"އަސްކަރީ ހިދުމަތާ ގުޅެން ޖެހުނަސް ކަންބޮޑެއްނުވޭ"
"އަސްކަރީ ހިދުމަތާ ގުޅެން ޖެހުނަސް ކަންބޮޑެއްނުވޭ"

މޮސްކޯ (ޖޫން 27) - މި ފަހަރުގެ ވޯލްޑް ކަޕުގައި ކަނޑައެޅި ޓާގެޓް ހާސިލްނުވެ އަސްކަރީ ހިދުމަތާ ގުޅެންޖެހުނަސް ކަންބޮޑުނުވާ ކަމަށް ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން ބުނެފި އެވެ.

ދެކުނު ކޮރެއާގެ ގާނޫނުގައިވާ ގޮތުން އެ ގައުމުގެ ފިރިހެނުން 28 އަހަރު ފުރުމުގެ ކުރިން ދެ އަހަރު މިލިޓަރީ (އަސްކަރީ) ހިދުމަތް އަދާކުރުން ލާޒިމެވެ. ސޮން އަށް އަންނަ މަހު އަށް ވަނަ ދުވަހު 26 އަހަރު ފުރޭއިރު، އެ ގައުމުގެ ގާނޫނު ބުނާގޮތުން އޭނާ ދެން ނުކުންނަން ޖެހޭނީ އަސްކަރީ މަސައްކަތުގަ އެވެ.

ދެކުނު ކޮރެއާ ސަރުކާރުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ އެ ގައުމުގެ ދެ ކުޅިވަރު ޓީމަށް ހާއްސަ އިނާޔަތެއްގެ ތެރެއިން އަސްކަރީ ހިދުމަތް އަދާކުރަން ނުޖެހޭ ގޮތަށް ހަދައިދީފަ އެވެ. އެއީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ފުޓްބޯޅަ ޓީމަށާއި 2006 ވަނަ އަހަރުގެ ބޭސްބޯލް ކްލަސިކް މުބާރާތުގައި ކުޅުނު އެ ގައުމުގެ ބޭސްބޯލް ޓީމަށެވެ. އެ ދެ ޓީމު ވެސް ކެޓީ ސެމީ ފައިނަލުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ދެކުނު ކޮރެއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އެ ޓީމުން މި ފަހަރުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ގޮސްފިނަމަ ޓީމުގައި ހިމެނޭ ކުޅުންތެރިން އަސްކަރީ ހިދުމަތް އަދާކުރަން ނުޖެހޭނެ ގޮތަށް ހަދައިދޭނެ ކަމަށް ބުނެފަ އެވެ.

ކުޅުނު ފުރަތަމަ ދެ މެޗުން ދެކުނު ކޮރެއާ ވަނީ ބަލިވެފަ އެވެ. ފުރަތަމަ މެޗުން ސްވިޑަން އަތުން 1-0 އިން ބަލިވިއިރު، ދެ ވަނަ މެޗުން ވަނީ 2-1 އިން މެކްސިކޯ އަތުން ބަލިވެފަ އެވެ. ދެ ވަނަ ބުރުގެ ޖާގައެއް ދެކުނު ކޮރެއާ އަށް ލިބޭނީ މިރޭ ރާއްޖެ ގަޑިން ހަތެއް ޖަހާއިރު ކުޅޭ މެޗުން ދެ ލަނޑުގެ ތަފާތުން ޖަރުމަނު ބަލިކޮށް، އަނެއް މެޗުގައި މެކްސިކޯ އިން ސްވިޑަން ބަލިކޮށްފިނަމަ އެވެ.

"ވޯލްޑް ކަޕް އަދި އަހަރެމެންނަކަށް ނުނިމޭ. އެއް ޕަސެންޓް ފުރުސަތެއް އޮތަސް އޭގެ އަށް މަސައްކަތް ކުރުން އޮތީ. އަހަރެމެން އުއްމީދެއް ދުލެއް ނުކުރަން. ޖަރުމަނަކީ ވަރަށް ވަރުގަދަ ޓީމެއް. އެކަމަކު ގަބޫލުކުރަން ޖެހޭ ބޯޅަ އަކީ ވަށް އެއްޗެއް. އަހަރެން ގަބޫލުކުރާ ގޮތުގައި އެއްވެސް ކަމަކާ ހާސްނުވެ މި މެޗުން މޮޅުވާން އުޅެފިނަމަ ކާމިޔާބުވާނެ." ސޮން ބުންޏެވެ.

އޭނާ ބުނީ އަސްކަރީ ހިދުމަތަށް ދާން ޖެހިދާނެތީ އެކަމާ ކަންބޮޑުނުވާ ކަމަށާއި ދެކުނު ކޮރެއާ ގައުމީ ޓީމުގެ ޖޯޒީ ލަނީ އަބަދުވެސް ފަހުރުވެރިކަމާ އެކު ކަމަށެވެ.

"މި ޖޯޒީ ލަނީ އަބަދުވެސް ފަހުރުވެރިކަމާ އެކު. އަސްކަރީ ހިދުމަތުގެ ވާހަކަތައް ފަހުން ކުރިއަށްދާނެ. މި ވަގުތު ފޯކަސް އަކީ ޓީމު،" ސޮން ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުގައި އަންނަ އޮގަސްޓް މަހު އޮންނަ އޭޝިއަން ގޭމްސް އަށްދާ ދެކުނު ކޮރެއާގެ ޒުވާން ޓީމާ އެކު ސީނިއާ ކުޅުންތެރިންގެ ޖާގަ އަށް ސޮން ގޮސްފިނަމަ އޭނާ އަސްކަރީ ހިދުމަތް އަދާކުރަން ނުޖެހޭ ގޮތަށް އަންނަނީ މަޝްވަރާކުރަމުންނެވެ. އެކަމަކު އެއާ މެދު ސޮންގެ ކްލަބް ޓޮޓެންހަމް ހޮޓްސްޕާސް އިން އަދި ވަކިގޮތެއް ނުނިންމަ އެވެ.