30 ޖޫން 2018 - 06:47

ފިލްމީ ކެރިއަރު އަޑި އަޅާލާފައި ވަނިކޮށް މި މަހުގެ 15 ގައި ރިލީޒް ކުރި "ރޭސް 3" އާ އެކު، އަލުން ފިލްމީ ދަތުރު ފެށުނީ ކަމަށާއި ދެން ބޭނުންވަނީ ކުރިން ވެސް މަސައްކަތް ކުރި ގޮތަށް ބުރަކޮށް މަސައްކަތް ކުރަން ކަމަށް ބޮބީ ޑިއޯލް ބުނެފި އެވެ.
ކުރީގެ މަޝްހޫރު އެކްޓަރު ދަރްމެންދްރާގެ ހަގު ފިރިހެން ދަރިފުޅު ބޮބީއަކީ 90 ގެ އަހަރުތަކުގައި އެންމެ ވިދާލި އެއް އެކްޓަރެވެ. އެކަމަކު މި ފަހުން ކުޅޭނެ ފިލްމެއް ނުލިބޭތީ، އޭނާ ހުންނަން ޖެހުނީ ހުސްއަތާ ގޭގަ އެވެ.
ނަމަވެސް ސަލްމާން ހާންގެ އެހީތެރިކަމާއި އޭނާ ދިން ހިތްވަރުން ބޮބީ ވަނީ އަލުން އޭނާގެ ޖާދޫ ދެއްކޭތޯ މަސައްކަތް ފަށައިފަ އެވެ.
"ރޭސް 3" އަށް ފާޑު ކިޔުންތައް އަމާޒުވި ނަމަވެސް، އެ ފިލްމް ބޮކްސް އޮފީހުގައި ހިނގާފައިވާތީ ބޮބީ ބުނީ ފިލްމް އެހާ ގޯސް ނަމަ، ރަނގަޅު ވިޔަފާރިއެއް ނުކުރެވުނީސް ކަމަށް ބުނެފަ އެވެ.
"އަހަރެން ވަރަށް ވެސް ހިތްހަމަޖެހިފައި މިހުރީ އެ ފިލްމާ ދޭތެރޭ،" ބޮބީ، 49، ބުންޏެވެ. "އަހަރެން ގަބޫލު ކުރަނީ ފިލްމްގެ އާމްދަނީ ވެސް ސަތޭކަ ކްރޯޑަށް ވުރެ މައްޗަށް ދިޔައީ ފިލްމް ބެލުންތެރިންނަށް ކަމުދިޔައިމަ ކަމަށް."
އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ބައްޕަ އާއި ބޭބެ ސަނީއާ އެކު ގެނެސްދޭ "ޔަމްލާ ޕަގްލާ ދީވާނާ" ގެ ތިން ވަނަ ބައިންނެވެ. އެ ފިލްމްގެ ޓީޒާ ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ، އެއީ ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.
"ބޮޑަށް މިހާރު މި ލިބެނީ ކޮމެޑީ ރޯލްތައް ކުޅެން. އެކަމަކު އަހަރެން ވަރަށް ބޭނުން އެކްޝަންތައް ރޯލް ކުޅެން." ސޮލްޖާ އާއި ބިއްޗޫ އަދި ގުޕްތު ފަދަ ފިލްމްތައް ކުޅެފައިވާ އެކްޓަރު ބުންޏެވެ. "ރަނގަޅު ވަރުގަދަ ކެރެކްޓާތައް ކުޅެން ބޭނުން ވަނީ. އަހަރެން ގަބޫލު ކުރަން ބުރަކޮށް މަސައްކަތް ކުރާ ކަމަށް ވަންޏާ ރަނގަޅު ފުރުސުތުތަކެއް ލިބޭނެ ކަމަށް. މަސައްކަތެއް ނެތި ގޭގައި އިންނަން ޖެހުމަކީ ވަރަށް ވެސް ފޫހިވާ ކަމެއް. އެއީ އަހަރެން ބޭނުންވާ ގޮތެއް ވެސް ނޫން."
"ޔަމްލާ ޕަގްލާ ދީވާނާ: ޕިރް ސޭ" އޮގަސްޓް 15 އަށް ތާވަލުކޮށްފައިވާ އިރު ސާޖިދު ހާންގެ ބޮޑު ކާސްޓެއް ހިމެނޭ ކޮމެޑީ ފިލްމް "ހައުސްފުލް 4" އިން ވެސް ބޮބީ ފެނިގެން ދާނެ އެވެ.