ފަތިސްހަނދުވަރު
ފަތިސްހަނދުވަރު

އާދިއްތަ ދުވަހާ ގުޅޭ

ކުރެވެން މިއުޅެވެނީ ކީއްކަމާއި، ފަހުން ނުކުމެދާނެ ނަތީޖާއަކާ މެދު ކުޑަކޮށް ވެސް ޖިނާއަކަށް ވިސްނައެއް ނުލެވުނެވެ.

"އަހަރެ.." ޖިނާއަށް ބުނެވުނީ އެ ހިސާބަށެވެ.

ކުއްލިއަކަށް ރޯނު ކަނޑައިގެންދިޔައެވެ. ހިއްކަންއަޅައިފައި ހުރި ހުރިހައި އެއްޗެއް ބިންމައްޗަށް ވެއްޓުނެވެ. ޖިނާ ހުރީ ގާވެފައެވެ. އެހާ ފޮނިކަނޑައިފައި ދެމި ރޯނު އެހާ އަވަހަށް ކަނޑައިގެންދިޔައިމައެވެ. ޒޫނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

މެންދުރުގެ ވަގުތެވެ. ޖިނާ ކާން އައިއިރު ސަމަދު ކައިގެން ނުކުންނަނީއެވެ. ކާމޭޒުދޮށުގައި އިނީ ނިޝާ އެކަންޏެވެ. ނިޝާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ޖިނާ އަޅައިގެން ހުރި ނަންބަރު އައިނެވެ.

"އަސްތާ!" ސަމާސާ ރާގެއްގައި ނިޝާ ބުނެލިއެވެ. "މިއަދަކީ ބޮޑު ދުވަހެއްތާ!"

ޖިނާ އައިސް އިށީނެވެ. އައިނު ނަގައި މޭޒުމަތީގައި ބޭއްވިއެވެ. އަދި ތަށްޓަށް އެއްޗެހި އަޅަން ފެށިއެވެ.

"އަބަދުވެސް އައިނު ގެންގުޅެމޭ!" ޖިނާ ބުންޏެވެ. "ދުރު ފުދޭ ވަރަކަށް ސަކަރާތްވާނެ އެކަމަކު ލެންސު ގެންގުޅޭތީ މީހުންނަށް ނޭނގެނީ. ދެންމެ ރެސްޓުކޮށްލަން ވެގެން ލެންސު ނަގައިފަ ފަހުން ލައްވަން އުޅެނިކޮށް އެ ސޮރު ފުންމައިލައިފި. ނުވެސް ފެނުނު. ދެން މާލެ ދެވެންދެން މި ނާޅައެއް ނޫޅެވޭނެ. އަނެއްހެން ސަޅި ދޯ؟"

"މާތް ގޮތެއް އެބަހުރި،" ނިޝާ ހިނިތުންވެލަމުން ބުންޏެވެ. "އަޒޫ ގުޅި ދޯ؟"

ޖިނާއަށް ފެންތަށްޓެއް އަޅައިދީފައި ނިޝާގެ ތަށި ހިފައިގެން އިސްކުރާ ދިމާއަށް ހިނގައިގަތެވެ.

"މެސެޖެއް ފޮނުވީ،" ޖިނާގެ ރާގުގައި އެއްވެސް ހާސްކަމެއް ނެތެވެ. "ކޯޓަށް ފޯމު ލައިފީމޯ! ކާކަށް ދެރަވާނީ؟"

"އައްދެ! ހާދަ ކޫލޭ!" ނިޝާ ބުންޏެވެ.

"ހޮޓްވެގެން ކުރެވޭނެ ކަމެއް އެބައޮތް؟" ހިތުގައި ނުތަނަވަސްކަމެއް ހުއްޓަސް އެ ކަން ނުދެއްކުމުގައި ޖިނާ ކާމިޔާބު ހޯދަމުން ބުންޏެވެ. "ބާރުގަދަ ލޯތްބެއް ހޯދިދާނެ. ގަދަބާރުން ލޯތްބެއް ނުހޯދޭނެ! ދޮގެއް؟ އެންމެ ބޮޑު ޅައެއްޗެއް އެޅުނީ އަހަންނަށޭ. އަހަރެން ހީކުރީ އިންނަންވާނީ އަހަރެން ލޯބިވާ މީހަކާ ކަމަށް. އެކަމަކު މިހާރު ފިލާވަޅު ދަސްވެއްޖެ! ދެން އިންނާނީ އަހަރެންދެކެ ލޯބިވާ މީހަކާ."

