27 ޖޫން 2018 - 01:07

ސެއިން ޕީޓާސްބާގް، ރަޝިއާ (ޖޫން 27) - މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް މާކޯސް ރޯހޯ ޖެހި ގޯލުން 2-1 އިން ނައިޖީރިއާ ބަލިކޮށް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް އާޖެންޓީނާ އިން ހޯދައިފި އެވެ.

އާޖެންޓީނާ އަށް ދެ ވަނަ ބުރުން ފުރުސަތު ލިބުނު އަނެއް ސަބަބަކީ މި ގްރޫޕުގެ އަނެއް މެޗުން ކްރޮއޭޝިއާ އަތުން 2-1 އިން އައިސްލެންޑް ބަލިވުމެވެ.
ގްރޫޕްގެ އެއް ވަނަ ދިޔައީ 1998 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ދެ ވަނަ ބުރުން ފުރުސަތު ހޯދި ކްރޮއޭޝިއާ އެވެ. އެ ޓީމުން ވަނީ ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނަ އަށް ދިޔަ އާޖެންޓީނާ އަށް ލިބުނީ ހަތަރު ޕޮއިންޓެވެ. ތިން ވަނަ އަށް ދިޔަ ނައިޖީރިއާ އަށް ތިން ޕޮއިންޓް ލިބުނުއިރު، މުޅިން އަލަށް ވޯލްޑް ކަޕްގައި ވާދަކުރި އައިސްލެންޑް މުބާރާތް ނިންމާލީ އެއް ޕޮއިންޓާ އެކު އެވެ.
ދެ ވަަނަ ބުރުގައި އާޖެންޓީނާ އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ފްރާންސާ ދެކޮޅަށެވެ. އަދި ކްރޮއޭޝިއާ ބައްދަލުކުރާނީ ޑެންމާކާ އެވެ.
އާޖެންޓީނާ އިން މިރޭގެ މެޗަށް ނުކުތީ އެންމެ ފަހުން ކުޅުނު މެޗުގައި ނެރުނު ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްގެންނެވެެ. ގޮންޒާލޯ ހިގަައިން އާއި އެންހެލް ޑި މާރިއާ އަދި އެވާ ބަނޭގާ އަށް ފުރުސަތު ދިންއިރު، ގޯލު ބެލެހެއްޓީ ފުރަތަމަ ފަހަރަށް ކުޅުނު ފްރާންކޯ އަރްމާނީ އެވެ.
މެޗު ފަށައިގެން 14 ވަނަ މިނިޓްގައި އާޖެންޓީނާ އަށް ލީޑުނަަގައިދިނީ ބަނޭގާ ދިން ބޯޅައަކުން ލިއޮނަލް މެސީ އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި މެސީ ޖެހި ފުރަތަމަ ގޯލެވެ. އޭގެ އިރުކޮޅެއް ފަހުން މެސީ ދިން ބޯޅައަކުން އޭރިއާ ތެރެއިން ހިގައިން އަށް އެންމެ ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ. ހާފު ނިމުމުގެ ކުރިން އާޖެންޓީނާ އަށް ދެ ވަނަ ލަނޑެއް ޖަހައިދިނުމާ ގާތަށް މެސީ ޖެހިލި އެވެ. ހިލޭ ޖެހުމަކުން މެސީ ފޮނުވާލި ބޯޅަ ގޯލުގެ ދަނޑިއަށް އަމާޒުވީ ނައިޖީރިއާގެ ޒުވާން ކީޕަރު ފްރާންސިސް އޮޒޯހޯ އަތުގައި ޖެހިފައި ގޮހެވެ.
