ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުންތައް އެމްޑީޕީން ބޮއިކޮޓް ކޮށްފި
ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުންތައް އެމްޑީޕީން ބޮއިކޮޓް ކޮށްފި

ކުރިއަށް ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން، އެކުލަވާލާފައިވާ، ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުންތައް، އިދިކޮޅު އެމްޑީޕީން މިއަދު ބޮއިކޮޓް ކޮށްފި އެވެ.

ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުންތައް އެމްޑީޕީން ބޮއިކޮޓް ކޮށްފި
ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުންތައް އެމްޑީޕީން ބޮއިކޮޓް ކޮށްފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި ބައެއް މެމްބަރުންނާއެކު، އެމްޑީޕީގެ ބައެއް އިސްވެރިން މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބަށް ޕާޓީން ކުރާ ކެމްޕޭން ހަރަކާތްތަކަށް، ފުލުހުން މެދުވެރިކޮށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށެވެ. އަދި އީސީގެ މެމްބަރުންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރި ކަމަށާއި އެކަމަކު ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުމަށް އެކަން އެޖެންޑާކޮށްދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިި އެވެ.

އީސީ ހިންގާ އިމާރާތުގެ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިޔާޒު ވިދާޅުވީ އެމްޑީޕީން ކުރިއަށް ގެންދިޔަ "ޖަޒީރާ ރަން" އަށް ފުލުހުން ހުރަސް އަޅާފައިވާއިރު، "ޖަޒީރާ ޕޯސްޓަރު" ހިއްޕުމުގެ ހުއްދަ ވެސް ފުލުހުން ނުދިން ކަމަށެވެ. މިއީ ގާނޫނާ ހިލާފު ހަރަކާތަކަށް ނުވާއިރު އެ ފަދަ ކަމެއް ކުރުމަށް ހުއްދަ ނުދޭތަނަކަށް ލަފާ ދޭން ތިބުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ތަމްސީލު ކުރަނީ އެމްޑީޕީ. އެހެންވެ، ޕާޓީގެ އާއްމު މެމްބަރުން ނުރުހޭ ކަމެއް ކުރާކަށް ބޭނުމެއް ނޫން. އެކަމަކު އަޅުގަނޑުމެންގެ މި ކަންބޮޑުވުންތައް އެޖެންޑާކޮށް، ރަނގަޅުކުރަން މަސައްކަތް ކުރާނަމަ އެއްބާރުލުން ދޭނަން،" ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިހާބުގެ ކަންކަމުގައި އީސީއަށް އެއްބާރުލުން ދޭނީ، ޕާޓީތަކުން ކަނޑައަަޅާ ކެންޑިޑޭޓެއް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތުދީ، މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބާއްވާނެ ކަމުގެ ޔަގީންކަން ދޭނެ ނަމަ އެވެ. އެކަމަކު މިހާރު އީސީގައި ތިއްބެވި މެމްބަރުންނާއެކު އެ ފަދަ އިންތިހާބެއް ބޭއްވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް އަޅުގަނޑުމެން އިތުބާރުކުރަން އަޅުގަނޑުމެންގެ އާއްމު މެމްބަރުންނަށް. އެ މީހުން ވޯޓު ފޮށިތައް ބަލަހައްޓައިދޭނެ،" ނިޔާޒު ވިދާޅުވި އެވެ.

އެމްޑީޕީން ބުނީ އިންތިހާބުގައި ކެމްޕޭން ކުރުމުގެ ފުރުސަތު އެހެން ޕާޓީތަކަށް ނެތް ނަމަވެސް، ސަރުކާރު ހިންގާ ޕީޕީއެމަށް އެންމެ ފުރިހަމައަށް އެކަން ކުރެވޭ ކަމަށެވެ.