ނިޝާ ކުއްލިއަކަށް އެތެރެއަށް ނޭވާލާން ފެށިއެވެ. ކުއްލިކުއްލިއަށެވެ.

"މަށަށް އެބަދުވާ ވަހެއް." ލާނެތް ރާގެއްގައި ނިޝާ ބުންޏެވެ.

"ތިވާނީ އަވަސްކަމަށް." އެނގުނުކަމަކަށް ޖިނާ ނުހެދިއެވެ.

ނިޝާ ނިތްއަރުވަން ފެށިއެވެ. ޖިނާ ފެންނަކަމަކަށް ނުހެދިއެވެ.

"އަހަންނަށް އެބަ އެނގެޔޭ ކާކުގެ ވާހަކަކަން ތި ދައްކަނީ،" ދިމާކުރާ ރާގެއްގައި ނިޝާ ބުންޏެވެ. "ގޭގަ އެހާ ބޮޑު ހާޖާނެއް ހިނގާއިރު ވެސް ޖިނާ މިތާ ހުންނާތީ މަގޭ ބޮލުގަ ރިއްސާތާ ދުވަސްކޮޅެއް ވެއްޖޭ!"

"ނޫނޭ! ގެއަށް ދާން ބޭނުން،" އެ ތަންކޮޅު ރަނގަޅުކޮށްލަން ޖިނާ ބޭނުންވިއެވެ. "މިއަދު ޗުއްޓީ އޯކޭ ވާއިރަށް ނައްޓާލާނަން. ހީވަނީ މިހާރު ވެސް އޯކޭވެފަހެން އޮންނާނީ."

ނިޝާއަކަށް ގަބޫލެއް ނުކުރެވުނެވެ.

"ތިހެން ބުނާނެ،" ނިޝާ ބުންޏެވެ. އަދި ވަރަށް މަޑުމަޑުން ބުންޏެވެ. "ތިއުޅެނީ ޒޫނާޔާ އަވަލަވައިގެން. ޒޫނާގެ މަންމަޔާ ގުޅަންވީނު. މައިޓު ރުއްސާލީމަ.."

ކުއްލިއަކަށް ޖިނާ ގަޑިއަށް ބަލައިލިއެވެ.

"އޭ! މިއަދު ހަވީރު ޒޫނާގެ މަންމަ ވިޒިޓްކުރާނެ!" ޖިނާ ބުންޏެވެ. "އެ ލޯންޗުން ކަންނޭނގެ އަހަރެން ދާން ހަމަޖެހިފަ އޮތީ. ދާންވީ ހުރިހާ ވަލެއް އެއްވަލަކަށް ހަދައިގެން ހުންނަން. ނަސީބެއް ނިޝާ ހަނދާންކޮށްދިންކަން."

ޖިނާ އުންމީދުކުރި އުފާވެރި ޚަބަރު ލިބުނީ އެ ވަގުތުއެވެ. ފޯނަށް އައީ މެސެޖެކެވެ. ޗުއްޓީ ހަމަޖެހުނީއެވެ. ހަމަ އެހާ އުފާވެރި ޚަބަރެއް ޢަލީއަށް ވެސް ލިބުނެވެ. ޑިޔުޓީ ނިންމައިލައިފައި ކޮޓަރިއަށް ވަންތަނާއެވެ.

"ވަރަށް ކޮނެފިން،" ވާހަކަދެއްކީ ޖަޢުފަރެވެ. "ޖޭމޭގެ ނަންބަރެއް ހަމަ ނުލިބުނު. އަތުޖެހުނީ އިހުސާން މަރުވިއިރު އިނދެގެން އުޅުނު މީހާ. އޭނަ ހުރީ ގުރައިދޫގަ. ކުރިން ވެސް ބުނީމެއްނު! އެކަމަކު މިހާރު އޭނަ ނޯމަލް ވެއްޖެ! މަ ފޮނުވާނަން ސަމަދުގެ ނަންބަރު. އެއީ އެ ތަނުގެ އިންޗާޖު! ވަރަށް ރައްޓެހިވާނެ. ބުނެފަ އޮންނާނީ އައްޔަ ގުޅާނޭ. ޒޫނާޔާ ވާހަކަދެއްކޭ ގޮތް ވެސް ހަދައިދޭނެ. އަހަން ބޭނުން އެއްޗެއް އަހާ."

