އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަން ގްރޫޕް ސްޓޭޖުން ކަޓައިފި!
އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަން ގްރޫޕް ސްޓޭޖުން ކަޓައިފި!

ކަޒާން، ރަޝިއާ (ޖޫން 27) – ދެކުނު ކޮރެއާ އަތުން ފަހު ވަގުތު 2-0 އިން ބަލިވެ ފީފާ ވޯލްޑް ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަން ގްރޫޕުގެ ފުލުގައި އޮވެ، ދެ ވަނަ ބުރަށް ނުގޮސް ފުރަތަމަ ފަހަރަށް ކަޓައިފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަން ގްރޫޕް ސްޓޭޖުން ކަޓައިފި!
އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަން ގްރޫޕް ސްޓޭޖުން ކަޓައިފި!

ގިނަ ބަޔަކަށް ހައިރާންކަން ލިބުނު މި ނަތީޖާގެ ހުރިހާ ފައިދާއެއް ލިބުނީ ސްވިޑަން އާއި މެކްސިކޯ އަށެވެ. އެގޮތުން މެކްސިކޯ އަތުން 3-0 އިން މޮޅުވެ ހަ ޕޮއިންޓާއި ފައިދާ ލަނޑާ އެކު ސްވިޑަން އިން އެއް ވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ދިއައިރު ޖަރުމަން ބަލިވުމުން މެކްސިކޯ އަށް ވެސް ދެ ވަނަ ބުރުގެ ފުރުސަތު ލިބުނީ އެވެ. މެކްސިކޯ އަށް ވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ތިން ޕޮއިންޓާއި ފައިދާ ލަނޑާ އެކު ކޮރެއާ އިން ތިން ވަނަ ހޯދިއިރު ތިން ޕޮއިންޓާ އެކު ޖަރުމަން ދިޔައީ ފުލަށެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަން ގްރޫޕް ސްޓޭޖުން ކަޓައިފި!
އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަން ގްރޫޕް ސްޓޭޖުން ކަޓައިފި!

މިއީ އެންމެ ފަހުގެ ފަސް ވޯލްޑް ކަޕުގެ ތެރެއިން، އެންމެ ފަހުގެ ޗެމްޕިއަން ޓީމު ގްރޫޕް ސްޓޭޖުން ކެޓި ހަތަރު ވަނަ ފަހަރެވެ. ވޯލްޑް ކަޕް 1998 ވަނަ އަހަރު ކާމިޔާބުކުރި ފްރާންސް 2002 ވަނަ އަހަރު ގްރޫޕް ސްޓޭޖުން ކެޓިއިރު 2006 ގެ ޗެމްޕިއަން އިޓަލީ ވަނީ 2010 ވަނަ އަހަރު ގްރޫޕް ސްޓޭޖުން ކެޓީ އެވެ. އަދި 2010 ގެ ޗެމްޕިއަން ސްޕެއިން ވަނީ މިދިޔަ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. ސަލާމަތްވި ހަމައެކަނި ޓީމަކީ 2002 ގެ ޗެމްޕިއަން ބްރެޒިލެވެ.

ވޯލްޑް ކަޕުގެ ފުރަތަމަ ބުރު ނޮކްއައުޓް އުސޫލުން ކުޅުނުއިރު 1938 ވަނަ އަހަރު ޖަރުމަން ކެޓި ނަމަވެސް މިހާރުގެ ފޯމެޓަށް ކުޅެން ފެށި ފަހުން އެ ޓީމު ގްރޫޕް ސްޓޭޖުން ކަޓާފައެއް ނުވެ އެވެ. އަދި ގްރޫޕް ސްޓޭޖުގައި ދެ މެޗުން މިހާތަނަށް ބަލިވެފައެއް ނުވެ އެވެ.

