27 ޖޫން 2018 - 11:26

ކަޒާން (ޖޫން 27) - މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ އުމުރުން 29 އަހަރުގެ މާކޯ ރެއުސް ޖަރުމަނު ޓީމާ އެކު ކުޅޭ ބައިނަލްއަގްވާމީ ފުރަތަަމަ މުބާރާތެވެ. އެކި ސަބަބުތަކާ ހުރެ ކުރިން ޖަރުމަނު ކުޅުނު މުބާރާތްތަކުގައި ރެއުސް ނުކުޅެ އެވެ. މިރޭ ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުން ޖަރުމަނަށް މަޖުބޫރުއިރު، ކަޓައިފިނަމަ އޭނާގެ ހިތްހަލާކުވާނެ ކަމަށް ރެއުސް ވަނީ ބުނެފަ އެވެ.
ޖަރުމަނުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނުއިރު ރެއުސް ވަނީ ހަ މެޗުން ފަސް ލަނޑު ޖަހައި ތިން ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ޖަރުމަނު ޓީމާ އެކު އެ ފަހަރުގެ ވޯލްޑް ކަޕަށް ރެއުސް އަށް ނުދެވުނީ ވޯލްޑް ކަޕް ފެށެން މަދު ދުވަސްކޮޅަކަށް ވެފައި އޮއްވައި ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ.
އަނިޔާއިން ރަނގަޅުވެ އަލުން ޖަރުމަނަށް ފުރަތަމަ ފަހަރަށް ރެއުސް ކުޅުނީ އާޖެންޓީނާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަކުންނެވެ. އެ މެޗުން ޖަރުމަނު ބަލިވީ 4-2 އިންނެވެ. އޭގެ ފަހުން 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ދިޔަ ޖަރުމަނު ސްކޮޑުން ރެއުސް އަށް ފުރުސަތު ގެއްލުނީ ފަހު ވަގުތު އުކުޅުވަޅަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.
ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ރެއުސް އަލުން ޖަރުމަނަށް މެޗެއް ކުޅުނީ މި ފަހަރުގެ ވޯލްޑް ކަޕްގެ ކުރިން އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގަ އެވެ. އެ މެޗުން ޖަރުމަނު ބަލިވީ 2-1 އިންނެެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަނުން ކުޅުނު ފުރަތަމަ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ރެއުސް ކުޅެން އެރިއިރު، އެ ޓީމު ވަނީ މެކްސިކޯ އަތުން 1-0 އިން ބަލިވެފަ އެވެ.
އެންމެ ފަހުން ސްވިޑަންއާ ދެކޮޅަށް ޖަރުމަނު ކުޅުނު މެޗުގައި ރެއުސް ވަނީ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. އެ މެޗުގައި ސްވިޑަން އިން ފުރަތަމަ ލަނޑެއް ޖަހައި ޖަރުމަނު ހާސްކޮށްލިއިރު، ދެ ވަނަ ހާފުގައި ޖަރުމަނަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖެހީ ރެއުސް އެވެ. އަދި އިތުރު ވަގުތުގައި ޓޮނީ ކްރޫސް ޖަރުމަނު މޮޅުކޮށްދިން ލަނޑު ޖެހިއިރު، ފުރުސަތު ތަނަވަސްކޮށްދިނީ ވެސް ރެއުސް އެވެ. އަދި ހިލޭ ޖެހުން ގޯލަށް ޖަހަން ހިތްވަރުދިނީ ވެސް ރެއުސް ކަމަށް ކްރޫސް ވަނީ ބުނެފަ އެވެ.
"މިއީ އަހަރެން ގައުމީ ޓީމާ އެކު ކުރާ ފުރަތަމަ ބޮޑު ތަޖުރިބާ. ބޭނުމެއް ނޫން ގްރޫޕް ސްޓޭޖުން ކަޓައިގެންދާން. އެއީ އަހަރެންގެ ހިތްހަލާކުވެދާނެ ކަމެއް. އަނިޔާގެ ސަބަބުން ކުރިން މުބާރާތްތަކުގައި ނުކުޅެ ހުުރިއިރު ވީ ވަރަށް ވުރެ ބޮޑަށް ދެރަވާނެ،" ރެއުސް ބުންޏެވެ.
ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ބުނީ އެ ޓީމަކީ އެހެން އެއްވެސް ޓީމަކަށް ބަރޯސާ ނުވެ ދެ ވަނަ ބުރަށްދާނެ ޓީމެއް ކަމަށެވެ. ގްރޫޕްގެ ފަހު މެޗުގައި ދެކުނު ކޮރެއާ އަތުން 2-0 އިން ޖަރުމަނު މޮޅުވެއްޖެނަމަ އެ ޓީމަށް އަނެއް ބުރުގެ ޖާގަ ޔަގީންވާނެ އެވެ.
ވޯލްޑް ކަޕުގެ އެންމެ ފަހުގެ ދެ ޗެމްޕިއަނުން ވެސް ގްރޫޕް ސްޓޭޖުން ވަނީ ކަޓައިފަ އެވެ. އެކަމަކު ވޯލްޑް ކަޕް ތާރީހުގައި މިހާރުގެ ފޯމެޓަށް ކުޅެން ފެށި ފަހުން ޖަރުމަނު ފުރަތަމަ ބުރުން ނުކަޓަ އެވެ.
ދެކުނު ކޮރެއާ އާއި ޖަރުމަނު ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ހަތެއް ޖަހާއިރު އެެވެ.