ޕްރިޔަންކާ ޗޯޕްޅާ "ބާރަތު" ކުޅެނީ ހިލޭ
ޕްރިޔަންކާ ޗޯޕްޅާ "ބާރަތު" ކުޅެނީ ހިލޭ

ސަލްމާން ހާނާ އެކު ޕްރިޔަންކާ ކުޅެން ހަމަޖެހިފައިވާ ފިލްމް "ބާރަތު" އަށް އޭނާ އެއްވެސް އަގެއް ނުނަގާ ކަމަށާއި އެ ފިލްމް ކުޅެދެނީ ހިލޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެކަމަކު މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރާ ފިލްމަށް ޕްރިޔަންކާ ސޮއިކުރީ 12 ކްރޯޑް ރުޕީސްއަށެވެ. އަދި އެ އަގާ އެކު ދީޕިކާ ޕަދްކޯން ފިޔަވައި، ބޮލީވުޑުން އެންމެ ބޮޑު އަގެއް ލިބޭ ތަރިއަކީ ޕްރިޔަންކާ ކަމަށް ބުނެފައިވެ އެވެ.

ދީޕިކާގެ އެންމެ ފަހުގެ ފިލްމް "ޕަދްމާވަތު" ކުޅުނީ 13 ކްރޯޑް ރުޕީސްއަށެވެ.

"ބާރަތު" ގެ ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ އިރު، އެ ފިލްމާ ގުޅުން ހުރި ފަރާތަކާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ އަލީއަކީ ޕްރިޔަންކާގެ ވަރަށް ގާތް ރައްޓެއްސަކަށްވެފައި، "ބާރަތު" އަކީ ސަލްމާންގެ އާއިލާ އިން އުފައްދާ ފިލްމަކަށްވާތީ އެ އާއިލާއާ ވެސް އޮތް ގާތް ގުޅުމުގެ ސަބަބުން ޕްރިޔަންކާ ފިލްމަށް އެއްވެސް އަގެއް ނުނަގަން ނިންމީ އެވެ.

މި ފިލްމަކީ 2016 ގެ "ޖެއި ގަންގާޖަލް" އަށް ފަހު، ޕްރިޔަންކާ ސޮއިކުރި ފުރަތަމަ ހިންދީ ފިލްމެވެ. މި ފިލްމަކީ ސަލްމާންގެ ޅިޔަނު އަދި ކުރީގެ އެކްޓަރު އަތުލް އަގްނިހޯތުރީ ޕްރޮޑިއުސް ކުރާ ފިލްމެކެވެ. އަދި އޭނާއާ އެކު ފިލްމްގައި ބުޝަން ކުމާރްގެ ޓީ ސީރިޒް ވެސް ހިއްސާވެ އެވެ.

"ބާރަތު" ގެ ކާސްޓުންގެ ތެރޭގައި ޕްރިޔަންކާ ނޫން ބަތަލާއިންތަކެއް ވެސް ހިމެނެ އެވެ. އެއީ ޑިޝާ ޕަޓްނީ އާއި ތައްބޫ އެވެ.

މި ފިލްމްގެ ޝޫޓިން ރަސްމީކޮށް ފަށާނީ ސަލްމާން މިހާރު އެމެރިކާގައި ކުރިއަށް ގެންދާ "ދަ-ބަންގް ރިލޯޑެޑް" ޓުއާ އަންނަ މަހު 8 ގައި ނިންމައިލުމަށް ފަހު އެވެ.

ޓީވީ ސިލްސިލާ "ކްއަންޓިކޯ" އާ އެކު ހޮލީވުޑަށް ހިޖުރަ ކުރި ފަހުން ޕްރިޔަންކާ މިހާރު އާންމުކޮށް އުޅެނީ އެމެރިކާގައި ކަމަށް ވިޔަސް، އޭނާ މި ވަގުތު ހުރީ އިންޑިއާގަ އެވެ. މި ދަތުރުގައި "ލޯބިވެރިޔާ" އަދި އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ވެސް ބައިވެރިވެ އެވެ.

އާއިލާ އާއި ގާތް މީހުންނަށް ނިކް ތައާރަފުކޮށް ދިނުމަށް ފަހު، ޕްރިޔަންކާ އާއި ނިކް ވަނީ ގޯއާގައި ޗުއްޓީ ވެސް ހޭދަކޮށްފަ އެވެ. އެ ދަތުރުގައި ބަތަލާ ޕަރިނީތީ ޗޯޕްޅާ ވެސް ބައިވެރިވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަންނަ އޮގަސްޓް މަހު ޕްރިޔަންކާ އާއި ނިކް ރަސްމީކޮށް އެންގޭޖްމަންޓް އިއުލާން ކުރާނެ އެވެ.