28 ޖޫން 2018 - 12:56

ސަމާރާ (ޖޫން 28) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކޮލަމްބިއާ އާއި ސެނެގާލް ބައްދަލުކުރާ މެޗަކީ ވަރަށް ފޯރިގަދަވާނެ މެޗެއް ކަމަށާއި މި މެޗު ބަލަން އެއްވެސް ސަޕޯޓަރަކު ފޫހިވެގެން ނިދި އަންނަން ނުޖެހޭނެ ކަމަށް ސެނެގާލްގެ ކޯޗު އަލިއޫ ސީސޭ ބުނެފި އެވެ.

ގްރޫޕް އެޗްގެ އެއް ވަނައިގައި މި ވަގުތު އޮތް ޖަޕާނާއި ދެ ވަނައިގައި އޮތް ސެނެގާލަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ޖަޕާނަށް ކުރި ލިބެނީ ފެއާޕްލޭ ޕޮއިންޓުންނެވެ. ތިން ވަނައިގައި އޮތް ކޮލަމްބިއާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް ޕޮލެންޑަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. އެ ޓީމު ވަނީ މުބާރާތުން ކަޓައިފަ އެވެ.
މިއީ ސެނެގާލް ކުޅޭ ދެ ވަަނަ ވޯލްޑް ކަޕެވެ. އެ ޓީމުން ކުޅުނު ފުރަތަމަ ވޯލްޑް ކަޕުގައި ވަނީ 2002 ވަނަ އަހަރު ގްރޫޕް ސްޓޭޖު ފަހަނަޅައި ގޮސްފަ އެވެ. އޭރު އެ ޓީމުގެ ކެޕްޓަނަކަށް ހުރި ސީސޭ އަކީ މިހާރު ޓީމުގެ ކޯޗެވެ. މިރޭ ކޮލަމްބިއާއާ އެއްވަރުކޮށްލައިގެން ވެސް ސެނެގާލަށް ދެ ވަނަ އަށް ދެވޭނެ އެވެ. އެކަމަކު ސީސޭގެ އަމާޒުހުރީ މޮޅަކަށެވެ.
"ސެނެގާލާއި ކޮލަމްބިއާ މި ކުޅެނީ ވަރަށް އަވަސް، ވަރަށް އެޓޭކިން ގޭމެއް. އަހަރަމެންނަށް ޕޮއިންޓަކުން ފުއްދާލެވެން އޮތަސް ބޭނުމީ މޮޅެއް،" ސީސޭ ބުންޏެވެ. "އަހަންނަށް ފެނޭ ވޯލްޑް ކަޕުގެ ބައެއް މެޗުތަކުގައި މަޝްހޫރު ގައުމުތައް ނުކުޅޭ ނަމަ ދަނޑުތެރޭގައި ސަޕޯޓަރުން ފޫހިވެގެން ނިދި އައިސްފައި ހުންނަ މަންޒަރު. މި މެޗުގައި އެހެނެއް ނުވާނެ."
ސެނެގާލުގެ ފަހަތަށް ކުޅޭ ނަޕޯލީގެ ޑިފެންޑަރު ކަލީދޫ ކުލިބަލީ ބުނީ ސެނެގާލުގެ 15 މިލިއަން މީހުންނާއި މުޅި އެފްރިކާ ބައްރުގެ އުއްމީދުތައް އޮތީ އެ ޓީމާ ގުޅިފައި ކަމަށާއި އެ އެންމެން ފަހުރުވެރިކޮށްދޭ ވަރުގެ ނަތީޖާއެއް ނެރެން ބޭނުންވާ ކަމަށެވެ.
އެންމެ ފަހުން ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުން 3-0 އިން މޮޅުވި ކޮލަމްބިއާގެ ކޯޗު ހޯސޭ ޕެކަމަންގެ ވިސްނުން ހުރީ ކުރިން މެޗަށް ވުރެން ތަފާތު މޮޅު ކުޅުމެއް މި މެޗުގައި ދެއްކުމަށެވެ.
"އަހަރެމެން މި މުބާރާތަށް އައި މަގްސަދު އެއްވެސް ވަރަކަށް ހާސިލެއް ނުވާނެ ފުރަތަމަ ބުރުން ކަޓައިގެން. މި މެޗުން މޮޅުވާން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" ކުރިން އާޖެންޓީނާ އަށް ކޯޗުކޮށްދިން ޕެކަމަން ބުންޏެވެ.
ކޮލަމްބިއާ އާއި ސެނެގާލް މީގެ ކުރިން ބައްދަލުކޮށްފައިވަނީ 2014 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގަ އެެވެ. އެ ފަހަރު ޓިއޮފީލޯ ގުޓިއެރޭޒާއި ކާލޮސް ބައްކާގެ ގޯލުތަކުން ކޮލަމްބިއާ ފުރަތަމަ ހާފުގައި ލީޑު ނަގާފައި އޮއްވައި ދެ ވަނަ ހާފުގައި ސެނެގާލުގެ މޫސާ ކޮނާޓޭ އާއި ޗެއިކް ކޮޔާޓޭ ޖެހި ގޯލުތަކާ އެކު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ސެނެގާލާއި ކޮލަމްބިއާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ހަތެއް ޖަހާއިރު އެވެ.