26 ޖޫން 2018 - 22:18

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލު ކުރި މައްސަލައިގައި އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.
އެމްޑީޕީގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ފެރީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ދީބާޖާއާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލު ކުރީ 2013 ވަނަ އަހަރު އެވެ. އެ މައްސަލައިގައި ދީބާޖާ ކުންފުނިން ދައުލަތާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ ގެއްލުމުގެ ބަދަލަށް 2.4 ބިލިއަން ރުފިޔާ ހޯދުމަށެވެ. އެ މައްސަލައިގައި 2014 ގައި ސިވިލް ކޯޓުން ދައުލަތަށް އަމުރުކުރީ ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދީބާޖާ އަށް ދެއްކުމަށެވެ.
ސިވިލް ކޯޓުގެ ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ދެ ފަރާތެއްގެ ދެމެދުގައި އޮތް އެއްބަސްވުމެއް އުވާލުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދެވޭނީ ގާނޫނާ ޚިލާފަށް އެ އެއްބަސްވުމެއް އުވާލިކަން ސާބިތު ކުރެވިގެން ކަމަށެވެ. އެކަމަކު ދީބާޖާއާ އެކު ސަރުކާރުން ހެދި އެއްބަސްވުން ސަރުކާރުން ބާތިލު ކުރީ ގާނޫނާ ޚިލާފަށް ކަން ދީބާޖާ އަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.
ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން އެ އެއްބަސްވުން ބާތިލު ކުރުމުން ދީބާޖާ އަށް ލިބުނު ކަމަށް އެ ކުންފުނިން ބުނާ ގެއްލުން ސާބިތު ކޮށްދެވިފައެއް ނުވެ އެވެ. އެގޮތުން ގިނަ ޚަރަދުތަކެއް އެ މަޝްރޫއަށް އެ ކުންފުނިން ކުރި ކަމަށް ބުންޏަސް، ކުރި ޚަރަދުތަކުގެ ތަފްސީލުތައް ހުށަހަޅާފައި ނެތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ދަށު ކޯޓުގެ ހުކުމް ބާތިލް ކުރުމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިިޔާރު މުހައްމަދު ނިޔާޒާއި އިސް ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރު ޝުޖާއު އުސްމާނެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ނިޔާޒެވެ.
ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އެމްޑީޕީގެ ވެރިކަމުގައި ހަތް ޕްރޮވިންސެއްގައި ފެރީގެ ޚިދުމަތް ދިނުމަށް އެކި ކުންފުނިތަކާ ސަރުކާރުން ހަވާލުކުރި އެވެ. އެކަމަކު ފަހުން ސަރުކާރުން ވަނީ އޭގެ ތެރެއިން ގިނަ އެއްބަސްވުންތަކެއް ބާތިލްކޮށްފަ އެވެ.