ޢަލީއަށް ފުރަތަމަ ލިބުނީ ޝޮކެވެ. ޒޫނާއަކީ ޢަލީ ދަންނަ މީހެއް ނޫނެވެ. އަދި އެ އިހުސާނަކީ ޢަލީގެ ބައްޕަކަމެއް ވެސް ޢަލީއަކަށް ނޭނގެއެވެ. ގުޅައިފައި އަހަންވީ ކީކޭކަމެއް ވެސް ނުވިސްނުނެވެ.

"އޭރުންނޯ؟" ޢަލީ ބުންޏެވެ.

"ބުނަން ވާހަކައެއް އައްޔާ!" ޖަޢުފަރު ބުންޏެވެ. "ލަދަކާ ހުރެ ތަދެއް ނުފިލާނެ. ބައްޕަ ގޮވައިގެން ލަންކާއަށް ނައްޓައިލަން ނުޖެހުނު ނަމަ އައްޔަ ގޮވައިގެން ގުރައިދުއަށް ދާނީ ވެސް މަ. އޯކޭ! ބެސްޓު އޮފް ލަކް. ވާނުވާ އަންގާތި! މާލޭގަ އުޅޭއިރު ސައިކު ބޭނުންވެއްޖެއްޔާ ގެއަށް ގޮސް ނަގާ އިނގޭ. ކުޑަބެ އަތަށް ކީ ދީފަ ބާއްވާނަން."

ޖަޢުފަރު ފޯނު ކަނޑައިލުމުން ވެސް ޢަލީ ފޯނު ހިފަހައްޓައިގެން އިރުކޮޅަކު އިނެވެ. އިރުކޮޅަކުން މެސެޖެއް އައެވެ. ސަމަދުގެ ފޯނު ނަންބަރު ލިބުނެވެ.

"މަންމަ ނުޖައްސާނެ ދޫކަމެއް!" ހިތާހިތުން ޢަލީ ބުނެލިއެވެ.

ސަކީނާއާއި ގާދިރު އައި ލާންޗު ގުރައިދޫ ފާލަމާ ކައިރިކުރިއެވެ. ސަކީނާ އިނީ ވަރަށް ނުތަނަވަސް ވެފައެވެ. އިރުއިރުކޮޅާ ގާދިރު ހިތްވަރުދޭން ޖެހެއެވެ.

"މީ އެހާ ކަމެއް ނޫނޭ ސަކީނާ،" ގާދިރު ބުންޏެވެ. "އެ ތިބީ ބޮޑެތި މީހުން ބަލާ އައިސް. ތަންކޮޅެއް ހަމަޖެހިލަބަލަ!"

ޖިނާއާއި ސަމަދު ތިބީ ފާލަންމަތީގައެވެ. ސަކީނާ ފާލަމަށް ފޭބިއިރު ވެސް އޭނަގެ މޫނުމަތިން ހާސްކަމެއް ނުފިލައެވެ. އެންމެން ސަލާންކުރުމަށް ފަހު އެއްގަމަށް ހިނގައިގަތެވެ.

"ޒޫނާއަށް އަހަރެން އެނގޭނެބާ؟" ސަކީނާ ސުވާލުކުރިއެވެ.

"ކަށަވަރުތާ!" ހިނިތުންވެލައިފައި ސަމަދު ބުންޏެވެ. "ފޯނުން ވެސް ވާހަކަދައްކައިފީމެއްނު! އިރާދަކުރެއްވީތީ މިހާރު ހަމަ މުޅިން ރަނގަޅު ވެއްޖެ! ޖިނާގެ މަސައްކަތް އެއީ."

ޝުކުރުވެރިކަމާ އެކުގައި ސަކީނާ ބަލައިލީ ޖިނާއަށެވެ. ޖިނާ ހިނިތުންވެލިއެވެ.

"އެންމެންގެ މަސައްކަތް އެއީ،" ޖިނާ ދެކޭ ގޮތް ހާމަކުރިއެވެ. "ﷲ ގެ ވާގިފުޅާ، ހެޔޮއެދޭ މީހުންގެ ދުޢާ ވެސް އެ ކަމުގަ ޝާމިލުވާނެ. މިހާރު އެންމެ މުހިންމުކަމަކީ ގެއަށް ގޮސް ޒޫނާއަށް ދެން ކުރިމަތިލާންޖެހޭ ކަންކަމަށް ސަމާލުވުން. ވަރަށް ބޮޑު ކަންތައްގަނޑަކުން ޒޫނާ އެ ސަލާމަތްވީ! އެކަން ދަންނަންވާނެ."

