ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިިލާން ހުޅުވާލައިފި
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިިލާން ހުޅުވާލައިފި

ހައި ކޯޓުގެ ފަނޑިޔާރުގެ ބެންޗުން ހުސްކޮށް އޮތް ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރުން ބެންޗުން ކުރިން ހުސްކޮށް އޮތް ހަތަރު މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ކުރިން ވެސް ހުޅުވާލި އެވެ. އެ ފުރުސަތުގައި ދެ ބޭފުޅަކު ފަނޑިޔާރު ކަމަށް އައްޔަން ކުރި އެވެ. ޖޭއެސްސީން މިއަދު އިއުލާންކުރީ ބާކީ އޮތް ދެ މަގާމަށް ކުރިމަތިލުމަށެވެ.

ޖޭއެސްސީން ކުރި އިއުލާނެއްގައިވަނީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.

ހައި ކޯޓު ފަނޑިޔާރު ކަމުގެ ތައުލީމީ ޝަރުތަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ އޮތުމާ އެކު ގާނޫނީ ދާއިރާގައި މަދުވެގެން ފަސް އަހަރުގެ ތަޖްރިބާ ހުރުމެވެ. އަދި އުމުރުން 25 އަހަރުވެފައި ވުމާއި ވަކި ބާވަތުގެ ކުށްތަކެއް ސާބިތުވެފައި ނެތުމަކީ ވެސް ޝަރުތެކެވެ.

ހައި ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 54،000ރ. ލިބޭނެ އެވެ. އަދި މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ފޯނު އެލަވަންސް ވެސް ލިބޭނެ އެވެ.

އެންމެ ފަހުން ހައި ކޯޓު ފަނޑިޔާރު ކަމަށް އައްޔަން ކުރީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހަސަން އަލީ އެވެ. މި ވަގުތު ހައި ކޯޓުގައި ނުވަ ފަނޑިިޔާރުން އެބަ ތިއްބެވި އެވެ.

ކުރިން ނުވަ ފަނޑިޔާރުންގެ ބެންޗެއް އޮއްވާ ކޯޓުތަކުގެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހެއްގެ ދަށުން ހައި ކޯޓުގެ ބެންޗު ވަނީ 11 އަށް އިތުރުކޮށްފަ އެވެ. އެ އިސްލާހު ގެނައީ ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމް ކޮށްފައިވާ އެ ކޯޓުގެ ގޮފިތަކުގައި ފަނޑިޔާރުން ދާއިމީކޮށް ތިބެންޖެހޭނީ މާލޭގެ ހައި ކޯޓަށް ފަނޑިޔާރުންގެ ދަތިކަން ދިމާވުމުންނެވެ.

އެކަމަކު މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ފަނޑިޔާރުން ދާއިމީކޮށް ގޮފިތަކުގައި ތިބުމުގައި ބަދަލުގައި، ކަނޑައެޅޭ ވަކި އުސޫލަކުން ގޮފިތަކަށް ފަނޑިޔާރުން ދަތުރު ކޮށްގެން މައްސަލަތައް ބަލާ ގޮތަށް ހަމަޖައްސައިފަ އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލިއިރު، އުއްތަމަ ފަނޑިޔާރުގެ މަގާމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވެސް މިހާރު ވަނީ މަގާމެއް ހުސްވެފަ އެވެ. އުއްތަމަ ފަނޑިިޔާރަކަށް ހުންނެވި އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަލީ ހަމީދުގެ މައްޗަށް ކުށެއް ސާބިތުވެގެން އިއްވި ޖަލު ހުކުމަށް ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ތާއީދު ކުރުމާ އެކު އެ ބޭފުޅުން ވަނީ އޮޓަމެޓިކުން މަގާމުން ވަކިވެފަ އެވެ.

އުއްތަމަ ފަނޑިޔާރު ކަމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް، ރައްޔިތުންގެ މަޖިލީހުންނެވެ.