28 ޖޫން 2018 - 10:29

ބެއިޖިން (ޖޫން 28) - ސުލްހަ އަށް ޗައިނާ އިން އިސްކަން ދޭ ކަމަށާއި ނަމަވެސް އެ ގައުމުގެ ބިމުން އިންޗިއެއްހާ މިންވަރު ވެސް ދޫނުކުރާނެ ކަމަށް ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މަޓިސްއާ ބައްދަލު ކުރައްވާ ޝީ ވިދާޅުވީ ކާބަފައިން ދޫކޮށް ދިޔަ ބިން ހިމާޔަތް ކުރާނެ ކަމަށާއި ސުލްހަ އަށް ޓަކައި ނަމަވެސް ޗައިނާގެ ބިމުން ކިތަންމެ ކުޑަ މިންވަރެއް ވެސް ދޫކޮށްނުލާނެ ކަމަށެވެ.
ޗައިނާގެ ރައީސް މި މޭރުމުން ވާހަކަ ދެއްކެވި އިރު ސައުތު ޗައިނާ ކަނޑުގެ މައްސަލާގައި އަވަށްޓެރި ގައުމުތަކާ އެކު ވަނީ މައްސަލަ ހޫނުވެފަ އެވެ. އަދި އެމެރިކާއާ އެކު ވަނީ ވިޔަފާރީގެ ދެ ބަސްވުންތައް އުފެދިފަ އެވެ.
މަޓިސް އަކީ 2014 ވަނަ އަހަރުގެ ފަހުން ޗައިނާ އަށް ވަޑައިގެންނެވި އެމެރިކާގެ ފުރަތަމަ ދިފާއީ ވަޒީރެވެ. މަޓިސްގެ އޭޝިއާ ދަތުރުގައި އެމެރިކާއާ ގުޅުން އޮންނަ އެހެން ބައެއް ގައުމުތަކަށް ވެސް ވަނީ ވަޑައިގެންފަ އެވެ.
މަޓިސް ވިދާޅުވީ ޗައިނާގެ ރައީސްއާ އެކު ވަރަށް ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި ޗައިނާއާ އެކު އަސްކަރީ އެއްބާރުލުން އިތުރު ކުރަން އެމެރިކާ އިން އިސްކަން ދޭނެ ކަމަށް ވިދާޅުވި އެވެ.
ސައުތު ޗައިނާ ކަނޑުގައި ޗައިނާ އިން ހިންގާ ހަރަކާތްތަކަށް އެމެރިކާ އިން ދަނީ ފާޑުކިޔަމުންނެވެ. ސައުތު ޗައިނާ ކަނޑުގެ މިލްކުވެރިކަމާ މެދު އެ ސަރަހައްދުގެ އެހެން ގައުމުތަކުން ވެސް ދަނީ މައްސަލަ ޖައްސަމުންނެވެ.
ޗައިނާ އަށް ފަހު އެމެރިކާގެ ދިފާއީ ވަޒީރު ދެން ވަޑައިގަންނަވާނީ ސައުތު ކޮރެއާ އާއި ޖަޕާނަށެވެ.