ވާހަކަފޮތެއް ހިފައިގެން ޒޫނާ އޮތީ ޖޯލީގައެވެ.

"ޒޫނާ!" ސަމަދު ގޮވައިލި އަޑު ޒޫނާއަށް އިވުނެވެ.

ޒޫނާ ބަލައިލިއެވެ. އެ ހިނދު ޒޫނާގެ މޫނުމައްޗަށް އުފާވެރިކަން ވެރިވިއެވެ. މަންމަ ފެނުނީމައެވެ. ޖިނާއާއި ސަމަދު ތިބީ ތަންކޮޅެއް ފަހަތުގައެވެ. ގާދިރު ހުރީ ސަކީނާ ގާތުގައެވެ. ޖޯއްޔަށް ފޮތް އެއްލައިފައި ޒޫނާ ދުއްވައިގަތީ މަންމަޔާ ދިމާއަށެވެ. ސަކީނާ ހުރީ އުފަލުން ފެންކަޅިވެފައެވެ. ޒޫނާ އައިސް ބައްދައިލުމާއެކު ސަކީނާގެ ލޮލުން ކަރުނަތައް އޮހިގަތެވެ. ނުރުޔެއްކަމަކު ގާދިރު ވެސް ހުރީ ފެންކަޅިވެފައެވެ. ސަމަދާއި ޖިނާގެ މޫނުމަތިން ވެސް ފެނުނީ އުފާވެރިކަމެވެ. އެ މީހުން ތިބީ އެ މަންޒަރު ދެކެން ކެތްމަދުވެފައެވެ. އިރުކޮޅަކަށް ފަހު ޒޫނާގެ މޫނަށް ސަކީނާ ބަލައިލިއެވެ.

"އެއްވެސް ބަދަލެއް ނާދޭ!" ލޯތްބާ އެކުގައި ސަކީނާ ބުންޏެވެ. "މި ތަނަށް ނާދެވުނަސް މަންމަ ހާދަހާ ދުޢާއެއް ކުރީމޭ. ދަރިފުޅު ދިޔައިމަ މުޅި ގޭތެރެ އޮތީ ފަޅުވެފަ."

ޒޫނާ ހުރީ ހިނިއައިސްފައެވެ. އޯގާތެރިކަމާ އެކުގައި ސަކީނާގެ ދެއަތުން ޒޫނާގެ އިސްތަށިގަނޑު ރީތިކޮށްލަދިނެވެ. ޒޫނާގެ ކޮނޑުން ސޮހިފައިވާ ހެދުން ރަނގަޅު ކޮށްލައިދިނެވެ.

"ފަށްފަށުން ޝުކުރިއްޔާ!" ގާދިރާއި ޖިނާޔާ ދިމާއަށް އެނބުރިފައި ސަކީނާ ބުންޏެވެ.

"ހުރިހާ ޝުކުރެއް ޙައްޤުވަނީ ﷲ އަށް،" ސަމަދު ވެސް ބުންޏެވެ. "ދެން އެ ކަމަށް މެދުވެރި ކުރެއްވި ޖިނާއަށް. އަތްވެއް ވާރެއެއް، ރެޔެއް ދުވާލެއް ނުބަލާ ޖިނާ ކުރި މަސައްކަތުގެ ނަތީޖާ ތި ފެންނަނީ."

ގާދިރު ތަކުރާރުކޮށް ޖިނާޔާ ސަލާންކުރިއެވެ.

"މާލޭގަ އުޅުއްވަންޏާ އަޅުގަނޑުމެންގެ ގެއަށް ކޮންމެވެސް ކޮންމެވެސް ވަޑައިގަންނަވާތި!" ގާދިރު ދަޢުވަތު ދިނެވެ. "މިހާރު ދެން ތީ ހަމަ އަޅުގަނޑުމެންގެ ޢާއިލާގެ ބޭފުޅުންކަމަށް ބަލާނީ."

"މާ ގޯހެއްނު!" ސަމާސާ ރާގެއްގައި ސަކީނާ ބުނެލި އަޑުއިވުނެވެ. "ޒޫނާ ބުނީ ތިމަންނައަށް މި ރަށް މާ މަޖަޔޯ! މީނަ މި ކޮޅުގަ ބަހައްޓާފަ އަހަރުމެން ދަމާ!"

އެންމެން ހީނގަތެވެ. ޒޫނާ ވައްކަޅިން ޖިނާއަށް ބަލައިލިއެވެ. ޖިނާ ހިނިތުންވެލިއެވެ. ސަކީނާއަށް އެ މަންޒަރު ރަނގަޅަށް ފެނުނެވެ.

"ތިވީ މާ ރަނގަޅަކަށްނު!" ގާދިރު ބުންޏެވެ. "އަހަރުމެންނަށް ވެސް އެންމެ ރަނގަޅީ އަދި ދެ ދުވަހަކު ޒޫނާ މި ކޮޅުގަ ބަހައްޓާލިއްޔާ!"

"މައްސަލައެއް ނެތް!" ސަމަދަށް ވުރެ ކުރިން ޖިނާ އެއްބަސްވިއެވެ. "ދެއްތޯ ސަމަދު!"

ސަމަދު ހިނިތުންވެލިއެވެ. ފުރަންވަންދެން ވެސް ސަކީނާ ވަގުތު ހޭދަކުރީ ޒޫނާޔާ އެކުގައެވެ. ނުފެންނަތާ ގިނަ ދުވަސް ވުމުގެ ސަބަބުން ދެމައިންގެ މެދުގައި އޮތް ލޯބި ވަނީ އިތުރަށް ވަރުގަދަ ވެފައެވެ. ފުރަންވެގެން ފާލަންމައްޗަށް އެރިއިރު ވެސް ސަކީނާ ހުރީ ފުރާހިތް ނުވެފައެވެ.

"ވަރަށް އަވަހަށް އަންނާނަން ދަރިފުޅު ބަލާ!" ޒޫނާ ގައިގައި ފިރުމައިލައިފައި ސަކީނާ ބުންޏެވެ. "މާލޭގަ ހަމަ، ފައި ޖެހުމާއެކު ނައްޓައިލާނަން. ކައިފަ ވަޔެއްލާހާ އިރުކޮޅެއް ވެސް ނުނަގާނެ."

ގާދިރުމެންނާ އެކުގައި ޖިނާ ވެސް ލާންޗަށް އެރިއެވެ. އެއީ ޒޫނާއަށް ލިބުނު ސިހުމެކެވެ. އެ ހިސާބުން ޒޫނާ ބޭނުންވީ މާލެދާށެވެ. އެކަމަކު ބުނަން ނުކެރުނީއެވެ. ދެން ހަދާނެގޮތެއް ނޭނގިފައި ޒޫނާ ހުއްޓައި ލާންޗު ނައްޓައިލިއެވެ.

ޝާޒްލީ ގޮވައިގެން މާލޭގެ އެތައްމިތަނުގައި ބުރުޖެހުމަށް ފަހު ޝާޒްލީ ގެއަށް ލައިފައި ޢަލީ ދިޔައީ ޖަޢުފަރުގެ ސައިކަލު ގެއަށް ލާށެވެ. ދަނިކޮށް ޒުލްފާގެ ފޯނެއް އައެވެ. ކަމެއް ހަނދާންނެތިފައި ހުރިކަން ޢަލީ ހަނދާންވީ ވެސް އެ ހިސާބުންނެވެ. ވީމާ، ޒުލްފާގެ ފޯނު ކެނޑެންދެން ސައިކަލު މަޑުކޮށްލައިގެން ޢަލީ އިނީއެވެ. ހުޅުލޭ ފެރީ ލަފާ ދިމާގައެވެ. ޒުލްފާގެ ފޯނު ކެނޑުމުން ޖަޢުފަރު ދީފައިވާ ނަންބަރު ހޯދިއެވެ. ސަމަދަށް ގުޅައިލިއެވެ. ސަމަދު ފޯނެއް ނުނަގައެވެ. ވީމައި ކަންފަތުގައި ފޯނު ޖައްސައިލައިގެން އިންދައި ފެރީއިން ފޭބި މީހެއް ޢަލީގެ ސަމާލުކަން ހޯދިއެވެ.

"އައްސަލާމް އަލައިކުމް!" ސަމަދު ފޯނު ނެގިއެވެ.

ނުނިމޭ