"ސަންގަމިތުރާ" ގެ ބަތަލާއަކަށް ޑިޝާ ޕަޓްނީ ހަމަޖައްސައިފި
"ސަންގަމިތުރާ" ގެ ބަތަލާއަކަށް ޑިޝާ ޕަޓްނީ ހަމަޖައްސައިފި

މިދިޔަ އަހަރުގެ ކާންސް ފިލްމް ފެސްޓިވަލްވައި ޝްރޫތާ ހާސަން ބަތަލާގެ ރޯލް ކުޅޭ ގޮތަށް އިއުލާން ކުރި އަގު ބޮޑު ތާރީހީ ފިލްމްގެ ބަތަލާގެ ރޯލަށް ޑިޝާ ޕަޓްނީ ހަމަޖައްސައި، ފިލްމްގެ ޝޫޓިން ފަށަން ތައްޔާރުވެއްޖެ އެވެ.

ޝްރޫތީ ހިމަނައިގެން ފިލްމްގެ ޕޯސްޓަރު ވެސް ކާންސްގައި ދައްކާލައިފައި ވަނިކޮށް އޭނާ ފިލްމުން ވަކިވީ "ސަންގަމިތުރާ" ގެ މަސައްކަތް ރޭވި ގޮތަށް ކުރިއަށް ނުގޮސް ފިލްމްގެ މަސައްކަތް ދިގުލައިގެން ދިއުމާއި ފިލްމްގެ މުޅި ސްކްރިޕްޓް ކިޔާލަން ނުލިބުމުން ކުރިމަތިވި ހިތްހަމަނުޖެހުންތަކާ ގުޅިގެންނެވެ.

މި ފިލްމުން ފުރުސަތު ލިބުނުން ޑިޝާ ބުނީ ކެރިއަރުގެ މިހާ ކުރީކޮޅު ވަރުގަދަ ބޮޑު ފިލްމެއް ކުޅެން ލިބުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި އޭނާ ފިލްމަށް އެއްބަސްވީ، ޝްރޫތީގެ ބަދަލުގައި ކަމަށް ސިފަ ކުރަން ބޭނުން ނުވާ ކަމަށް މި އަހަރު ރިލީޒް ކުރި "ބާގީ 2" ގެ ބަތަލާ ބުންޏެވެ.

"ސަންގަމިތުރާ" އަށް ޑިޝާ ސޮއި ކުރި އިރު، ސަލްމާން ހާންގެ "ބާރަތު" އަށް ވެސް އޭނާ ސޮއިކޮށްފައިވެ އެވެ.

ސުންދަރް ސީ ޑައިރެކްޓް ކުރާ "ސަންގަމިތުރާ" އަކީ 8 ވަނަ ގަރުނުގެ އަންހެން ހަނގުރާމަވެރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި ފިލްމްގެ ބަތަލުންގެ ރޯލުން ފެނިގެން ދާނީ އަރިއާ އާއި ޖަޔަމް ރަވީ އެވެ.

ސްރީ ތެނަންޑާލް ފިލްމްސް އިން ހަދާ "ސަންގަމިތުރާ" ގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އޮގަސްޓް މަހު އެވެ. އަދި މި ފިލްމް ސިނަމާ އަށް ގެންނަނީ ތެލެގޫ، ތަމަޅަ އަދި ހިންދީ ބަހުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ސަންގަމިތުރާ" ވެގެން ދާނީ ބޮކްސް އޮފީހުގައި ރިކޯޑްތައް ހެދި "ބާހްބަލީ" އަށް ފަހު، ސައުތު ފިލްމް އިންޑަސްޓްރީގެ ކުޅަދާނަކަން ދައްކުވައިލާނެ ފިލްމަކަށެވެ.

އޮސްކާ ހާސިލުކޮށްފައިވާ އޭއާރް ރަހްމާން މިއުޒިކް ތައްޔާރުކޮށްދޭ ފިލްމް ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ.