27 ޖޫން 2018 - 07:00

ކުޅަދާނަ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖްގެ އާ ފިލްމް "ޗޫޅިޔާން" ގެ ނަން "ޕަޓާކާ" އަށް ބަދަލުކޮށް ފިލްމްގެ ނަމާ އެކު ފުރަތަމަ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.
އޭގައި ފެންނަނީ ފިލްމްގެ ދެ ބަތަލާއިން ތަޅާފޮޅޮމެއްގެ ތެރޭގައި އުޅޭ ތަނެވެ. މިއީ އިންޑިއާގެ ރަށްފުށުގެ އާއިލާއަކަށް ނިސްބަތްވާ ޒުވާން އަންހެން ދެބޭންގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމްގެ ވާހަކަ ބިނާކޮށްފައި ވަނީ ޗަރަން ސިންގް ޕަތިކްގެ ކުރު ވާހަކަ "ދޯ ބެހެނޭ" އަށެވެ.
"ޕަޓާކާ" ގައި ކާސްޓުންނަކީ "ޑަންގަލް" ގެ ބަތަލާ ސާނިޔާ މަލްއުތުރާ އާއި "މޭރީ އާޝިގީ ތުމް ސޭ ހީ" ފަދަ ސިލްސިލާތައް ކުޅެފައިވާ ރާދިކާ މަދަން އެވެ. މިއީ އޭނާ ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 28 އަށް ތާވަލުކޮށްފައިވާ ފިލްމްގެ ކާސްޓުން މަޝްހޫރު ކޮމީޑިއަން ސުނިލް ގްރޯ އާއި ވިޖޭ ރާޒް ވެސް ފެނިގެން ދާނެ އެވެ.
"ޕަޓާކާ" ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ރާޖަސްތާނުގައި މިދިޔަ މަހު ނިންމާލައިފައިވާ އިރު، ދެވަނަ ޝޫޓިން ޝެޑިއުލް ހުކުރު ދުވަހު މައުންޓް އަބޫގައި ފަށާނެ އެވެ.
ވިޝާލް އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސް ދިން ފިލްމަކީ ޝާހިދު ކަޕޫރާއި ޝްރަދާ ކަޕޫރް ލީޑް ރޯލް ކުޅުނު 2014 ގެ ފިލްމް "ހައިދަރް" އެވެ.
"ޕަޓާކާ" އަކީ "ޑަންގަލް" އަށް ފަހު، ސާނިއާ ފެނިގެންދާ ދެވަނަ ފިލްމެވެ. އޭނާ ވަނީ ދާދި ފަހުން އަޔޫޝްމަން ކުރާނާއާ އެކު ކުޅޭ ފިލްމެއްގެ ޝޫޓިން ވެސް ނިންމާލައިފަ އެވެ. އެއީ "ބަދާއީ ހޯ" އެވެ. އެ ފިލްމް ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު 19 ގަ އެވެ.
އެ ދުވަހަކީ އަރްޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްޅާގެ "ނަމަސްތޭ އިންގްލެންޑް" ވެސް ތާވަލުކޮށްފައި އޮތް ދުވަހު އެވެ.