25 މެއި 2016 - 11:06

ދޯހާ، ގަތަރު (މޭ 25) - އަންނަ ސީޒަނުގައި މެންޗެސްޓާ ސިޓީގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ޕެޕް ގާޑިއޯލާ އިނގިރޭސި ފުޓްބޯޅަ ބަދަލުކޮށްލާނެ ކަމަށް ތަޖުރިބާކާރު މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ބަޔާން މިއުނިކަށް ޖެހިޖެހިގެން ތިން އަހަރު ޖަރުމަނު ލީގު ކާމިޔާބު ކޮށްދިނުމަށް ފަހު ގާޑިއޯލާ ސިޓީއާ ހަވާލުވާއިރު، މިއީ އޭނާ އިނގިރޭސި ލީގުގައި ކޯޗުކޮށްދޭ ފުރަތަމަ ފަހަރެވެ. ޒަވީ ބުނީ ގާޑިއޯލާ އަށް ސިޓީގައި ކާމިޔާބު ހޯދޭނެ ކަމަށެވެ.
"ގާޑިއޯލާ އަކީ އޭނާ ހަވާލުވާ ކޮންމެ ކްލަބަކާ އެކު ވެސް ގިނަ ކާމިޔާބީތަކެއް ހޯދާ ކޯޗެއް. އޭނާ ބާސެލޯނާ އާއި ބަޔާނަށް ކޯޗުކޮށްދިންއިރު އޭނާ އެކަން ސާބިތުކޮށްދީފި. ސިޓީގައި ވެސް އޭނާ އަށް އެކަން ތަކުރާރު ކުރެވޭނެ،" ޒަވީ ބުންޏެވެ.
ގާޑިއޯލާ ސިޓީއާ ހަވާލުވުމަކީ އިނގިރޭސި ލީގުގައި އޮތް އެހެން ކްލަބްތަކުން ސަމާލުވާންޖެހޭ ކަމެއް ކަމަށާއި އަދި ގާޑިއޯލާ އަށް ވެސް އޮތް ޕްރެޝަރެއް ކަމަށް ޒަވީ ބުންޏެވެ.
"ގާޑިއޯލާގެ ޓްރާންސްފާ ޕޮލިސީ ކާމިޔާބު ވެއްޖެނަމަ އެއީ ސިޓީއާ މެދު އެހެން ކްލަބްތަކުން ސަމާލުވާންޖެހޭ ކަމެއް. ގާޑިއޯލާ ބޭނުންވާ ސްޓައިލްގެ ކުޅުންތެރިން ސިޓީ އަށް ނުލިބިއްޖެނަމަ އޭނާ އަށް ވެސް ޕްރެޝަރު އެބައޮތް،" ޒަވީ ބުންޏެވެ.
ޒަވީ ވަނީ ގާޑިއޯލާއާ އެއް ޓީމުގައި ސްޕެއިނާއި ބާސެލޯނާ އަށް ކުޅެފަ އެވެ. އަދި ގާޑިއޯލާގެ ކޯޗުކަމުގައި ބާސެލޯނާގެ ކެޕްޓަންކަން ވެސް ކުރިއިރު، 14 މުބާރާތް ވެސް ކާމިޔާބު ކުރި އެވެ.