އެންމެ ފަހުގެ ނުވަ ވޯލްޑް ކަޕުގެ ތެރެއިން ފަސް މުބާރާތުގެ ފައިނަލުގައި ކުޅެފައިވާ ޖަރުމަނަކީ ޒަމާނީ ފޯމެޓުގައި ވޯލްޑް ކަޕުގެ އެންމެ ކާމިޔާބު އެއް ޓީމެވެ. ޖުމްލަ ހަތަރު ފަހަރު ތަށި ހޯދާފައިވާއިރު އެ ޓީމަކީ ވޯލްޑް ކަޕުގެ ތާރީހުގައި ދެ ވަނަ އަށް އެންމެ ކާމިޔާބު ގައުމެވެ.

ފުރަތަމަ މެޗުން މެކްސިކޯ އަތުން 1-0 އިން ޖަރުމަން ބަލިވުމާ އެކު އެ ޓީމަށް މައްސަލަތަކެއް ކުރިމަތިވި އެވެ. އަދި ދެ ވަނަ މެޗުން ސްވިޑަން އަތުން ބަލިވެ ކަޓާފާނެ ކަމުގެ ބިރު ހީވި އެވެ. އެކަމަކު އެ މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ޓޯނީ ކްރޫޒް ވައްދާލި ލަނޑާ އެކު 2-1 އިން މޮޅުވެ ހަމަނޭވާއެއްލީ އެވެ.

މިރޭގެ މެޗުން ބަލިވެ ޖަރުމަން ކެޓުމުގެ ފުރުސަތު އޮތް ނަމަވެސް ކޮރެއާ އަތުން އެ ޓީމު ބަލިވެދާނެ ކަމަށް މާގިނަ ބަޔަކު އުއްމީދެއް ނުކުރާނެ އެވެ. ޖަރުމަނުގެ އަތުގައި މިރޭ ކޮންޓްރޯލް އޮތް ނަމަވެސް އެ ޓީމަށް ފުރަތަމަ ހާފުގައި ލިބުނީ އެންމެ ރަނގަޅު ފުރުސަތެކެވެ. އެގޮތުން 38 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ގޯލް ބުޑުން ޑިފެންޑަރު މެޓްސް ހަމެލްސް އަށް ލިބުނު ބޭނުން ގޮތަކަށް ޖަހަން ލިބުނު ނަމަވެސް ނަމަވެސް ދެކުނު ކޮރެއާ ގޯލްކީޕަރު އެ ބޯޅަ ނެގީ އެވެ. މި ހާފުގައި ކޮރެއާ އަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. މެޗުގެ 18 ވަނަ މިނެޓުގައި ކޮރެއާގެ މޫން ސެއޮން-މިން ހިލޭ ޖެހުމަކުން ގޯލަށް ފޮނުވާލި ބޯޅަ ޖަރުމަން ގޯލްކީޕަރު މެނުއަލް ނޯޔާ އަތުގައި ޖެހިފައި ނުކުތް ވަގުތު ކޮރެއާގެ ސޮން ހެއުން-މިން ޖަހަން މަސައްކަތްކުރި ނަމަވެސް ނޯޔާ އަލުން އެ ބޯޅަ ސަލާމަތްކުރި އެވެ.

ދެ ވަނަ ހާފުގައި ޖަރުމުން އެޓޭކްތައް ވަރުގަދަކުރި އެވެ. އެގޮތުން 47 ވަނަ މިނެޓުގައި ޖޯޝުއާ ކިމިޗް އަދި 68 ވަނަ މިނެޓުގައި މާރިއޯ ގޯމޭޒް އޭރިއާ ތެރެއިން ނުރައްކާތެރި ދެ ބޯޅަ ބޮލުން ފޮނުވާލި އެވެ. އެކަމަކު ކޮރެއާ ކީޕަރު ފެނުނީ މާ ހުށިޔާރުކޮށެވެ.