ދެ ވަނަ ހާފް ފަށައިގެން ހަތަރު ވަނަ މިނިޓްގައި ނައިޖީރިއާ އަށް އެއްވަރުކޮށްދިނީ ވިކްޓަ މޫސަސް އެވެ. މި ޕެނަލްޓީ އަކީ އާޖެންޓީނާގެ ހަވިއޭ މަޝެރާނޯ ނައިޖީރިއާގެ ލެއޮން ބަލޮގަން އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. އޭގެ ފަހުން ވެސް ނައިޖީރިއާ އިން ވަނީ ޕެނަލްޓީ ހޯދަން އެޕީލްކޮށްފަ އެވެ. އޭރިއާ ތެރެއިން ރޯހޯ އަތުގައި ޖެހުނު ބޯޅައެއްގައި ވީއޭއާރްގެ އެހީ ހޯދުމަށް ފަހު ރެފްރީ ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ.
މެޗުގެ 80 ވަނަ މިނިޓްގައި އާޖެންޓީނާ އަށް ލީޑުނަގައިދޭން ހިގައިން އަށް ލިބުނު ރަނުގެ ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އޭގެ ދެ މިނިޓް ފަހުން ނައިޖީރިއާގެ އޮޑިއޯ އިގާލޯ ފޮނުވާލި ބޯޅަ ކީޕަރު އަރްމާނީ ވަނީ މަތަކޮށްފަ އެވެ.
އޭގެ ނަތީޖާ އަކަށްވީ އާޖެންޓީނާ އަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި އެ ޓީމުން ލަނޑު ޖެހުމެވެ. ގަބްރިއެލް މެކާޑޯ ނަަގައިދިން ބޯޅަ އެއް އޭރިއާ ތެރެއިން ލިބުމުން ރޯހޯ ވަނީ ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ. އެންމެ ފަހުން ވޯލްޑް ކަޕްގައި ވެސް ނައިޖީރިއާ އަތުން އާޖެންޓީނާ މޮޅުވިއިރު، ރޯހޯ ލަނޑު ޖެހި އެވެ.
މި ލަނޑާ އެކު އާޖެންޓީނާ މޮޅުވެ 2002 ވަނަ އަހަރަށް ފަހު ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖުން ކެޓުމުގެ ބިރުވެރިކަމުން ސަލާމަތްވި އެވެ. އަނެއްކޮޅުން މިއީ 2002 ވަނަ އަހަރަށް ފަހު ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ނައިޖީރިއާ ކެޓި ފުރަތަމަ ފަހަރެވެ.
ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައިވުމުން ކްރޮއޭޝިއާ އިން މިރޭ އައިސްލެންޑާ ދެކޮޅަށް ނުކުތީ ފުރަތަމަ އެގާރަ އަށް ނުވަ ބަދަލެއް ގެނެސްގެންނެވެ. ފުރަތަމަ ހާފުގައި އައިސްލެންޑުން ގިނަ ހަަމަލާތަކެއް ފޮނުވާލި މި މެޗުގައި އެ ޓީމަށް ގިނަ ފުރުސަތުތައް ދިޔައީ ބޭނުމެއް ނުކުރެވި އެވެ. އޭގެ ތެރެއިން އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ އަލްފީ ފިންބޮގަސަން އާއި ގިލްފީ ސިގަޑްސަން އަށެވެ.
ދެ ވަނަ ހާފުގައި ކްރޮއޭޝިއާ އަށް ލީޑުނަގައިދިނީ މިލާން ބަޑެލް އެވެ. ނަތީޖާ ހަމަހަމަ ކުރަން އައިސްލެންޑުން ފޮނުވާލި ހަމަލާތައް ކްރޮއޭޝިއާ ގޯލު ބެލެހެއްޓި ކީޕަރު ލޮވްރޭ ކަލިނިޗް ވަނީ މަތަކޮށްފަ އެވެ. އެކަމަކު މެޗުގެ 76 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ސިގަޑްސަން ވަނީ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އައިސްލެންޑުން ކުރިއަށް ޖެހިގެން ކުޅެމުންދަނިކޮށް ކްރޮއޭޝިއާ އަށް މެޗުގެ ފަހު މިނިޓްގައި ލަނޑު ޖަހައިދީ އެ ޓީމު މޮޅުކޮށްދިނީ އިވާން ޕެރިސިޗް އެވެ.