އިންތިހާބުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ކޮމެޓީއަށް
އިންތިހާބުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ކޮމެޓީއަށް

ރިޔާސީ އިންތިޚާބުގެ ގާނޫނާއި އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތައް މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރަން ކޮމެޓީއަށް ފޮނުވަން މިއަދު ނިންމައިފި އެވެ.

އިންތިހާބުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ކޮމެޓީއަށް
އިންތިހާބުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ކޮމެޓީއަށް

ސަރުކާރު ކޯލިޝަންގެ 38 މެމްބަރުން އެކަނި ބައިވެރިވި، ޖަލްސާގައި އެ އިސްލާހުތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ފޮނުވަން ނިންމީ 37 މެމްބަރުންގެ އިއްތިފާގުންނެވެ.

އިސްލާހުތަކުގެ ތެރޭގައި ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން، ރިޔާސީ އިންތިޚާބުގެ ގާނޫނަށް ހުށަހެޅުއްވި، ރާއްޖޭގެ އިތުރުން އެހެން ގައުމެއްގެ ރަށްވެހިކަން ހޯދާފައިވާ މީހަކު ބޭރުގެ ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބަށް ކުރިމަތިނުލެވޭ ގޮތަށް ކަނޑައެޅުން ހިމެނެ އެވެ.

މިއަދުގެ ޖަލްސާގެ ހެނދުނު ދަންފަޅީގައި އެބިލަށް ބަހުސް ކުރިއިރު ސަރުކާރު ކޯލިޝަންގެ މެމްބަރުން ވަނީ އެ އިސްލާހަށް ތާއީދުކޮށް އަދިވެސް ހަރުކަށި ކުރަން ގޮވާލައިފަ އެވެ. އެގޮތުން ކޮމެޓީ މަރުހަލާގައި އިތުރު އިސްލާހުތައް ގެންނަން އެ މެމްބަރުން އެދިވަޑައިގަތެވެ.

ނިހާން ވިދާޅުވީ ބޭރު ގައުމެއްގެ ހިމާޔަތް ހޯދައިގެން ތިބި މީހުންނާއި ބޭރުގެ ޕާސްޕޯޓް ގެންގުޅޭ މީހުން ވެސް ވަކި މުއްދަތެއްގެ ފަހުން ނޫނީ ރައީސް ކަމަށް ކުރިމަތިނުލެވޭ ގޮތަށް ހަދަން ޖެހޭ ކަމަށެވެ. ކޮމެޓީން އެ ބިލް ފާސްކުރާއިރު އެ އިސްލާހުތައް ފާސްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެޓީއަށް ފޮނުވި އިތުރު އިސްލާހުތަކުގެ ތެރޭގައި ގިނައީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓުން އިލެކްޝަންސްއަށް ދިން ރެކޮމެންޑޭޝަންސްތަކެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަނުން އާންމު ކުރުމުން، ބްރޯޑްކާސްޓް ކުރާ ހުރިހާ ފަރާތްތަކުން އެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް އިސްތިހާރު ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް، އިންތިހާބުތަކާ ބެހޭ ގާނޫނުގައި އޮންނަ މާއްދާ އިސްލާހުކުރަން ވެސް ހުށަހެޅުއްވި އެވެ. އެގޮތުން ކުރިއާ ހިލާފަށް ކޮންމެ ކެނޑިޑޭޓަކަށް ހަމަހަމަ ފުރުސަތު ދޭން ލާޒިމް ކުރެ އެވެ.

ވޯޓު ކަރުދާހުގައި ރަނގަޅު ފާހަގަ ނޫން އެހެން ފާހަގައެއް ނުވަތަ އެހެން އެއްޗެއް ކުރަހައި ނުވަތަ ލިޔެފި ނަމަ އެ ވޯޓެއް ބާތިލުވާ ގޮތަށް އިސްލާހު ގެންނަން ވެސް ވަނީ ހުށަހަޅައިފަ އެވެ.

ދެން ހިމެނޭ އިސްލާހުތަކުގެ ތެރޭގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުން މިހާރު ދައްކަން ޖެހޭ 40،000ރ. ގެ ބަދަލުގައި 100،000ރ. އަށް އެ އަދަދު ބޮޑު ކުރުން ހިމެނެ އެވެ.

މިއަދުގެ މަޖިލިސް ނިންމާލައްވަމުން ރައީސް އަބްދުﷲ މަސީހް ވަނީ މާދަމާ ޖަލްސާއެއް ބާއްވާނެ ކަން އިއުލާން ކުރައްވާފަ އެވެ.