28 ޖޫން 2018 - 07:24

މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުން އެކަހެރިވެ، ބާކީވެގެން ތިބޭ ޒަމާނެއް ނޫނެވެ. ޓެކްނޮލޮޖީގެ ދުނިޔޭގައި އެ މީހުންނަށް ވެސް ޖާގަ އެބައޮތެވެ.
މި ފުރުސަތު ހޯދައިދެނީ ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކުންނެވެ. "ސްޕީކްސީ" އަކީ ބީރު މީހުންނަށް އަމާޒުކޮށް އުފައްދާފައިވާ މިފަދަ ވަސީލަތެކެވެ.
ސްޕީކްސީގެ ބޭނުމަކީ ދެކެވޭ ވާހަކަތަކެއް، ސްމާޓްފޯނު ނުވަތަ ޓެބްލެޓް ފަދަ އާލާތަކުން ލިޔުމުން ފެންނާނެ ގޮތް ހަދައިދިނުމެވެ. މިކަމަށްޓަކައި ސްޕީކްސީގައި ބޭނުންކުރަނީ ހެދުމުގައި ހަރުކޮށްލާނެ މައިކަކާއި ސްމާޓްފޯން އެޕެކެވެ. މިއީ އާ ޓެކްނޮލޮޖީއެއް ނޫނެވެ. ނަމަވެސް ތަފާތަކީ މިއާ ގުޅާފައިވާ މައިކުތަކުން އަޑު ނަގާއިރު ވަށައިގެން އިވޭ އަޑުތައް ފަނޑުކޮށްލާ ކަމެވެ. ނަތީޖާއަކީ އެހެން ސިސްޓަމްތަކަށް ވުރެ މީގެ އަޑު ސާފުވުމެވެ.
ސްޕީކްސީ ފަރުމާކޮށްފައިވަނީ ވައިފައިކޮށް ގުޅޭ ނުވަ މައިކުގެ މައިކު ސެޓަކާއި މައި ސްޓޭޝަނަކާއެކު ބޭނުންކުރާ ގޮތަށެވެ. މައި ސްޓޭޝަން ނުވަތަ ޑޮކިން ސްޓޭޝަނަކީ ޗާޖުކުރާ ބުޑުގަނޑުވެސްމެއެވެ. މި ސްޓޭޝަން، މައިކުތަކާ 20 މީޓަރު ދުރުގައި ބަހައްޓައިގެން ވެސް އަޑު ނެގޭނެއެވެ. މިގޮތުން ނަގާ އަޑުން އިވޭ ވާހަކަތައް، ސްޕީކްސީ އެޕް އަޅާފައިވާ ފޯނަށް ވަގުތުން ވަގުތަށް ލިޔުމުން ފެންނަމުންދާނެއެވެ. ތަފާތު ކުލަތަކާއެކު، ވާހަކަ ދެއްކި މީހާގެ ނަމާވެސް އެކުގައެވެ. މިގޮތަށް ދެކެވޭ ވާހަކަތައް އެޕްގައި ރައްކާކުރެވެއެވެ. އަދި ބޭނުން ނަމަ ފަހުން ހޯދެން ވެސް ހުރެއެވެ.
މީގެ 3.5 މިލިމީޓަރުގެ ވާކޮޅަކުން ޑޮކިން ސްޓޭޝަނާއި ޓީވީއާ ނުވަތަ ސްމާޓްފޯނާ ގުޅުވާލައިގެން ބޭނުން ނަމަ ޚަބަރާއި ފިލްމާއި މަގުބޫލު ޑްރާމާތައް ވެސް ބަލައިލެވެއެވެ. ސްޕީކްސީ މެދުވެރިކޮށް އެވާހަކަތައް ދާނީ ލިޔުމުން ފޯނަށް އަރަމުންނެވެ. މިއަށް 120 ބަހާއި ބަހުރުވަ އެނގެއެވެ.