ނަޝީދަށް ގައުމު މުހިއްމެއް ނޫން، ބޭނުންވަނީ ވެރިކަން: ރީކޯ މޫސަ
ނަޝީދަށް ގައުމު މުހިއްމެއް ނޫން، ބޭނުންވަނީ ވެރިކަން: ރީކޯ މޫސަ

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރާއްޖެ މުހިންމު ވަނީ ވެރިކަން ބޭނުންފުޅުވުމުން އެކަނި ކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިތުރުން އެހެން ގައުމެއްގެ ރަށްވެހިކަން ހޯދާފައިވާ މީހަކު ބޭރުގެ ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިޚާބަށް ކުރިމަތިނުލެވޭ ގޮތަށް، ރިޔާސީ އިންތިޚާބުގެ ގާނޫނަށް ޕީޕީއެމުން ހުށަހެޅި އިސްލާހާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން މޫސަ ވިދާޅުވީ، ސިޔާސީ ބައެއް ބޭފުޅުންނަށް ދައުލަތް މުހިންމު ނޫން ކަމަށާއި ރާއްޖެ އިން ބޭރުން މީހުން އެރުމަށް ގޮވާލަނީ އެހެންވެ ކަމަށެވެ.

މޫސަ އެހެން ވިދާޅުވިއިރު، ސިޔާސީ އިދިކޮޅު ބޭފުޅުން ހިމެނޭ ގޮތަށް ނުވަ ގައިދީ އަކު މިނިވަން ކުރުމަށް އަންގައި މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ކުރި އަމުރު ސަރުކާރުން ތަންފީޒު ނުކުރުމުން، ނަޝީދު ވަނީ އިންޑިއާގެ އަސްކަރިއްޔާ އިން ރާއްޖެ އައުމަށް ގޮވާލައްވައިފަ އެވެ. މޫސަގެ މިއަދުގެ ވާހަކައިގައި އިޝާރާތް ކުރެއްވީ ނަޝީދުގެ ވާހަކަފުޅަށް ކަމަށް ބެލެވެ އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމަށް ބަދަލުވެވަޑައިގަތުމުގެ ކުރިން ނަޝީދާ އެކު އެމްޑީޕީގެ ލީޑަޝިޕްގައި އުޅުއްވި މޫސަ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ސިޔާސީ ދާއިރާގައި އުޅެން ބޭނުންވާ ނަމަ އެ ބަޔަކު އުޅެން ޖެހޭނީ ރާއްޖޭގަ އެވެ. އަދި އިނގިރޭސި ވިލާތުން ހިމާޔަތް ހޯދަވައިގެން އުޅުއްވާ ނަޝީދަށް ރާއްޖޭގެ ވެރިކަމަށް ކުރިމަތި ނުލެއްވޭނެ ކަމަށް މޫސަ ތަކުރާރުކޮށް މިއަދު ވެސް ވިދާޅުވި އެވެ.

"ވަރަށް ބާރުލާފައި ބައެއް ބޭފުޅުން އެބަ ބުނޭ ރައީސް ނަޝީދުގެ ނަންފުޅު އޮންނާނެއޭ ވޯޓު ކަރުދާހުގައި. [ނަޝީދުގެ ނަމެއް] ނޯންނާނެ. އަޅުގަނޑުމެން ނުދޭނަން އެ ފުރުސަތެއް. އެ ގޮތަކަށް ނުކުރެވޭނެ،" ނަޝީދާއި އެމްޑީޕީ އަށް ގޮންޖައްސަވަމުން މޫސަ ވިދާޅުވި އެވެ.

ސެޕްޓެމްބަރު މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުން ނަޝީދަށް ފުރުސަތު ދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ވެސް ނުނިންމޭނެ ކަމަށް މޫސަ ވިދާޅުވި އެވެ.

އެމްޑީޕީގައި އުޅުއްވި ދުވަސްވަރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމަށްޓަކައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރެއްވުމުން ޕާޓީގެ ތެރެއިން ފިއްތުންތަކެއް ކުރިމަތި ކުރުވި ކަމަށް މޫސަ ކުރިން ވަނީ ވިދާޅުވެފަ އެވެ. މޫސަ މިއަދު ވެސް ވަނީ އެ މޭރުމުން ވާހަކަ ދައްކަވައިފަ އެވެ.

"އާދެ ވެރިކަމަށް ކުރިމަތިލިޔަ ނުދޭން މި ކަންކަން މި ކުރަނީ. އަޅުގަނޑުމެން އެކިއެކި ސިޔާސީ ޕާޓީތަކުގައި ބުރަ މަސައްކަތާ އެކު، އަޅުގަނޑުމެން ކަހަލަ އެތައް ބަޔަކު ފުނޑައި ބޭރުކޮށްލަނީ ހަމަ އެ ޕާޓީތަކުން ވެރިކަން ނުދޭން،" މޫސަ ވިދާޅުވި އެވެ.

"ޖަޒީރާ ރައީސް" ގެ ނަމުގައި ރިޔާސީ އިންތިޚާބަށް ނަޝީދު ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު މޫސަ ވަނީ އެ ކަމަށް ވެސް ފާޑު ވިދާޅުވެފަ އެވެ. މޫސަ ވިދާޅުވި ގޮތުގައި، ރާއްޖޭގެ މިސްރާބު އޮތީ ޖަޒީރާ އިން ސިޓީއަކާ ދިމާއަށެވެ.

"އަޅުގަނޑުމެން ރާއްޖެ އަކީ ޖަޒީރާ އަށް ވެގެންދާ ތަނެއް ނޫން. ޖަޒީރާ އިން ނުކުމެ ސިޓީއަކަށް މި ދައުލަތް ބަދަލުވެ، އަޅުގަނޑުމެން މި ގައުމު ތަރައްގީ މި ކުރަނީ މާދަމާ އަރުވައި ޖަހައިގެން ފަންރިޔަލުގައި ތަންތަނަށް ދަތުރު ކުރާކަށް ބޭނުމެއް ނޫން،" މޫސަ ވިދާޅުވި އެވެ.

"އެއް ދުވަހު ޖަޒީރާ. އަނެއް ދުވަހަކު ކުޑަގޮޅި. އަނެއް ދުވަހު ކަކުނި އަރާ ފުޅި. މިހެން ކިޔައިގެން އަޅުގަނޑުމެން ގައުމުގެ ނަން ބަދަލު ކުރާކަށް ނުޖެހޭނެ."