މެޗު ކުޅެމުންދިޔަ އިރު މަރަޑޯނާ ޑޮކްޓަރަށް ދައްކަން ޖެހުނު
މެޗު ކުޅެމުންދިޔަ އިރު މަރަޑޯނާ ޑޮކްޓަރަށް ދައްކަން ޖެހުނު

މޮސްކޯ (ޖޫން 27) - ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ނައިޖީރިއާއާ ދެކޮޅަށް އާޖެންޓީނާ ރޭ މަރުގެ މެޗެއް ކުޅެމުންދިޔަ އިރު ވަރަށް ބޮޑަށް ޖަރުބާތުގައި ޖެހިފައި އިން މަރަޑޯނާ މެޗުގެ ތެރޭން ޑޮކްޓަރަށް ދައްކަން ޖެހުނު ކަމަށާއި ނަމަވެސް މިހާރު ހާލު ރަނގަޅު ކަމަށް އޭނާ ބުނެފި އެވެ.

މެކްސިކޯގައި 1986 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް އާޖެންޓީނާ އަށް ކާމިޔާބުކޮށް ދިން 57 އަހަރުގެ މަރަޑޯނާ ބުނީ އޭނާގެ ކަނދުރާ އަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ. މެޗުގެ ހާފް ޓައިމްގައި މެޑިކަލް ސްޓާފުންނާ އެކު ތިބި ފޮޓޯއެއް މަރަޑޯނާ ވަނީ އިންސްޓަގްރާމްކޮށްފަ އެވެ. ނަމަވެސް ހޮސްޕިޓަލަށް ނުގެންދާ ކަމަށް އޭނާ ބުންޏެވެ.

"މެޗުގެ ތެރޭން ޑޮކްޓަރު އަހަރެން ބެލި. އަަދި ދެ ވަނަ ހާފުގެ ކުރިން ގެއަށް ދިއުމަށް އެންގި. އެކަމަކު ކިހިނެއް އެ މެޗު ދޫކޮށްދާނީ؟ އަހަރެން ނިންމީ އެ ނުރައްކާ ހާލަތުގައި އާޖެންޓީނާ އޮތީމާ ދަނޑުގައި މަޑުކުރަން،" މަރަޑޯނާ ބުންޏެވެ.

މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް މާކޯސް ރޯހޯ ޖެހި ލަނޑުން ނައިޖީރިއާގެ މައްޗަށް 2-1 ގެ ކުރި ހޯދާ އާޖެންޓީނާ ވަނީ ދެ ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. އަންނަ ހޮނިހިރު ދުވަހު ކުޅޭ މެޗުގައި އާޖެންޓީނާއާ ދެކޮޅަށް ނުކުންނާނީ ފްރާންސް އެވެ.

ނައިޖީރިއާ އެއްވަރު ކުރި ވަގުތު މަރަޑޯނާ ފެނުނީ ފެންކަޅިވެފައި އިންދަ އެވެ. އެ ނަތީޖާގައި އޮވެ މެޗު ނިމުނު ނަމަ އާޖެންޓީނާ މުބާރާތުން ކަޓާނެ އެވެ. ބައެއް ފަހަރު ލޯ މަރައިގެން އިންދާ ވެސް ފެނެ އެވެ. އެކަމަކު ރޯހޯގެ ލަނޑަަށް ފަހު މަރަޑޯނާ ފެނުނީ ވަރަށް ބޮޑަށް ޖަރުބާތުގައި ޖެހުނު މަންޒަރެވެ. އެ ފޯރިގަނޑުގައި އަތުގެ އިޝާރާތުން ބޭއަދަބީ ވައްތަރެއް ވެސް އޭނާ އަށް ޖެއްސުނެވެ.

މަރަޑޯނާ ވަނީ އާޖެންޓީނާ އަށް 91 މެޗު ކުޅެދީ 34 ގޯލް ޖަހައިދީފަ އެވެ. އަދި ފަހުން ވަނީ 2010 ގެ ވޯލްޑް ކަޕްގައި އާޖެންޓީނާ ޓީމަށް ކޯޗު ވެސް ކޮށްދީފަ އެވެ.