27 ޖޫން 2018 - 14:45

ރިޔާސީ އިންތިހާބު ކުޑަތަންވެފައި ވަނިކޮށް އިންތިހާބުގެ ގާނޫނީ އޮނިގަނޑަށް ބަދަލުތަކެއް ގެންނާތީ ސުވާލު އުފެދޭ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން މިއަދު ބުނެފި އެވެ.
އިންތިހާބުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅިގެން ނެރުނު ނޫސް ބަޔާނުގައި ޓީއެމުން ބުނީ، އެ ގާނޫނު އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ބިލަކީ ޖުމުލަގޮތެއްގައި ހެޔޮބަދަލުތަކެއް އަންނާނެ ބިލެއް ކަމަށެވެ. ނަމަވެސް އިންތިހާބަށް ކުރިމަތިލުމާއި ޓީވީ ސްޓޭޝަންތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެ އިސްލާހުތަކުގެ ސަބަބުން އެބަ އޮތް ކަމަށް ބުންޏެވެ.
އެ ޖަމިއްޔާއިން ބުނީ އިންތިހާބަށް ތިން މަހަށް ވެފައި ވަނިކޮށް ގާނޫނީ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމުން، ހަމަހަމަ ފުރުސަތެއް ނެތް ކަމަށް ދެކެވޭ ވާހަކަތަކަށް ބާރުލިބޭ ކަމަށެވެ.
"އިންތިހާބު ބާއްވަން ތިންމަހަށް ވެފައިވަނިކޮށް އިންތިހާބީ ގާނޫނީ އޮނިގަނޑަށް މިފަދަ ބަދަލުތަކެއް ގެނައުމަކީ އިންތިހާބީ ނިޒާމާމެދު އިތުރު ސުވާލުތަކެއް އުފެދޭ ކަމެކެވެ. އަދި މިދަނޑިވަޅުގައި މިދަފަ ބަދަލުތައް ގެނައުމަކީ، ވާދަވެރި ހަމަހަމަ އިންތިހާބަކަށް ފުރުސަތެއް ނެތްކަމަށް ދެކެވޭ ވާހަކަތަކަށް ބާރުލިބޭ ކަމެކެވެ،" ޓީއެމްގެ ބަޔާނުގައި ބުންޏެވެ.
ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލިމަންޓް ގްރޭޕުގެ ލީޑަރު އަހުމަދު ނިހާން ވަނީ އެހެން ގައުމެއްގެ ރަށްވެހިކަން ހޯދާފައިވާ މީހަކު ބޭރުގެ ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ އިންތިހާބަށް ކުރިމަތިނުލެވޭނެ ގޮތް ހަދަން އިސްލާހު ހުށަހަޅައިފަ އެވެ. ސަރުކާރުން ވެސް ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ވޯޓު ކަރުދާހުގައި ރަނގަޅު ފާހަގަ ނޫން އެހެން ފާހަގައެއް ޖަހައިފި ނަމަ އެ ވޯޓެއް ބާތިލުވާ ގޮތް ހިމެނެ އެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން މިހާރު ދައްކަން ޖެހޭ ފީ 40،000ރ. ގެ ބަދަލުގައި 100،000ރ. އަށް އެ އަދަދު ބޮޑުކުރަން ވެސް ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.
ޓްރާންސްޕޭރެންސީން ބުނީ އިތުރު ކުރެހުންތައް ކުރަހާފައި ހުންނަ ވޯޓު ކަރުދާސްތައް ބާތިލްކުރުމަކީ ވޯޓު ގަތުން ފަދަ ކަންކަމަށް އެޅޭނެ ހުރަހެއް ކަމަށެވެ. އަދި ވޯޓުގެ ސިއްރުކަން ކަށަވަރުކުރުމަށް އެޅޭ ފިޔަވަޅަކަށް ވެސް ވާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އޭގެ އިތުރުން އިންތިހާބުތަކާ ގުޅިގެން ކެންޑިޑޭޓުން ހޭދަކުރާ ފައިސާގެ މައްސަލަތަކާ ގުޅޭގޮތުން ވެސް ޓީއެމުން ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ.
ޓީވީ ޗެނަލްތަކުން ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ނުދޭ ހާލަތްތަކުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ޓީވީ ޗެނަލްތަކާ ދެކޮޅަށް ދައުވާކުރެވޭ ގޮތަށް އޮތުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.