ޖަރުމަނުން ކުރިއަށް ޖެހުމުގެ ފައިދާ ނަގައި ކޮރެއާ އިން މެޗުގެ ފަހުކޮޅު ނުރައްކާކުރަން ފެށި އެވެ. އެގޮތުން އުފެއްދި ހަމަލައެއްގައި 90 ވަނަ މިނެޓުގައި އެ ޓީމުގެ ކިމް ޔަން-ވޯން ލަނޑު ޖަހައި ޖަރުމަނުގެ ހިތްކުދިކުދިކޮށްލި އެވެ. އޭނާ އެ ބޯޅަ ގޯލަށް ވައްދާލިއިރު ހުރީ އޮފްސައިޑުގައި ކަމަށް އެސިސްޓަންޓް ރެފްރީ ދިދަ ނެގި ނަމަވެސް ވީއޭއާރް އިން ބެލުމަށް ފަހު ރެފްރީ ނިންމީ އޮފްސައިޑް ނުވާ ކަމަށެވެ. ސަބަބަކީ އެ ބޯޅަ އޭނާ އަށް ލިބުނީ ޖަރުމަން ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ކަމަށްވާތީ އެވެ.

ޖަރުމަނަށް މޮޅުވާން މަޖުބޫރުވެފައި އޮތުމުން އިތުރު ވަގުތު އެ ޓީމުން ގޯލްކީޕަރު ނޯޔާ ވެސް ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. އެކަމަކު ނޯޔާ އަތުން ބޯޅަ ހޯދައި އުފެއްދި ހަމަލައެއްގައި ކޮރެއާ އިން ދެ ވަނަ ލަނޑު ޖެހުމާ އެކު ޖަރުމަނުގެ އުއްމީދުތައް ފެނަށް ދިޔަ އެވެ. ކޮރެއާގެ ހާފު ތެރެއިން ނޯޔާ އަތުން ޔޫ ސީ-ޔޮންގް ބޯޅަ ހޯދައި ކެޕްޓަން ސަން އަށް ދިނުމުނުން އޭނާ އަރައި އެ ބޯޅަ ވައްދާލީ ހުސް ގޯލުގެ ތެރެއަށެވެ.

ވަރުގަދަ ސްކޮޑެއް އޮތަސް ޖަރުމަން ޓީމުގައި މައްސަލަތަކެއް އުޅޭތީ މި ފަހަރު ކާމިޔާބު ނުލިބޭނެ ކަމަށް އެއް ބަޔަކު ލަފާކޮށްފައިވެ އެވެ. އެގޮތުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުއާންއާ ޖަރުމަނުގެ މެސުތު އޮޒިލް އާއި އިލްކޭ ގުންޑޮގާން ބައްދަލުކޮށް ފޮޓޯ ނެގި މައްސަލައިގައި އެ ދެ ކުޅުންތެރިންނަށް ޖަރުމަން ރައްޔިތުންގެ ނުރުހުން އަމާޒުވެ ޓީމުގެ ރޫހަށް އަސަރުކުރި އެވެ. މުބާރާތުގެ ކުރިން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ޖަރުމަން ސަޕޯޓަރުން ވަނީ އެ ދެ ކުޅުންތެރިންނާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ،

މީގެ އިތުރުން ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ޓާ ސްޓެގާން މޮޅަށް ކުޅެ ކުޅެ ހުއްޓާ، ނޯޔާ އެއްކޮށް ފިޓްނުވަނީސް ފުރުސަތު ދިނުމަކީ ވެސް ފާޑުކިއުން އަމާޒުވިކަމެވެ. ނޯޔާ އަށް މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ލިބުނު އަނިޔާއިން ފިޓްވީ މުބާރާތް ގާތްވެފައިވަނިކޮށެވެ. އަދި މިދިޔަ ސީޒަނުގައި މެންޗެސްޓާ ސިޓީގައި މޮޅަށް ކުޅުނު ލެރޯއީ ސާނޭ ޓީމަށް ނުނެގުމުން ކޯޗު ޔަކީމް ލޯއާ މެދު ގިނަ ބަޔަކު ނުރުހުންވި އެވެ.