27 ޖޫން 2018 - 07:01

އޮސްކާ އެވޯޑް އިންތިޒާމް ކުރާ އެކެޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސް (އޭއެމްޕީއޭއެސް) މި އަހަރުގެ އެކެޑެމީ މެމްބަރުންގެ ލިސްޓް އެކުލަވާލައި، އާންމު ކުރި އިރު އޭގައި އިންޑިއާގެ ގިނަ ފަންނާނުންތަކެއް ހިމެނިއްޖެ އެވެ.
ދުނިޔޭގެ 59 ގައުމަކުން 928 މެމްބަރުން ހިމެނޭ ލިސްޓް އެކުލަވާލައިފައި ވަނީ އެކްޓަރުންނާއި ޑައިރެކްޓަރުނާއި ޑިޒައިނަރުންނާއި ޕްރޮޑިއުސަރުންނާއި މިއުޒިޝަނުންނާއި ސިނަމަޓޯގްރާފަރުންނާއި އެޑިޓަރުން ފަދަ އެކި ދާއިރާތަކުގެ ފަންނާނުން ހިމެނޭ ގޮތަށެވެ.
މެމްބަރުންގެ ނަންތައް އިއުލާންކޮށްފައި ވަނީ އެ މީހުންގެ ފިލްމްތަކުގެ ތެރެއިން ފިލްމްތަކެއް ވެސް ފާހަގަ ކުރުމަށް ފަހު އެވެ.
އެގޮތުން މި ފަހަރު އެކެޑެމީ ލިސްޓުން ޖާގަ ލިބުނު އިންޑިއާގެ ތަރިންގެ ތެރޭގައި ޝާހްރުކް ހާން (ޗެންނައި އެކްސްޕްރެސް، ދޭވްދާސް)، މަދޫރީ ޑިކްސިޓް (ބަކެޓްލިސްޓް، ދޭވްދާސް)، އަނިލް ކަޕޫރް (ސްލަމްޑޯގް މިލިއަނާ، ތާލް)، އަލީ ފަޒަލް (ފާސްޓް އެންޑް ފިއުރިއަސް 7، ވިކްޓޯރިއާ އެންޑް އަބްދުލް)، ނަސީރުއްދީން ޝާހް (މޮންސޫން ވެޑިން، ދަ ލީގް އޮފް އެކްސްޓްރާއޯޑިނަރީ ޖެންޓަލްމަން)، ތައްބޫ (ލައިފް އޮފް ޕައި، ނޭމް ސޭކް)، މަދާބީ މުކަރްޖީ (ދަ ބިގް ސިޓީ، ޗާރޫލަތާ) އަދި ސޮމިތުރާ ޗެޓަކީ (ޑޭސް އެންޑް ނައިޓް އިން ދަ ފޮރެސްޓް، ބްރިޖް) އެވެ.
ސިނަމޮޓޯގްރާފަރެއްގެ ގޮތުން އަނިލް މެހެތާ އަށް ފުރުސަތު ލިބުނީ ފިލްމް "ރޮކްސްޓާ" އާއި "ސީކްރެޓް ސްޕަސްޓާ" ގެ މަސައްކަތް ފާހަގަކޮށްފަ އެވެ. ކޮސްޓިއުމް ޑިޒައިނަރުންގެ ގޮތުގައި ފުރުސަތު ލިބުނީ "ކަލް ހޯ ނަހޯ" އާއި "އޯމް ޝާންތީ އޯމް" ގެ ކޮސްޓިއުމް ތައްޔާރު ކުރި އިންޑިއާގެ އެންމެ މަޝްހޫރު އެއް ފެޝަން ޑިޒައިނަރު ކަމަށްވާ މަނީޝް މަލްއުތުރާ އާއި "ހައިދަރް" އާއި "ވިކީ ޑޯނާ" ގެ ކޮސްޓިއުމް ޑިޒައިނަރު ޑޮލީ އަހުލުވާލިއާށެވެ.
ސެޓް ޑިޒައިނަރުންގެ ގޮތުގައި ފުރުސަތު ލިބުނީ ސުބަރްތާ މުކަރްޖީ (ހައިދަރް، 24) އަދި އަމިތު ރޭ (ހައިދަރް) އަށެވެ.
މިއުޒިޝަނުންގެ ބައިން ފުރުސަތު ލިބުނީ އޫޝާ ކަންނާ (ކަންޑާލާ ހައުސް، އަލީ ބާބާ އެންޑް 40 ތީވްސް) އާއި ސްނޭހާ ހާންވަލްކަރް (ޑިޓެޑިކްޓިވް ބިއޮމްކޭޝް ބަކްޝީ، ގޭންގްސް އޮފް ވަސޭޕޫރް) އެވެ.
އެޑިޓަރުންގެ ބައިން ބައްލޫ ސަލޫޖާ (ޑަންގަލް، ޓުއަރިން ޓޯކީޒް) އަށް ފުރުސަތު ލިބުނު އިރު ޕްރޮޑިއުސަރުންގެ ބައިން ޖާގަ ލިބުނީ އިންޑިއާގެ އެންމެ ބޮޑު ސްޓޫޑިއޯ ކަމަށްވާ ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ ވެރިޔާ އަދިތިޔާ ޗޯޕްޅާ (ވީރް-ޒާރާ، ސުލްތާން) އާއި ގުނީތު މޮންގާ (ލަންޗް ބޮކްސް، މަސާން) އަށެވެ.
ލިސްޓުން އަލަށް ފުރުސަތު ލިބުނު ހުރިހާ ފަންނާނުންނަށް ޑިރެކްޓަރުންގެ ބައިގެ ގަވަރުނަރު މަޝްހޫރު ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގް ވަނީ މަރުހަބާ އާއި ތަހުނިޔާ ފޮނުވައިފަ އެވެ.
އެކެޑެމީ މެމްބަރުންގެ ލިސްޓުން ކުރިން ޖާގަ ލިބިފައިބާ އިންޑިއާގެ ފަންނާނުންނަކީ އާމިރް ހާނާއި އަމީތާބް ބައްޗަން އާއި އިރްފާން ހާންގެ އިތުރުން މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހްމާނެވެ.