26 ޖޫން 2018 - 13:56

މޮސްކޯ (ޖޫން 26) - މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ފީފާ އިން މުޅިން އަލަށް ވީޑިއޯ އެސިސްޓަންޓް ރެފްރީސް (ވީއޭއާރް)ގެ ބޭނުން ހިފަން ފެށިއިރު، މިހާތަނަށް ވަނީ 20 ޕެނަލްޓީ ދީފަ އެވެ. މިއީ މުބާރާތުގެ ރެކޯޑެކެވެ.
މީގެ ކުރިން އެންމެ ގިނަ ޕެނަލްޓީ ދިނީ 1990، 1998 އަދި 2002 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އެ ފަހަރު ވަނީ 18 ޕެނަލްޓީ ދީފަ އެވެެ. އެންމެ ފަހުން ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގައި ދިނީ ޖުމްލަ 13 ޕެނަލްޓީ އެވެ.
ރޭ މިސްރާ ދެކޮޅަށް ކުޅުނު މެޗުގައި ސައުދި އަރަބިއާ އަށް ވަނީ ދެ ޕެނަލްޓީ ދީފަ އެވެ. އެ ދެ ޕެނަލްޓީއާ އެކު އޮތީ ކުރީގެ ރެކޯޑް 18 ޕެނަލްޓީއާ ހަމަވެފަ އެވެ. ވޯލްޑް ކަޕް ތާރީހުގައި އެއް މުބާރާތެއްގައި ލިބުނު 19 ވަނަ ޕެނަލްޓީ ފޮނުވާލީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާ ފޮނުވާލި ޕެނަލްޓީ އީރާންގެ ގޯލްކީޕަރު އަލީރިޒާ ބީރާންފާންދް ވަނީ މަތަކޮށްފަ އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ނާކާމިޔާބުވި ފަސް ވަނަ ޕެނަލްޓީ އެވެ.
މުބާރާތުގެ 20 ވަނަ ޕެނަލްޓީ ލިބުނީ ރޭގެ މެޗުގެ އިތުރު ވަގުތުގައި އީރާން އަށެވެ. އެ ޕެނަލްޓީ ކާމިޔާބުކުރީ އީރާންގެ ކަރީމް އަންސާރީ އެވެ. މިއީ މި މުބާރާތުގައި ކާމިޔާބުކުރި 15 ވަނަ ޕެނަލްޓީ އެވެ. އެއް މުބާރާތެއްގައި އެންމެ ގިނަ ޕެނަލްޓީއެއް ކާމިޔާބު ކުރީ 1998 ވަނަ އަހަރު އެވެ. އެ ފަހަރު 17 ޕެނަލްޓީ ކާމިޔާބު ކުރި އެވެ.
މި ފަހަރުގެ މުބާރާތުގައި ގިނަ ޕެނަލްޓީތައް ދީފައިވަނީ ވީއޭއާރްގެ އެހީ ހޯދައިގެންނެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ނުނިމި މިހާތަނަށް ގިނަ ޕެނަލްޓީތަކެއް ދީފައިވާއިރު ކުރިއަށް ހުރި ނޮކައުޓް މެޗުތަކުގައި އިތުރު ވެގެންދާނެ ކަމަށް ބެލެވެ އެވެ.
މި ފަހަރުގެ މުބާރާތުގައި އެންމެ ގިނަ ޕެނަލްޓީ ކާމިޔާބުކުރީ އިންގްލެންޑްގެ ހެރީ ކޭން އާއި އޮސްޓްރޭލިއާގެ މިލް ޔެޑިނަކް އެވެ.
ވީއޭއާރް މި މުބާރާތުގައި ފީފާއިން ފުރަތަމަ ފަހަރަށް ބޭނުންކުރަމުންދާއިރު، ގިނަ ޓީމުތަކުން އަންނަނީ އޭގެ ޝަކުވާ ކުރަމުންނެވެ. ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ވެސް ވަނީ ވީއޭއާރް ބޭނުންކުރާ ގޮތާ މެދު ފާޑުކިޔައިފަ އެވެ. އަދި މޮރޮކޯގެ ސަޕޯޓަރުންގެ ގްރޫޕަކުން ވަނީ ވީއޭއާރަކީ ހަމަައެކަނި ބޮޑެތި ޓީމުތަކަށް ފައިދާވާ ގޮތަށް އޮތް އެއްޗެއް ކަމެއް ކަމަށް ބުނެ ޕެޓިޝަނެއް ވެސް ހަދައިފަ އެވެ.