27 ޖޫން 2018 - 13:50

މި އަހަރުގެ ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 15ގައި ހުޅުވައިލާ ގޮތަށް ހަމަޖައްސާފައިވީ ނަމަވެސް އެ ތާރީޚަށް ބަދަލު އަތުވެދާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވައިލާ ތާރީޚު ފަސްކުރަން ކޮމިޝަނުގެ ވިސްނުން ހުރި ނަމަވެސް އަދި ވަކި ދުވަހެއް ނުނިންމާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހަޅަން ހުޅުވާލުން ފަސްކުރަނީ، ވީހާ ވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. އަދި ބައެއް ޕާޓީތަކުގެ ޕްރައިމަރީ ބޭއްވުން ފަދަ ކަންކަން ކުރިއަށް ހުރި ކަމުގެ މައުލޫމާތު ވެސް ނުރަސްމީކޮށް ލިބެމުންދާތީ އާއި މިހާރު ކަނޑައަޅާފައި އޮތް ތާރީޚާ ގުޅޭ ގޮތުން ބައެއް ޕާޓީތަކުން ނުރަސްމީކޮށް ސުވާލު ކުރަމުން އަންނާތީ ކަމަށް ވެސް ވިދާޅުވި އެވެ.
"އިންތިޚާބަށް ހުޅުވާލުން ޖުލައި 15 އަށް އޮތް ކަމުގައި ވިޔަސް ފަހަރެއްގައި ލަސްވެގެން ގޮސް 22، 23 އަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް. އަދި އަޅުގަނޑުމެން ގޮތެއް ނުނިންމަން،" ޝަރީފް ވިދާޅުވި އެވެ.
އިންތިޚާބުގެ އެކި ކަންކަމަށް ތާރީޚުތަކެއް ކަނޑައަޅާފައިވާ އިރު، މި ގޮތަށް ބައެއް ކަންކަން ފަސްކުރުމުން، އިންތިޚާބު ލަސްވެދާނެތޯ ދެންނެވުމުން، ޝަރީފް ވިދާޅުވީ، މިހާރު ކަނޑައަޅާފައި އޮތް ތާރީޚުގައި ވޯޓުލުން އޮންނާނެ ކަމަށެވެ. އެ ތާރީޚަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ތައްޔާރުވަމުން އަންނަ އިރު، މިހާތަނަށް ރިޔާސީ ކެންޑިޑޭޓުން އިއުލާން ކުރީ ވެރިކަން ކުރާ ޕީޕީއެމާއި އިދިކޮޅު އެމްޑީޕީންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ވެރިކަމުގެ ދެ ވަނަ ދައުރެއް ފުރިހަމަ ކުރައްވަން ރައީސް އަބްދުﷲ ޔާމީނަށް ޓިކެޓް ދީފައިވާ އިރު، އެމްޑީޕީގެ ޕްރައިމަރީގައި ނިންމީ އެ ޕާޓީގެ ކެންޑިޑޭޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.
އެކަމަކު ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝަރުތެއް އުނިވެފައިވާތީ އެމަނިކުފާނަށް މި އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ. ޖުމްހޫރީ ޕާޓީން އަދި ކެންޑިޑޭޓެއް ކަނޑަނާޅާ އިރު، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމުގެ މަސައްކަތް ފޭލްވަމުންދާތީ، ބެލެވޭ ގޮތުގައި އެ ޕާޓީން ވެސް އިންތިޚާބަށް ވަކި ކެންޑިޑޭޓަކު ނެރޭނެ އެވެ.
އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ލޯކަލް ގަވަރްމެންޓް އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް ހުސައިން ޝުޖާއު އެވެ.