26 ޖޫން 2018 - 11:58

ބްރެސަލްސް (ޖޫން 26) - މެއި މަހު ވެނެޒުއެލާގައި ބޭއްވި އިންތިޚާބަށް ފަހު އެ ގައުމުގެ ސަރުކާރުގެ އޮފިޝަލުންނާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ނައިބް ރައީސް ޑެލްސީ ރޮޑްރިގޭޒް ޔޫރަޕަށް ދަތުރު ކުރުން މަނާކޮށްފި އެވެ.
ޔޫރަޕިއަން ޔޫނިއަން އިން ބުނެފައި ވަނީ ވެނެޒުއެލާގައި ބާއްވާފައި ވަނީ މިނިވަން، އިންސާފުވެރި އިންތިޚާބެއް ނޫން ކަމަށެވެ. އެހެންވެ ވެނެޒުއެލާގެ 11 އޮފިޝަލަކަށް ޔޫރަޕިއަން ޔޫނިއަން އިން ވަނީ ފިޔަވަޅު އަޅައިފަ އެވެ. އޭގެ ތެރޭގައި އެ މީހުންގެ މުދާތައް ހިފެހެއްޓުމާއި ޔޫރަޕުގެ ގައުމުތަކަށް ދަތުރު ކުރުން މަނާކުރުން ހިމެނެ އެވެ.
އިދިކޮޅު ފަރާތްތަކުން ބޮއިކޮޓް ކުރި އިންތިޚާބު ރައީސް ނިކޮލަސް މަދޫރޯ ކާމިޔާބުކޮށް ވެރިކަމުގެ ހަ އަހަރުގެ އިތުރު ދައުރަކަށް ވަނީ އިންތިޚާބުވެފަ އެވެ.
ޔޫރަޕިއަންް ޔޫނިއަން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވެނެޒުއެލާގައި ބާއްވާފައި ވަނީ ހުރިހާ ފަރާތްތަކަކުން ބައިވެރިވާ ޑިމޮކްރެޓިކް އިންތިޚާބެއް ނޫން ކަމަށެވެ. ފިޔަވަޅު އެޅި 11 އޮފިޝަލުން ވަނީ ވެނެޒުއެލާގައި ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ހުރަސް އަޅައި އަދި އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތައް ހިންގާފައި ކަމަށެވެ.
ޔޫރަޕިއަން ޔޫނިއަން އިން ޖެނުއަރީ މަހު ވެސް ވަނީ ވެނެޒުއެލާގެ ހަތް އޮފިޝަލަކަށް ފިޔަވަޅު އަޅައިފަ އެވެ. އަދި އިންތިޚާބު ބާއްވައިފި ނަމަ އިތުރު އޮފިޝަލުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އިންޒާރު ދީފައިވެ އެވެ.
ވެނެޒުއެލާގެ ނައިބް ރައީސްގެ މަގާމަށް މި މަހު 14 ވަނަ ދުވަހު ރޮޑްރިގޭޒް ހަމަޖެއްސުމުގެ ކުރިން އެކަމަނާ ވަނީ ނޭޝަނަލް ކޮންސްޓިޓުއެންޓް އެސެމްބްލީގެ ރައީސްކަން ކުރައްވައިފަ އެވެ. އަދި ވެނެޒުއެލާގެ ފޮރިން މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވައިފައިވެ އެވެ. އެކަމަނާގެ ބޭބެ ޖޯޖް ރޮޑްރިގޭޒް އަކީ ރައީސް މަދޫރޯގެ ވަރަށް އަރިސް ބޭފުޅެކެވެ.
ވެނެޒުއެލާގެ އިސް އޮފިޝަލުންނާ ދެކޮޅަށް އެމެރިކާ އާއި ކެނެޑާ އިން ވެސް ވަނީ ފިޔަވަޅު އަޅައިފަ އެވެ. އަދި އެމެރިކާގައި ހުރި މަދޫރޯގެ މުދާ ވަނީ ހިފަހައްޓައިފަ އެވެ.