26 ޖޫން 2018 - 12:43

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް ކުރާ ގާނޫނު ތަންފީޒުކުރާ އިދާރާ އަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާގެ ފަހު އަޑުއެހުން މިއަދު ކެންސަލްކޮށްފި އެވެ.
މަހްލޫފަށް، އެ ދައުވާ ކުރަނީ މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި މަރަނީ ކަމަށާއި އެކަމުގެ ޒިންމާ ކަރެކްޝަންސް އިން ނަގަން ޖެހޭނެ ކަމަށް ވިދާޅުވެ އޭނާ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.
އެ މައްސަލައިގައި މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުމަކީ ޚުލާސާ ބަޔާން އިއްވައި، އަޑުއެހުންތައް ނިންމާލަން ތާވަލް ކުރި އަޑުއެހުމެކެވެ. އެ އަޑުއެހުން ކެންސަލް ކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ މަހްލޫފަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އެ މައްސަލައިގެ އިތުރުން ޓެރަރިޒަމްގެ ދައުވާއެއް ވެސް މަހްލޫފަށް ދައުލަތުން ކުރެ އެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.
މީގެ ކުރިން ވެސް މަހްލޫފަށް ވަނީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަމުގެ ދެ ދައުވާއެއް ސާބިތުވެ، 10 މަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެ ހުކުމް ތަންފީޒުކޮށް، މިދިޔަ އަހަރު ވަނީ ނިމިފަ އެވެ.