ދަގަނޑޭ ނެތްތަން ދައްކާނެ، އެކަމަކު އިތުބާރު އެބައޮތް: އޮސްކާ
ދަގަނޑޭ ނެތްތަން ދައްކާނެ، އެކަމަކު އިތުބާރު އެބައޮތް: އޮސްކާ

މީގެ އެއް އަހަރު ކުރިން ނިއު ރޭޑިއަންޓުގެ ކޯޗުކަމާ ހަވާލުވެ، ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮން ވަނީ އެ ޓީމާ އެކު ރާއްޖޭގެ ހަތަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. މިދިޔަ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށް މި ފަހަރުގެ އެސްޓީއޯ މާލޭ ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު އޮސްކާގެ އަމާޒުހުރީ މިދިޔަ އަހަރުގެ ކާމިޔާބީ ތަކުރާރު ކުރުމަށެވެ.

ދަގަނޑޭ ނެތްތަން ދައްކާނެ، އެކަމަކު އިތުބާރު އެބައޮތް: އޮސްކާ
ދަގަނޑޭ ނެތްތަން ދައްކާނެ، އެކަމަކު އިތުބާރު އެބައޮތް: އޮސްކާ

އޮސްކާގެ ޕްލޭނުގައި ނިއު އިން ހޯދި ކާމިޔާބީގައި އެންމެ ހިއްސާ ބޮޑު ކުޅުންތެރިއަކީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. މުސާރަ ނުލިބޭ މައްސަލައިގައި ނިއުއާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށް ދަގަނޑޭ ވަނީ ނިމިދިޔަ ޓްރާންސްފާ މާކެޓްގައި ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެފަ އެވެ. އޮސްކާ ބުނީ ދަގަނޑޭ އަކީ ޓީމުން ގެއްލިގެންދިޔަ މުހިއްމު ކުޅުންތެރިއެއް ކަމަށެވެ.

"ދަގަނޑޭ އަކީ ޓީމުން ގެއްލިގެންދިޔަ ވަރަށް ބޮޑު ކުޅުންތެރިއެއް. އޭނާ ނެތްތަން އަހަރެމެންނަށް ދައްކާނެ. އެއީ އޭނަ އެހާވެސް މޮޅު. އެކަމަކު އަހަރެން ދެކޭގޮތުގައި މިއީ ޓީމުގައި ތިބި އެހެން ކުޅުންތެރިން ކޮޅަށް ތެދުވެ ފެންވަރު ސާބިތުކޮށްދޭންޖެހޭ ވަގުތު. އިތުބާރު އެބައޮތް،" އޮސްކާ "މިހާރަ"ށް ބުންޏެވެ.

ޓްރާންސްފާ މާކެޓްގައި ނިއު އިން ވަނީ އިތުރު ދެ ފޯވާޑުން ގެނެސްފަ އެވެ. އެއީ ރުވާންޑާ ގައުމީ ޓީމަށް ހަތަރު މެޗު ކުޅެފައިވާ ފޯވާޑެއް ކަމަށްވާ އަތުހިއޭ ކިޕްސަންގެ އިތުރުން ތުރުކުމެނިސްތާން ލީގުގެ މޮޅު ކުޅުންތެރިއާގެ މަގާމް މިދިޔަ އަހަރު ހޯދި އާމިރް ގުރްބާނީ އެވެ.

ފާއިތުވި ދުވަސްތަކުގައި ދަނޑު ބޭރުން ގިނަ ކަންތައްތަކެއް ހިނގައިދިޔަ ނަމަވެސް އޮސްކާގެ އަޒުމަކީ ދަނޑުމަތީގައި ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމެވެ.

"މީގެ އެއް އަހަރު ކުރިން އަހަރެމެންގެ މި ކާމިޔާބު ދަތުރު ފެށިއިރު އަަހަރަމެންގެ އޮތީ ވަރަށް ބަދަހި ގުޅުމަކާ އެކު ރަނގަޅު ކުޅުންތެރިންތަކެއް. މި ފަހަރުގެ ޓްރާންސްފާގައި ވެސް އަހަރެމެންނަށް ލިބުނީ ރަނގަޅު ކުޅުންތެރިންތަކެއް. އަހަރެންގެ އުއްމީދަކީ ހަމަ ކުރިއެކޭ އެއްގޮތަށް ތަފާތު ދެއްކުން. މި ކުޅުންތެރިންގެ ރޫހު ހުރީ ވެސް އެގޮތަށް،" އޮސްކާ ބުންޏެވެ.

މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި އޮސްކާ ވަނީ މިނިވަން ޗެމްޕިއަންޝިޕުން އައި ޓީމުތަކާ ދެކޮޅަށް ކުޅޭއިރު ވިސްނަން ޖެހޭ ކަމަށް ބުނެފަ އެވެ. މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މިރޭ ނިއު ނުކުންނާނީ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ތިމަރަފުއްޓާ ދެކޮޅަށެވެ.

"ފުރަތަމަ ވެސް މި ކުޅެން ޖެހެނީ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމާ ދެކޮޅަށް. މީގެއިން އެނގޭނެ މި ޓީމުތަކުގެ ފެންވަރު. މިއީ ރަނގަޅު ޓެސްޓަކަށްވާނެ،" އޮސްކާ ބުންޏެވެ.

މާލޭ ލީގުގެ ކާމިޔާބީ އަށް ފަހު ފުރަތަމަ ފަހަރަށް މެޗަކަށް ނުކުންނައިރު އޮސްކާގެ ވިސްނުން ހުރީ މޮޅަކުން ފެށުމަށެވެ.

ނިއު އާއި ތިމަރަފުށި ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.