26 ޖޫން 2018 - 13:57

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ މިނިވަންކަމަށް ނުފޫޒު ފޯރާ ގޮތަށް ސަރުކާރުން އަމަލުތައް ބަހައްޓާ ކަމަށް ބުނެ އޮސްޓްރޭލިއާ އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރާއްޖޭގެ ހާލަތާ ގުޅިގެން އޮސްޓްރޭލިއާ އެމްބަސީން ނެރުނު ބަޔާނުގައި ބުނީ ދިވެހި ސަރުކާރުން ދަނީ ޑިމޮކްރަސީ އާއި ޑިމޮކްރެޓިކް މުއައްސަސާތަކުގެ ބާރު ކަނޑުވާލަމުންނެވެ.
އިންސާނީ އަދި އަސާސީ ހައްގުތަކަށް އިހުތިރާމްކޮށް، އެއްވު އުޅުމުގެ މިނިވަންކަމާއި އިންތިހާބުގައި ވާދަކުރުމަށް ހުރަސްތައް ކުރިމަތި ނުކުރުމަށް ވެސް އޮސްޓްރޭލިއާ އިން ވަނީ ރާއްޖެއަށް ގޮވާލައިފަ އެވެ. އޭގެ އިތުރުން، ހައްޔަރުކޮށްފައިވާ ސިޔާސީ ބޭފުޅުން މިނިވަންކޮށް، އިދިކޮޅު ފަރާތްތަކަށް ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ދިނުމަށް އެދިފައިވެ އެވެ.
އެ ކަންތައްތަކަކީ، އޮސްޓްރޭލިއާ އެމްބަސީގެ ބަޔާނުގައި ބުނިގޮތުގައި، އިންސާފުވެރިކަމާއެކު އިންތިހާބު ކުރިއަށްގެންދިއުމަށް މުހިއްމު ކަންކަމެވެ.
އޮސްޓްރޭލިއާއިން ބުނީ ރާއްޖޭގެ ހާލަތު ގާތުން ބަލަމުން ގެންދާނެ ކަމަށެވެ.
އިންތިހާބާ ގުޅިގެން ބޭރުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ކަމުގައި ވިއަސް، މިއީ އެންމެ ބޮޑަށް ހުޅުވާލައިގެން ބާއްވާ އިންތިހާބަށް ވާނެ ކަމަށް އީސީގެ ރައީސް އަހުމަދު ޝަރީފް ވަނީ ކުރިން ވިދާޅުވެފަ އެވެ.
ރާއްޖެ އޮތް ހާލަތުން އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެ ކަމާމެދު ބޭރުގެ ގައުމުތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ސިޔާސީ އިދިކޮޅު ހުރިހާ ލީޑަރުން ޖަލު ހުކުމުގައި ނުވަތަ ކުށުގެ ތުހުމަތުގައި ޝަރީއަތުގެ މަރުހަލާގައި ތިބި އިރު ގައުމުތަކުން އަންނަނީ އެ ބޭފުޅުން ވަގުތުން މިނިވަންކުރުމަށް ގޮވާލަމުންނެވެ.