26 ޖޫން 2018 - 15:43

މި އަހަރުގެ ރިޔާސީ އިންތިޚާބު ޖުމްހޫރީ ޕާޓީ އަށް ކާމިޔާބުވެއްޖެ ނަމަ، ދައުލަތުގެ ބަޖެޓުން ދުވާލަކަށް 25 މިލިއަން ރުފިޔާ ސަލާމަތްކޮށް، މުއައްސަސާތައް މިނިވަން ކުރާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ސެޕްޓެމްބަރު 23، ގައި އޮންނަ ރިޔާސީ އިންތިޚާބަށް އެކުލަވާލާފައިވާ މެނިފެސްޓޯގައި ހިމެނޭ ބައެއް ދާއިރާތަކަށް ކަނޑައެޅި ވައުދުތައް އެ ޕާޓީން މިއަދު ވަނީ އާއްމުކޮށްފަ އެވެ.
އެ ޕާޓީން އެންމެ ފުރަތަމަ އާއްމުކުރީ ސަލާމަތީ ޚިދުމަތް ފުޅާކޮށް، އަދުލު އިންސާފު ގާއިމްކުރުމުގެ ދާއިރާ އިސްލާހު ކުރުމުގެ ވައުދެވެ.
ގައުމުގެ އަމަން އަމާންކަން ގާއިމްކުރުމަށް ފުލުހުންނާއި ކަރެކްޝަންސާއި ޕްރޮސެކިއުޓަ ޖެނެރަލާއި ޖުޑިޝަރީގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން ސިޔާސީ ނުފޫޒުން އެއްކިބާކޮށް، މިނިވަންކަމާ އެކު ހިނގާނެ ގޮތްތަކެއް ހަމަޖައްސާނެ ކަަމަށް އެ ޕާޓީން ބުންޏެވެ.
ޖޭޕީން ބުނީ އެ ޕާޓީގެ ވެރިކަމެއްގައި، ދައުލަތުން ކުރާ ބޭކާރު ޚަރަދުތަކާއި ކޮރަޕްޝަން ހުއްޓުވާނެ ކަމަށެވެ. އެއާއެކު ދައުލަތުގެ ބަޖެޓުން ދުވާލަކަށް 25 މިލިއަން ރުފިޔާ ސަލާމަތްކޮށް، ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ޖުމްލަ ހަތް ބިލިއަން، އިތުރުކުރާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ސިފައިންނާއި ފުލުހުންގެ އަދަދު އިތުރުކޮށް، ފުޅާކުރުމަކީ ވެސް ޖޭޕީގެ ވިސްނުމެކެވެ.
ޖޭޕީން ބުނީ ސިފައިންނާއި ފުލުހުންގެ ތަމްރީނާއި ވެލްފެއާ ވަރުގަދަކޮށް، ސިޔާސީ ނުފޫޒުން އެއްކިބާ ކުރުމަށްޓަކައި ރައީސް އައްޔަންކޮށް މަޖިލީހުގެ ތިން ބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން ނޫނީ، ފުލުހުން އެމީހުންގެ މަގާމުން ވަކި ނުކުރެވޭ ގޮތް ހަދާނެ ކަމަށެވެ. އެއާއެކު ވަޒީފާ ގެއްލި ގޮޅި އަށް ލުމުގެ ބިރު ވެސް ފިލުވާނެ ކަމަށެވެ.
ސިފައިންނާއި ފުލުހުންގެ ޚިދުމަތް ފުޅާކުރަން ޖެހޭނީ، ޖުމްހޫރީ ޕާޓީން ބުނި ގޮތުގައި، ގައުމަށް މިއަދު ދިމާވެފައިވާ ނާމާން ކަމުން ސަލާމަތް ވުމަށެވެ.
ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯގެ ބައިތައް އިއުލާންކުރަން ފެށި އިރު، ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓަކު އަދި ކަނޑައެއްނާޅަ އެވެ. ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން ހެދި ކޯލިޝަންގައި ޖޭޕީ ވެސް ހިމެނޭ އިރު ޕާޓީތަކުން މަސައްކަތް ކުރަނީ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ނެރުމަށެވެ.
އެކަމަކު އެ މަޝްވަރާތަކުން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ގޮތެއް ނުނިމިއްޖެ ނަމަ އެ ޕާޓީން އިންތިޚާބަށް ކެންޑިޑޭޓަކު ނެރެން ވަނީ ނިންމައިފަ އެވެ.