28 ޖޫން 2018 - 07:25

ފޮޓޯ ނަގަން ޝައުގުވެރިކަން ހުންނަ މީހުންނަށް އަމާޒުކޮށް ފެށި އިންސްޓަގްރާމަކީ މިހާރު އެއަށްވުރެ މާ ފުޅާވެފައިވާ ވަސީލަތެކެވެ. އެންމެ ފަހުން އިންސްޓަގްރާމަށް ގެނައި ބަދަލުތަކުގައި ވީޑިއޯ ޗެޓް ވަނީ ހިމަނައިފަ އެވެ.
ވީޑިއޯ ޗެޓް ކުރާނީ ޑައިރެކްޓް ޓެބުންނެވެ. އެކަކާ ނުވަތަ ގިނަވެގެން ހަތަރު މީހުންގެ ގްރޫޕެއްގެ މެދުގައި ވީޑިއޯ އިން ޗެޓްކުރެވެއެވެ. މިކަން ކުރެވޭނީ ޑައިރެކްޓް ގުޅުމެއް ގާއިމުކޮށްފައިވާ އެކުވެރިންގެ މެދުގައެވެ. ބްލޮކްކޮށްފައިވާ މީހުންނާއި މިއުޓްކޮށްފައިވާ މީހުންނާއެކު ވީޑިއޯ ޗެޓެއް ނުކުރެވޭނެއެވެ.
ކުރިން ވެސް އޮންނަ އެކްސްޕްލޯ ޓެބަށް މިފަހަރު ވަނީ ބަދަލެއް ގެނެސްފައެވެ. މި ބަދަލުގެ ސަބަބުން ކުރިއާ ޚިލާފަށް ވަކި މައުލޫއަކަށް ބިނާކޮށް ފޮޓޯ އާއި ވީޑިއޯ ހޯދޭނެއެވެ. މިސާލަކަށް، ޖަނަވާރުގެ ދާއިރާއާ އާކިޓެކްޗާގެ ދާއިރާ ހިމެނެއެވެ. އަދި އެ އިރެއްގައި އެންމެ ހިނގާ "ޓްރެންޑިން" މައުލޫތަކުގެ ހޭޝްޓެގް ވަކިން ހޯދެއެވެ.
އިންސްޓަގްރާމަށް މިފަހަރު އައި އެންމެ ހިތްގައިމު ފީޗާއަކީ އޭއާރް ފިލްޓާއެވެ. ސްނެޕްޗެޓް ލެންސްތަކުން މަޝްހޫރުކަން ހޯދި މި ފީޗާ ބޭނުންކުރެވޭނީ ސްޓޯރީތަކުގައެވެ. ފޮޓޯތަކާއި ސެލްފީތަކުގައި އެމީހަކު ބޭނުންވާ ކުލަވަރެއް ޖައްސާލެވޭނެއެވެ. މިގޮތުން ބޭނުންކުރާ ފިލްޓާތަކަކީ މަޝްހޫރު މީހުންނާއި ނުފޫޒުގަދަ މީހުންނަށް ފަރުމާކޮށް އާންމުކުރުމުގެ އިޚުތިޔާރު ދޫކޮށްލާފައިވާ ފިލްޓާތަކެކެވެ.