ރޮހިންޖާ މީހުންނަށް އަނިޔާ ދިން ޖެނެރަލް މަގާމުން ވަކިކޮށްފި
ރޮހިންޖާ މީހުންނަށް އަނިޔާ ދިން ޖެނެރަލް މަގާމުން ވަކިކޮށްފި

ނޭޕީޑޯ (ޖޫން 27) - ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އަނިޔާ ދިން މިއަންމާ ސިފައިންގެ އިސް ޖެނެރަލް މަގާމުން ވަކިކޮށްފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު މުސްލިމުންނާ ދެކޮޅަށް ރަކީން ސްޓޭޓުގައި މިއަންމާ ސިފައިން ހިންގި އަނިޔާވެރި އަމަލުތަކާ ގުޅިގެން ހަތް ލައްކައެއްހާ މީހުން ވަނީ އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ. ހުޅަނގާއި އެމެރިކާ އިން ސިފަކޮށްފައި ވަނީ އެއީ ނަސްލެއް ނައްތާލުމަށް މިއަންމާގެ އަސްކަރިއްޔާ އިން ހިންގި ޖަރީމާތަކެއްގެ ގޮތުގަ އެވެ.

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އަނިޔާ ދިން އިރު ވެސް މިއަންމާ ސިފައިންގެ އިސް ޖެނެރަލުންނަށް ފިޔަވަޅު އަޅާފައި ނުވާތީ މިއަންމާ ސަރުކާރަށް ފާޑު ކިޔުންތައް އަމާޒުވެފައިވެ އެވެ. ނަމަވެސް މިއަންމާ ސިފައިންގެ ފޭސްބުކް ޕޭޖުގައި ދާދި ފަހުން ބުނެފައި ވަނީ ރަކީން ސްޓޭޓުގެ ވެސްޓަން ކޮމާންޑުގެ ކުރީގެ ވެރިޔާ މޭޖާ ޖެނެރަލް މައުން މައުން ސޮއެ މަގާމުން ދުރުކޮށްފައިވާ ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ ރަކީން ސްޓޭޓަށް ހަމަޖެހުން ގެނައުމުގައި އޭނާގެ ޒިންމާ ފުރިހަމަ އަށް އަދާކޮށްފައި ނުވާތީ އެވެ.

އޭނާ މަގާމުން ދުރުކުރި ކަމަށް މިއަންމާ ސަރުކާރުން ބުނެފައި މި ވަނީ އެ ގައުމުގެ ސިފައިންގެ ހަތް އޮފިސަރުންނާ ދެކޮޅަށް ޔޫރަޕިއަން ޔޫނިއަން އިން ފިޔަވަޅު އަޅާފައި ވަނިކޮށެވެ. އީޔޫ އިން ފިޔަވަޅު އެޅި މީހުންގެ ތެރޭގައި މައުން މައުން ސޮއެ ވެސް ހިމެނެ އެވެ. ރޮހިންޖާ މައްސަލައިގައި އެމެރިކާ އިން މިދިޔަ އަހަރު ފިޔަވަޅު އެޅި މީހުންގެ ތެރޭގައި ވެސް މައުން މައުން ސޮއެ ހިމެނެ އެވެ. ކެނެޑާ އިން ވެސް ބުނެފައި ވަނީ އީޔޫ އިން ފިޔަވަޅު އެޅި މިއަންމާ ސިފައިންގެ ހަތް އޮފިސަރުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.