ޖަރުމަން ދޫކޮށްލުމާ މެދު އެބަ ވިސްނަން: ކޯޗު
ޖަރުމަން ދޫކޮށްލުމާ މެދު އެބަ ވިސްނަން: ކޯޗު

ކަޒާން، ރަޝިއާ (ޖޫން 27) – ހައިރާންކުރަނިވި ގޮތަކަށް ދެކުނު ކޮރެއާ އަތުން 2-0 އިން ބަލިވެ ޖަރުމަނު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓުމާ އެކު އެ ޓީމުގެ ކޯޗުކަން ދޫކޮށްލުމާ މެދު ވިސްނާނެ ކަމަށް ކޯޗު ޔަކީމް ލޯ ބުނެފި އެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިދިން ލޯ ވަނީ ޖަރުމަނުގެ ކޯޗަކަށް 2022 ގެ ނިޔަލަށް ހުންނަން އެއްބަސްވުން އާ ކޮށްފަ އެވެ. އެކަަމަކު މި ފަހަރުގެ ވޯލްޑް ކަޕުން ކެޓުމާ އެކު ލޯ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

"ތީގެ ޖަވާބު ދެން ވަރަށް އަވަސް. އަހަރެން ބޭނުން ވަގުތު މި ހިނގާދިޔަ ކަންތައްތަކާ މެދު ވިސްނަން. އަހަންނަށް މިހުރީ ވަރަށް ބޮޑަށް އަސަރުކޮށްފައި. އަހަރަމެން މާދަމާ ކަންތައްތައް މަޝްވަރާކުރަން ފަށާނަން. އެ ހިސާބުން ކަންތައްތައްދާނެ ގޮތެއް އެނގޭނެ،" ފާއިތުވި 12 އަހަރު ޖަރުމަނު ކޯޗަކަށް ހުރި ލޯ މިރޭގެ މެޗަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދިނެވެ.

މި ގްރޫޕުގައި މެކްސިކޯ އަތުން 3-0 އިން މޮޅުވެ ހަ ޕޮއިންޓާއި ފައިދާ ލަނޑާ އެކު ސްވިޑަން އިން އެއް ވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ދިޔައިރު، ޖަރުމަން ބަލިވުމުން މެކްސިކޯ އަށް ވެސް ދެ ވަނަ ބުރުގެ ފުރުސަތު ލިބުނީ އެވެ. މެކްސިކޯ އަށް ވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ތިން ޕޮއިންޓާއި ފައިދާ ލަނޑާ އެކު ކޮރެއާ އިން ތިން ވަނަ ހޯދިއިރު ތިން ޕޮއިންޓާ އެކު ޖަރުމަން ދިޔައީ ފުލަށެވެ.

ވޯލްޑް ކަޕުގެ ފުރަތަމަ ބުރު ނޮކްއައުޓް އުސޫލުން ކުޅުނުއިރު 1938 ވަނަ އަހަރު ޖަރުމަން ކެޓި ނަމަވެސް މިހާރުގެ ފޯމެޓަށް ކުޅެން ފެށި ފަހުން އެ ޓީމު ގްރޫޕް ސްޓޭޖުން ކަޓާފައެއް ނުވެ އެވެ. އަދި ގްރޫޕް ސްޓޭޖުގައި ދެ މެޗުން މިހާތަނަށް ބަލިވެފައެއް ނުވެ އެވެ.

ލޯ ބުނީ މި ފަހަރުގެ މުބާރާތުގެ މެޗުތައް ދިޔަ ގޮތަށް ބަލާއިރު އޭނާގެ ޓީމު ކެޓުން ހައްގު ކަމަށެވެ.

"އަހަރެން ބޭނުން މެކްސިކޯ އާއި ސްވިޑެން އަށް މަރުހަބާ ކިޔަން. ހަގީގަތަށް ބުނަންޏާ އަހަންނަށް ފެނުނު މަންޒަރުތަކަށް ބަލާއިރު އަހަރެމެން ކެޓުން ވެސް ހައްގު. އެއީ އެއްވެސް މެޗެއްގައި އަހަރެމެންނަށް ހަމަޖެހިލައިގެނެއް ނުކުޅެވުނު. އަބަދު ޓީމު އޮތީ ޕްރެޝަރުގައި،" ލޯ ބުންޏެވެ.

މިއީ އެންމެ ފަހުގެ ފަސް ވޯލްޑް ކަޕުގެ ތެރެއިން، އެންމެ ފަހުގެ ޗެމްޕިއަން ޓީމު ގްރޫޕް ސްޓޭޖުން ކެޓި ހަތަރު ވަނަ ފަހަރެވެ. ވޯލްޑް ކަޕް 1998 ވަނަ އަހަރު ކާމިޔާބުކުރި ފްރާންސް 2002 ވަނަ އަހަރު ގްރޫޕް ސްޓޭޖުން ކެޓިއިރު 2006 ގެ ޗެމްޕިއަން އިޓަލީ ވަނީ 2010 ވަނަ އަހަރު ގްރޫޕް ސްޓޭޖުން ކެޓީ އެވެ. އަދި 2010 ގެ ޗެމްޕިއަން ސްޕެއިން ވަނީ މިދިޔަ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ.

"މިއީ މުޅި ޖަރުމަނަށް ލިބުނު ހިތްދަތިކަމެއް. ޗޭންޖިން ރޫމުގައި ކުޅުންތެރިން ތިބީ ބަސް ހުއްޓިފައި. ހަރަކާތް ހުއްޓިފައި،" ނޫސްވެރިން ގާތުގައި އެންމެ ފަހު ބަހަކަށް ލޯ ބުންޏެވެ.

ޖަރުމަނު ޓީމަށް މި ފަހަރުގެ މުބާރާތުގެ ކުރިންނާއި މުބާރާތް ފެށުނު ފަހުން ވެސް ގިނަ ފާޑުކިޔުން އަމާޒުވި އެވެ. އެގޮތުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުއާންއާ ޖަރުމަނުގެ މެސުތު އޮޒިލް އާއި އިލްކޭ ގުންޑޮގާން ބައްދަލުކޮށް ފޮޓޯ ނެގި މައްސަލައިގައި އެ ދެ ކުޅުންތެރިންނަށް ޖަރުމަން ރައްޔިތުންގެ ނުރުހުން އަމާޒުވެ ޓީމުގެ ރޫހަށް އަސަރުކުރި އެވެ. މީގެ އިތުރުން ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ޓާ ސްޓެގާން މޮޅަށް ކުޅެ ކުޅެ ހުއްޓާ، ނޯޔާ އެއްކޮށް ފިޓްނުވަނީސް ފުރުސަތު ދިނުމަކީ ވެސް ފާޑުކިއުން އަމާޒުވިކަމެވެ. އަދި މިދިޔަ ސީޒަނުގައި މެންޗެސްޓާ ސިޓީގައި މޮޅަށް ކުޅުނު ލެރޯއީ ސާނޭ ޓީމަށް ނުނެގުމުން ކޯޗު ޔަކީމް ލޯއާ މެދު ގިނަ ބަޔަކު ނުރުހުންވި އެވެ.