އަންހެނުންނަށް އެންމެ ނުރައްކާތެރި ގައުމަކީ އިންޑިއާ
އަންހެނުންނަށް އެންމެ ނުރައްކާތެރި ގައުމަކީ އިންޑިއާ

މުޅި ދުނިޔެއިން ވެސް އަންހެނުންނަށް އެންމެ ނުރައްކާތެރި ގައުމަކީ އިންޑިއާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އިންޑިއާއަކީ އެންމެ ގިނަ އަދަދަކަށް، އަންހެނުންނާއި ކުޑަކުދިން ރޭޕް ކުރާ ގައުމެވެ. އަދި އެ ގައުމުގެ މަޝްހޫރުވެފައި ވަނީ ވެސް ދުނިޔޭގެ ރޭޕް ކެޕިޓަލްގެ ގޮތުގަ އެވެ.

އިންޑިއާއަކީ ޒަމާނުއްސުރެ އަންހެން ދަރިންނަކީ މުސީބާތެއް ކަމަށް ދެކި އަންހެން ދަރިން މެރުމުގެ ސަގާފަތެއް ވެސް އޮންނަ ގައުމެކެވެ.

މީގެ އިތުރުން އަޅުންގެ ގޮތުގައި އަންހެނުންނާއި އަންހެން ކުޑަކުދިން ގެންގުޅުމާއި އަންހެން ކުޑަކުދިން މީހުންނާ ދެވުމާއި އަންހެނުން ޓްރެފިކް ކުރުމާއި ގެވެށި އަނިޔާ ކުރުމާއި އަންހެނުންނަށް އެސިޑް ހަމަލާ ދިނުމާއި އަންހެނުން ލައްވައި ހަށިވިއްކުން ފަދަ ވިޔަފާރިތައް ފުޅާ ދާއިރާއެއްގައި އިންޑިއާގައި ކުރާކަން ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

ތޮމްޕްސަން ރޮއިޓާޒް ފައުންޑޭޝަނުން އަންހެނުންނާ ގުޅުން ހުރި އެކިއެކި މައްސަލަތަކަށް ހާއްސަކޮށްގެން ހެދި ދިރާސާގައި ބުނި ގޮތުގައި އަންހެނުންނަށް އެންމެ ނުރައްކާތެރި 10 ގައުމުގެ ލިސްޓްގެ ދެވަނަ އާއި ތިން ވަނައިގައި އޮތް ގައުމުތަކަކީ ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ އަފްޣާނިސްތާނާއި ސީރިއާ އެވެ.

މި ލިސްޓްގެ ހަތަރު ވަނައިގައި ސޯމާލިއާ އޮތް އިރު، ފަސް ވަނައިގައި އޮތީ ސައުދީ އަރަބިއްޔާ އެވެ.

އަންހެނުންނަށް އެންމެ ނުރައްކާތެރި 10 ގައުމުގެ ލިސްޓްގައި ހިމެނޭ ހަމައެކަނި ހުޅަނގުގެ ގައުމަކީ އެމެރިކާ އެވެ. އެ ގައުމު އޮތީ ލިސްޓްގެ ފުލުގަ އެވެ. ލިސްޓްގައި ދެން މުޅިން ވެސް ހިމެނެނީ އޭޝިއާ އާއި އެފްރިކާ އާއި މެދުއިރުމަތީގެ ގައުމުތަކެވެ.

ލިސްޓްގައި ދެން ހިމެނޭ ގައުމުތަކަށް ބަލާ އިރު ހަ ވަނައިގައި އޮތީ ޕާކިސްތާނެވެ. އަދި ހަތް ވަނައިގައި އޮތީ ކޮންގޯ އެވެ. އަށް ވަނައިގައި ޔަމަން އަދި ނުވަ ވަނައިގައި އޮތީ ނައިޖީރިއާ އެވެ

ސާވޭގެ ނަތީޖާ އަށް އިޝާރާތްކޮށް ގައުމުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅު ކުރައްވައި، އިންޑިއާގެ އިދިކޮޅު ޕާޓީ ކޮންގްރެސްގެ ރައީސް ރާހުލް ގާންދީ ކުރެއްވި ޓްވީޓެއްގައި ވަނީ ބޮޑުވަޒީރު ނަރެންދަރް މޯދީ އަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މޯދީ ބަގީޗާގައި ޔޯގާ ވީޑިއޯ ހެއްދެވުމުގައި އުޅުއްވާ އިރު، ގައުމުގެ ހާލަތު އޮތީ ލަދުވެތި ވާން ޖެހޭ ފަދަ ފައްތަރެއްގަ އެވެ.