27 ޖޫން 2018 - 13:22

ކެލިފޯނިއާ (ޖޫން 27) - ގަވާއިދާ ޚިލާފަށް އެމެރިކާ އަށް އެތެރެވާ މީހުން، އެ މީހުންގެ ކުޑަ ކުދިންނާ ވަކިކޮށްފައިވާ އާއިލާތައް 30 ދުވަސްތެރޭ އަލުން އެއްތަން ކުރަން ކޯޓުން އަންގައިފި އެވެ.
ކެލިފޯނިއާގެ ސެން ޑިއެގޯ ޑިސްޓްރިކްޓް ކޯޓުގެ އަމުރުގައިވާ ގޮތުން އުމުރުން ފަސް އަހަރުން ދަށުގެ ކުދިން އެ ކުދިންގެ އާއިލާތަކާ ދެ ހަފުތާ ތެރޭ އަލުން ގުޅެން ޖެހޭނެ އެވެ. ކޯޓުން މި ގޮތަށް ނިންމާފައި ވަނީ އެމެރިކާ އަށް އެތެރެވި ކޮންގޯގެ މަންމައަކާއި އޭނާގެ ހަތް އަހަރުގެ ދަރިފުޅު ވަކިކުރުމާއި ބްރެޒިލްގެ އަންހެނެއްގެ 14 އަހަރުގެ ދަރިފުޅު މަންމައާ ވަކިކޮށްފައިވާ މައްސަލާގައި އެމެރިކަން ސިވިލް ލިބަޓީސް ޔޫނިއަން އިން ކޯޓަށް ހުށަހެޅި މައްސަލައިގަ އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ "ޒީރޯ ޓޮލެރަންސް" ސިޔާސަތުގެ ދަށުން ހައްޔަރު ކުރާ މީހުންނާއި އެ މީހުންގެ ކުޑަ ކުދިން ވަކިކުރަނީ ބޮޑެތި މީހުންނާ އެކު ހައްޔަރުކޮށްފައި ނުބޭތިއްބޭތީ އެވެ. "ޒީރޯ ޓޮލަރެންސް" ސިޔާސަތު ޓްރަމްޕް މިދިޔަ ހަފުތާގައި ވަނީ އުވާލައްވައިފަ އެވެ. ނަމަވެސް ސިޔާސަތަށް އަމަލު ކުރަން ފެށި ފަހުން ދެހާހެއްހާ ކުދިން ވަނީ އެ ކުދިންގެ އާއިލާތަކާ ވަކިވެފަ އެވެ. އެމެރިކާގެ ފެޑެރަލް އެޖެންސީތަކުގެ ބެލުމުގެ ދަށުގައި ވަރަށް ތުއްތު ކުދިން ވެސް އެބަތިއްބެވެ.
ކެލިފޯނިއާގެ ކޯޓުން މި ގޮތަށް ނިންމި އިރު އެމެރިކާގެ 18 ސްޓޭޓެއްގެ އެޓާނީ ޖެނެރަލުން ވަނީ ޓްރަމްޕުގެ ސިޔާސަތާ ދެކޮޅަށް ސިއެޓްލްގެ ޑިސްޓްރިކްޓް ކޯޓަށް މައްސަލަ ވައްދައިފަ އެވެ. އޭގެ ތެރޭގައި ވޮޝިންޓަން، ނިއު ޔޯކް އަދި ކެލިފޯނިއާ ވެސް ހިމެނެ އެވެ.