26 ޖޫން 2018 - 12:43

އަންކާރާ (ޖޫން 26) - ތުރުކީގައި އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ކާމިޔާބު ކުރެއްވި އިރު އެ އިންތިޚާބުން ތިން ވަނަ ހޯއްދަވާފައި ވަނީ 2016 ވަނަ އަހަރުން ފެށިގެން ޖަލުގައި ހޭދަކުރައްވަމުން ގެންދަވާ ކެންޑިޑޭޓް ސަލާހައްތީން ދެމިރްތާސް އެވެ.

ކުރުދީންނަށް ތާއީދު ކުރާ ޑިމޮކްރެޓިކް ޕާޓީ (އެޗްޑީޕީ) ގެ ފަރާތުން ވާދަކުރެއްވި ދެމިރްތާސް ވަނީ ހަ ކެންޑިޑޭޓުން ވާދަކުރި އިންތިޚާބުގައި 8.4 ޕަސެންޓް ހޯއްދަވައިފަ އެވެ. އިންތިޚާބު ކާމިޔާބު ކުރެއްވި އުރުދުޣާން އަށް 53 ޕަސެންޓް ލިބިވަޑައިގެންނެވި އިރު އިދިކޮޅު ލީޑަރު މުހައްރަމް އިންސް އަށް ލިބިވަޑައިގެންނެވީ 31 ޕަސެންޓް ވޯޓެވެ.
ދެމިރްތާސް ކުރެއްވި ޓްވީޓެއްގައި ވަނީ އިންތިޚާބުގެ ކެމްޕޭން ކުރިއަށް ގެންދިޔައީ ވަރަށް ބޮޑަށް ބޭއިންސާފުން ކަމަށް ވިޔަސް "ލިބުނު ކާމިޔާބީ އަށް" ތައުރީފް ކުރައްވައިފަ އެވެ.
ކުރުދީއެއް ކަމަށްވާ 45 އަހަރުގެ ދެމިރްތާސް ވަނީ 2014 ވަނަ އަހަރުގެ އިންތިޚާބުގައި ވެސް އުރުދުޣާންއާ ވާދަކުރައްވައިފަ އެވެ. އެ ފަހަރު އޭނާ ވަނީ ވޯޓުގެ 10 ޕަސެންޓް ކާމިޔާބު ކުރައްވައިފަ އެވެ.
ނޮވެމްބަރު 2016 ގައި ދެމިރްތާސް ޖަލަށްލީ މަނާކޮށްފައިވާ ޖަމާއަތެއް ކަމަށްވާ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) އާ ގުޅުން ބާއްވާ ކަމަށް ބުނެ ޓެރަރިޒަމްގެ ކުށުގަ އެވެ.