އެމްއެންޑީއެފް އުވާލަން ވިސްނާ ފަދަ ކޮސް ބަޔަކު ވެރިކަމަކަށް ނުހޮވާނެ: މިނިސްޓަރު
އެމްއެންޑީއެފް އުވާލަން ވިސްނާ ފަދަ ކޮސް ބަޔަކު ވެރިކަމަކަށް ނުހޮވާނެ: މިނިސްޓަރު

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އުވާލަން ވިސްނާ ފަދަ "ކޮސް" ބަޔަކު ރާއްްޖޭގެ ވެރިކަމަކަށް ދިވެހިން ނުހޮވާނެ ކަމަށް ވިދާޅުވެ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް، ކުރީގެ ބަންޑާރަ ނާއިބު ހުސްނުއް ސުއޫދަށް ރައްދު ދެއްވައިފި އެވެ.

"އަހަރެމެން އެދޭ ވެރިކަމެއްގައި" އެމްއެންޑީއެފް އުވާލާނެ ކަމަށް، ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު އިއްޔެ ވިދާޅުވި ވާހަކަ އަށް ރައްދު ދެއްވައި ފޭސްބުކް ސްޓޭޓަސްއެއްގައި މިނިސްޓަރު ވިދާޅުވީ އެމްއެންޑީއެފް އަކީ ގައުމުގެ އައްޑަނަ ކަމަށެވެ. އަދި ދިފާއީ ބާރު އުވާލަން ވިސްނާ ބަޔަކަށް ދިވެހިންގެ ތާއީދު ނެތް ކަމަށް ވިދާޅުވި އެވެ.

ސުއޫދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ފައިސާ އިން މިހާރު ވެސް ދުވާލަކު ހަތް މިލިޔަން ރުފިޔާ، ހަމައެކަނި އެމްއެންޑީއެފަށް ހަރަދު ކުރާ ކަމަށެވެ. އެހެންވެ، އެމްއެންޑީއެފް އުވާލައި އޭގެ ބަދަލުގައި ގާއިމު ކުރާނީ ކޯސްޓް ގާޑާއި މެރިން ޕޮލިސް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަލާމަތް ކުރެވޭ އެ ފައިސާ ހަރަދު ކުރާނީ، އަތޮޅުތަކުގެ ހޮސްޕިޓަލްތައް ތަރައްގީކުރަން ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްރަށުގައި ރަނގަޅު ސިއްހީ ފަރުވާ އާއި ސާފު ބޯފެން ނުލިބޭ އިރު، ސަލާމަތީ ބާރުތަކަށް ދުވާލަކު ހަތް މިލިޔަން ރުފިޔާ ހަރަދު ކުރުމަކީ ރާއްޖެ ކަހަލަ ކުޑަ ގައުމެއްގައި ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އަންނާރު ދިޔަ އާއި ސައުދީ އަރަބިއްޔާ އިން ގެންނަ މޮޅު ކަދުރު، ދުވާލަކު ތިން ފަހަރު ހުރިހާ އޮފިސަރުންނަށް ކާންދެން ޖެހެނީ ކީއްވެ ހެއްޔެވެ؟" ޓްްވީޓްގައި ސުއޫދު ވިދާޅުވި އެވެ.

ފަހަކަށް އައިސްް ސުއޫދު އަންނަނީ، "އަހަރެމެން އެދޭ ވެރިކަމެއްގައި" ނަމުގައި ދެން އަންނަ ސަރުކާރެއްގައި ގެންނާނެ ބަދަލުތަކާ ގުޅޭ ގޮތުން ގިނަ ޓްވީޓްތަކެއް ކުރައްވަމުންނެވެ.