ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް މިފަހަރު ވޯޓު އޮފިޝަލަކަށް ނުވެވޭނެ
ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް މިފަހަރު ވޯޓު އޮފިޝަލަކަށް ނުވެވޭނެ

ރިޔާސީ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ނެގުމުގައި، އެއްވެސް ސިޔާސީ ޕާޓީއެއްގައި ހިމެނޭ މީހަކަށް މި ފަހަރު ފުރުސަތު ނުދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން އިއްޔެ ބުނި ގޮތުގައި އަންނަ ސެޕްޓެމްބަރު 23، ގައި ބާއްވާ އިންތިޚާބުގައި ވޯޓުގެ ކަންކަން ކުރުމަށް، 4،000 އަށް ވުރެ ގިނަ އޮޮފިޝަލުން ނަގާނެ އެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީއެއްގައި ހިމެނޭ އެއްވެސް މީހަކު ބައިވެރި ނުކުރާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެކަމަކު މީގެ ކުރިން ބޭއްވި އިންތިޚާބުތަކުގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުން ވޯޓުލާ މަރުކަޒުތަކުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވެފައިވެ އެވެ.

"ވޯޓު އޮފިޝަލެއް ނެގުމުގެ ކުރިން އަޅުގަނޑުމެން ޕާޓީތަކުގެ ދަފްތަރު ޗެކްކޮށް، އެއްވެސް ސިޔާސީ ޕާޓީއެއްގައި ހިމެނޭ މީހަކު ނުނަގާނެ،" ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ބަދަލަކީ ވެސް، މިނިވަން އިންތިޚާބަށް ހުރަސްއެޅިދާނެ ފަދަ ހުރިހާ ކަމެއް ނައްތާލަން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި އިންތިޚާބުގައި ރާއްޖޭގެ އެކި ސަރަހައްދުތަކާއި ދިވެހިން ދިރިއުޅޭ ބޭރު ގައުމުތައް ހިމެނޭ ގޮތުން ޖުމްލަ 478 ވޯޓު ފޮށި ބަހައްޓާނެ އެވެ. ކޮންމެ ވޯޓު ފޮއްޓެއް ކައިރީގައި، މަދުވެގެން 5 އޮފިޝަލުން އަދި ގިނަވެގެން 10 އޮފިޝަލުން ބައިތިއްބާ ގޮތަށް އިލެކްޝަންސުން ވަނީ ހަމަޖައްސައިފަ އެވެ.