ކަރަން ޕަޓޭލް އާއި އަންކިތާ އަށް ބޮޑު ހިތާމައެއް
ކަރަން ޕަޓޭލް އާއި އަންކިތާ އަށް ބޮޑު ހިތާމައެއް

އަލަތު ދަރިފުޅު ލިބޭކަން ޓީވީ ތަރިން ކަމަށްވާ ކަރަން ޕަޓޭލް އާއި އަންކިތާ މެއި މަހު އިއުލާން ކުރީ ވަރަށް ވެސް ހާއްސަ ގޮތަކަށެވެ.

ބަލިވެއިންކަން އިއުލާނުކުރީ ފިލްމެއްގެ ޕޯސްޓަރެއް ގޮތަށެވެ. އެކަން އިއުލާން ކުރުމަށް ބުނެފައި ވަނީ ދަރިފުޅު އުފަންވާނީ ނޮވެމްބަރު މަހުގައި ކަމަށެވެ.

އެކަމަކު އެ އުފަލުގައި ތިއްބައި ދެ މީހުންނަށް ވަނީ ވަރަށް ބޮޑު ހިތާމައަކާ ކުރިމަތިލާން ޖެހިފަ އެވެ. އަންކިތާގެ ބަނޑަށް ހަތަރު މަހުގައި ވަނީ މި ހަފުތާގައި ދަރިފުޅު ބައިގެން ގޮސްފަ އެވެ.

ތިން އަހަރުވީ ކައިވެންޏަށް އަލަތު ދަރިފުޅު ލިބޭތީ އެކަމުގެ ތައްޔާރީތައް ވެސް ވަމުން އަންނަނިކޮށް ލިބުނު ފުން ހިތާމައާ އެކު، ކަރަން އާއި އަންކިތާގެ އާއިލާ އާއި ގަތް ރައްޓެހިންނަށް ލިބުނީ ބޮޑު ޝޮކެކެވެ. އެކަމަކު އެ އެންމެން ވަނީ ޒުވާން ދެމަފިރިންނަށް ހިތްވަރު ދީފަ އެވެ.

ޓައިމްސް އޮފް އިންޑިއާ އަށް ކަރަން ބުނި ގޮތުގައި ހަތަރު މަހުގައި ދަރިފުޅު ބައިގެން ދިޔަ ސަބަބެއް ނޭނގެ އެވެ. އަދި އޭގެ ތަފުސީލަކަށް ދާން ވެސް އޭނާ ވަނީ އިންކާރުކޮށް އެވެ. އެކަމަކު ބުނީ މި ހިތްދަތި ދަނޑިވަޅުގައި ވެސް އަންކިތާ ހުރީ ވަރަށް ހިތްވަރު ގަދަކޮށް ކަމަށެވެ.

ކަރަން، 34، އަކީ ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ ކާމިޔާބު ޓީވީ ސިލްސިލާ "ޔޭ ހޭ މޮހައްބަތޭން" ބަތަލެވެ.