސައުދީ އަރަބިއާގައި އަންހެނުންނަށް ކާރު ދުއްވުން ހުއްދަ ކުރުން ކަވަރު ކުރަމުން ދިޔަ ޕްރެޒެންޓަރު ލައިގެން ހުރި ހެދުން އިސްލާމީ ރީތި އުސޫލުތަކާ ޚިލާފު ކަމަށް ބުނެ އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން އެ މައްސަލަ ބަލަން ފަށައިފި އެވެ.
ޝީރީން އަލް ރިފާއީ އަކީ ސައުދީ ރައްޔިތެއް ނަމަވެސް އޭނާ މަސައްކަތް ކުރަނީ ދުބާއީގެ އަލްއާން ޓީވީގަ އެވެ. އޭނާ ސައުދީ އަށް ދިޔައީ އަންހެނުންނަށް ކާރު ދުއްވުން ހުއްދަ ކުރުމުން އެކަން ރިޕޯޓް ކުރުމަށެވެ. އެކަމަކު ސައުދީގެ މަގެއްގެ މަތީގައި ހުރެ ޝީރީންގެ އަބާޔާ ވަޔާ ހޫރެމުން ދިޔަ އިރު އޭނާ އެތެރޭން ލައިގެން ހުރި ހެދުން ފާޅުވެ އެވެ.
ސައުދީ ޖެނެރަލް ކޮމިޝަން ފޯ އޯޑިއޯވިޝުއަލް މީޑިއާ އިން ބުނީ ޓީވީ ޕްރެޒެންޓަރަކު ބޭއަދަބީ ގޮތަކަށް ހެދުން އަޅައިގެން ހުރި މައްސަލައެއް ބަލަމުންދާ ކަމަށެވެ.
އެކަމަކު ޝީރީން ވަނީ އެކަން ދޮގުކޮށްފަ އެވެ. އޭނާ ބުނެފައި ވަނީ ހެދުން އަޅައިގެން ހުރީ ރިވެތި ގޮތުގައި ކަމަށެވެ. ޝީރީންގެ މައްސަލަ ސައުދީން ބަލާ އިރު އޭނާ މިހާރު ހުރީ ޔޫއޭއީގަ އެވެ.
ސައުދީގައި އޮންނަ އަންހެން ހެދުން އެޅުމުގެ އުސޫލުގެ ދަށުން އަންހެނުން އާއްމު ތަންތަނުގައި އުޅޭ އިރު ތިބެން ޖެހޭނީ އަބަޔާލުމަށް ފަހު ބުރުގާ އަޅައިގެންނެވެ. އެކަމަކު ވަލީ އަހުދު މުހައްމަދު ބިން ސަލްމާން މާޗު މަހު ވިދާޅުވެފައި ވަނީ ސައުދީ އަންހެނުން ކޮންމެހެން އަބާޔާލުން އެހާ ބޭނުންތެރި ނޫން ކަމަށާއި އެކަމަކު އިސްލާމީ އުސޫލުތަކާ އެއްގޮތަށް ހެދުން އެޅުމުން ފުދޭނެ ކަމަށެވެ. ކަޅު ކުލައިގެ އަބާޔާލުން މަޖްބޫރު ނޫން ކަމަށް ވެސް މުހައްމަދު ވަނީ އެމެރިކާގެ ސީބީއެސް ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފަ އެވެ