27 ޖޫން 2018 - 14:43

ރިޔާސީ ދައުރު ފަށާ ތާރީޚާ މެދު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވެ، ބަންޑާރަ ނައިބުގެ ލަފައަކަށް އެދިއްޖެ އެވެ.
ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ރިޔާސީ ދައުރު ފަށާނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ހުވާ ކުރެއްވި ނޮވެމްބަރު 17 ގައި ތޯ ނުވަތަ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ، ނޮވެމްބަރު 11ގައިތޯ ކޮމިޝަންގެ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން، [އިންތިހާބުގައި ވާދަކުރަން ހުޅުވާލުން ޖުލައި] 15 ކަނޑައަޅާފައި އެ އޮތީ، ގާނޫނީ ގޮތުން އޮންނަ އަދަދު 120 ދުވަސް، ނޮވެމްބަރު 11 އަށް ނިމޭ ގޮތަށް. ނަމަވެސް ޚިޔާލު ތަފާތުވުން ހުރުމާ އެކީގައި އަޅުގަނޑުމެން މިހާރު ވާނީ، ގާނޫނީ ލަފައެއް ހޯދަން ހުށަހަޅާފައި،" ޝަރީފް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީން ނޮވެމްބަރު، 17، ގައި ވެރިކަމުގެ ހުވާ ކުރެއްވީ، 2013ގެ ރިޔާސީ އިންތިޚާބުގައި ކުރިމަތިވި މައްސަލަތަކަކާ ގުޅިގެން، ދެ ފަހަރަށް އިންތިޚާބު ފަސްކޮށް، ނޮވެމްބަރު 11 އަށް ރައީސްގެ މަގާމަށް މީހަކު އިންތިހާބު ނުކުރެވުމުންނެވެ.
ގާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން ހިނގަމުންދާ ރިއާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިއާސީ އިންތިހާބު ބާއްވަން ޖެހޭނެ އެވެ. ރިއާސީ އިންތިހާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި ހިނގަމުންދާ ރިއާސީ ދައުރުގެ މުއްދަތު ހަމަވާން 120 ދުވަހަށް ވުމާ އެކު ގިނަވެގެން 10 ދުވަހުގެ ތެރޭގައި، ރިއާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި އެކަން އިއުލާން ކުރަންޖެހޭނެ އެވެ.
ރާއްޖޭގައި އަމަލު ކުރަމުން އަންނަ ގޮތުން ރިއާސީ ދައުރު ގުނަން ފަށަނީ ރިއާސީ އިންތިހާބު ބާއްވާ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން މިހާރު ހިނގަމުންދާ ރިއާސީ ދައުރު ހަމަވުމުގެ 120 ދުވަސް ގުނަން ފަށާނީ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ.
ރިޔާސީ ދައުރު ހަމަވާ ތާރީޚު ކަނޑައަޅަނީ އިލެކްޝަންސް ކޮމިޝަނުން ނޫން ކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ އެއީ ދައުލަތުގެ ވަކި ފަރާތަކުން ގާނޫނުގައި ކަނޑައާޅާފައި އޮތް ތާރީޚެއް ކަމަށެވެ. އެހެންކަމުން ގާނޫނީ ލަފާ ލިބުމާއެކު، ރިޔާސީ ދައުރު ފަށާނެ ތާރީޚް އިލެކްޝަންސް ކޮމިޝަނުން އާއްމުކުރާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.