27 ޖޫން 2018 - 11:57

މޯޗަރީގައި މައްޔިތާ ބާއްވަން ނަގާ ފީ ސަރުކާރުން މިއަދު ބޮޑުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ކުރިން ދުވާލަކަށް ނަގަނީ 1،000 ރުފިޔާ އެވެ. އެކަމަކު އަލަށް އެކުލަވާލި އުސޫލުގައިވާ ގޮތުން ދިވެހިންނާއި ބިދޭސީންނަށް ނަގާ ފީއަށް ވެސް ވަނީ ވަރަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ.
އާ އުސޫލުގެ ދަށުން، ދިވެއްސެއް ނަމަ ދުވާލަކަށް 1،500 ރުފިޔާ ނަގަ އެވެ. ވޯކްޕާމިޓް އޮންނަ ބިދޭސީއެއް ނަމަ މޯޗަރީގައި ބޭއްވުމުގެ ފީއަކީ 2،500 ރުފިޔާ އެވެ. އޭގެ އިތުރުން ޓޫރިސްޓު ވިސާގައި ރާއްޖެ އަންނަ ބިދޭސީއެއް ނަމަ، އޭނާގެ ހަށިގަނޑު މޯޗަރީގައި ބޭއްވޭނީ ދުވާލަކަށް 500 ޑޮލަރު (7،705 ރުފިޔާ) ދައްކައިގެންނެވެ.
އުސޫލުގައި ބުނެފައިވާ ގޮތުން، ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، މައްޔިތަކު މޯޗަރީގައި ބާއްވާ ނަމަ އެ ބާއްވާ ކޮންމެ ދުވަހަކަށް ފީ ދައްކާނީ ފުލުހުންނެވެ.
މޯޗަރީން މައްޔިތާ ނެރެވޭނީ ފައިސާ ދެއްކުމުން ކަމަށް ވެސް އާ އުސޫލުގައިވެ އެވެ.
މޯޗަރީއަށް ލާ ކޮންމެ މީހެއްގެ މައުލޫމާތު ހިމެނޭ ދަފުތަރެއް، އެތަނުގައި ބާއްވަން އާ އުސޫލުގެ ދަށުން ލާޒިމްވެ އެވެ.