28 ޖޫން 2018 - 07:27

ޖަލު ހުކުމް ތަންފީޒުކޮށް މިނިވަންވުމަށް ފަހު، އެކްޓަރު ސަންޖޭ ދަތު މިދިޔަ އަހަރު އެނބުރި ބޮޑު ސްކްރީނަށް އައި ފުރަތަމަ ފިލްމް "ބޫމީ" އަކީ ބެލުންތެރިންނަށް އެހާ ކަމުދިޔަ ފިލްމެއް ނޫނެވެ. ބޮކްސް އޮފީހުގައި ވެސް ފިލްމަށް ލިބުނީ ވަރަށް ފިނި ތަރުހީބެކެވެ.
އެކަމަކު އަނެއްކާ ވެސް ދެވަނަ ފިލްމަކާ އެކު ބެލުންތެރިންނާ ބައްދަލު ކުރަން އޭނާ އަންނަނީ ތައްޔާރުވަމުންނެވެ. މި ފަހަރުގެ ފިލްމަކީ ޓިގްމަންޝޫ ދޫލިއާގެ "ސާހެބް ބީވީ އޯރް ގޭންގްސްޓާ" ފްރެންޗައިޒްގެ ތިން ވަނަ ބައެވެ.
މި ފިލްމް ރިލީޒް ކުރާ ތާރީހު އިއުލާންކޮށް، ފިލްމްގެ ފުރަތަމަ ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. ސަންޖޭއާ އެކު ކާސްޓުން ޗިތުރަންގަދާ ސިންގް، ޖިމީ ޝެރްގިލް، މާހީ ގިލް، ކަބީރް ބޭދީ އަދި ނަފީސާ އަލީ އާއި ދީޕަކް ތިޖޯރީ ވެސް ފެނިގެންދާ "ސާހެބް ބީވީ އޯރް ގޭންގްސްޓާ 3" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 27 ގަ އެވެ.
މި ފްރެންޗައިޒްގެ ފުރަޔަމަ ދެ ފިލްމަކީ ވެސް ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލުވި ދެ ފިލްމެވެ. އަދި ސަންޖޭ ވެސް ކާސްޓްގައި ހިމެނިގެން ތިން ވަނަ ބައި ސްކްރީނަށް އަންނަ އިރު، ބެލުންތެރިން މިހާރު ވެސް ތިބީ ފިލްމްގެ އިންތިޒާރުގަ އެވެ. މިއީ "ކަލްނަޔަކް" ގައި ކުޅުނު ކަހަލަ ކެރެކްޓާއަކާ ވައްތަރު ރޯލަކުން ސަންޖޭ ފެނިގެން ދާނެ ފިލްމެކެވެ.
"ސާހެބް ބީވީ އޯރް ގޭންގްސްޓާ" ގެ ފުރަތަމަ ބައި 2011 ގައި ރިލީޒް ކުރި އިރު، "ސާހޭބް ބީވީ އޯރް ގޭންގްސްޓާ ރިޓާންސް" ގެނެސް ދިނީ 2013 ގަ އެވެ.
ސަންޖޭ، 58، ގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ތޯރްބާޒް"، "ޕްރަސްތާނަމް"، "ކަލަންކް" އަދި "ޕަނިޕަޓް" ހިމެނެ އެވެ.
އަދި އޭނާގެ ހަޔާތުގެ ވާހަކަ ކިޔައިދޭ ފިލްމް "ސަންޖޫ" ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފަށާނެ އެވެ. އެ ފިލްމްގައި ސަންޖޭގެ ރޯލް ކުޅުނީ ރަންބީރް ކަޕޫރެވެ.