27 ޖޫން 2018 - 19:38

ކަސްޓަމާ އެކްސްޕީރިއަންސް (ސީއެކްސް) އެވޯޑު ލިބޭ ކުންފުނިތަކުން ގެންގުޅޭ ކާމިޔާބު ސްޓްރެޓަޖީ ތަކާ ގުޅޭ ގޮތުން ރިސާޗެއް ހަދަން ގައުމީ ޔުނިވާސިޓީއާ އެކު، ކަސްޓަމާ އެކްސްޕީރިއަންސް ފައުންޑޭޝަން މޯލްޑިވްސް އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އޮގަސްޓް މަހު ބާއްވަން ހަމަޖެހިފައިވާ "މޯލްޑިވްސް ބިޒްނަސް އެންޑް ކަސްޓަމާ އެކްސްޕީރިއަންސް އެވޯޑް" އަށް ހޮވޭ ކުންފުނިތަކުގެ އެކަޑެމިކް ރިސާޗެއް މި އެއްބަސްވުމުގެ ދަށުން ހެދުމަށްފަހު، ކޭސް ސްޓަޑީއެއް ވެސް އެމްއެންޔޫ އިން ހަދާނެ އެވެ. އަދި ރިސާޗާ ގުޅޭ ޕްރެޒެންޓޭޝަނެއް އެވޯޑް ނައިޓަށް ފަހު ދައްކާނެ އެވެ.
ދަރިވަރުންނާއި ޓީޗަރުން އަދި ކުންފުނިތަކަށް މި ރިސާޗްގެ ސަބަބުން ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ކަސްޓަމާ އެކްސްޕީރިއަންސް ފައުންޑޭޝަނުން ބުންޏެވެ. އަދި އޭގެ ސަބަބުން، ރާއްޖޭގެ ކުންފުނިތަކުން ގެންގުޅޭ ކާމިޔާބު ސްޓްރެޓަޖީތަކާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ލިބިގެން ދާނެ ކަމަށް ވެސް ބުންޏެވެ.
"މިހާރު" ގެ މީޑިއާ ޕާޓްނަރުކަމުގައި ބާއްވާ ސީއެކްސް އެވޯޑަށް ކުރިމަތިލާން ހުޅުވާލި މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. މިހާރު ކުރިއަށް ދަނީ އެވޯޑް ލިބޭނެ ކުންފުނިތައް ހޮވުމުގެ މަސައްކަތެވެ.
"މި އެވޯޑު ދިނުމުގެ ހަފުލާ ވެގެންދާނީ އިންޑަސްޓްރީގެ އޮސްކާއަށް. ބިޒްނަސް އަދި ސީއެކްސް އެވޯޑުން ދައްކައިދޭނީ ކުންފުނިތަކުން ކަސްޓަމަރުންނަށް ދޭ ހިދުމަތާ މެދު ލިބުނު ހިތްހަމަޖެހުމާއި ވިޔަފާރިއަށް ލިބުނު ކުރިއެރުން،" ކަސްޓަމާ އެކްސްޕީރިއަންސް ފައުންޑޭޝަން މޯލްޑިވްސް އިން ބުންޏެވެ.
މޯލްޑިވްސް ބިޒްނަސް އެންޑް ސީއެކްސް އެވޯޑް ޕްރޮގްރާމަކީ ޔޫކޭގެ އެތިކަލް އެވޯޑްސް އެކްރެޑިޓޭޝަން ބޯޑު ކަމަށްވާ އިންޑިޕެންޑެންޓް އެވޯޑްސް ސްޓޭންޑާޑް ކައުންސިލުން ފާސްކޮށްގެން ދޭ އެވޯޑެކެވެ. އަދި މި އެވޯޑް ޕްރޮގްރާމްގެ ޗެއާމަނަކީ ކަސްޓަމާ އެކްސްޕީރިއަންސްގެ ދާއިރާގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވާ ޑޮން ހޭލްސް އެވެ.