ތުރުކީ އެ ދަނީ އެކެއްގެ މުށުތެރެއަށް ހުރިހާ ބާރެއް ޖަމާކުރަމުން: އިދިކޮޅު ލީޑަރު
ތުރުކީ އެ ދަނީ އެކެއްގެ މުށުތެރެއަށް ހުރިހާ ބާރެއް ޖަމާކުރަމުން: އިދިކޮޅު ލީޑަރު

އަންކާރާ (ޖޫން 26) - ތުރުކީ މިހާރު އެ ދަނީ ނުރައްކާތެެރި ހާލަތެއް ކަމަށްވާ އެކެއްގެ މުށުތެރެއަށް ހުރިހާ ބާރެއް ޖަމާކުރަމުން ކަމަށް އިދިކޮޅު ލީޑަރު މުހައްރަމް އިންސް ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ބޭއްވި އިންތިޚާބުގައި ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ 53 ޕަސެންޓް ވޯޓާ އެކު ވެރިކަމުގެ ދެ ވަނަ ދައުރެއް ކާމިޔާބު ކުރައްވައިފަ އެވެ. އިންތިޚާބު ކާމިޔާބު ކުރުމާ އެކު އުރުދުޣާން އަށް ވަނީ ވެރިކަމުގައި އާދަޔާޚިޔާލު ބާރުތަކެއް ލިބިވަޑައިގެންފަ އެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ 51 ޕަސެންޓާ އެކު ގާނޫނު އަސާސީ އަށް ގެނައި އިސްލާހުތަކުން ރައީސް އަށް ލިބިދޭ ބާރުގެ ތެރޭގައި ނައިބް ރައީސް އާއި ވަޒީރުންނާއި ސަރުކާރުގެ ސީނިއާ އޮފިޝަލުންނާއި ފަނޑިޔާރުން އައްޔަން ކުރުމުގެ ބާރު ހިމެނެ އެވެ. އަދި ޕާލަމެންޓް އުވާލުމާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ވެސް ރައީސް އަށް ލިބޭނެ އެވެ. މީގެ އިތުރުން ބޮޑު ވަޒީރުގެ މަގާމު އުވާލާނެ އެވެ.

ތުރުކީގެ ރައީސް ކަމަށް 2014 ވަނަ އަހަރު ވަޑައިގަތުމުގެ ކުރިން އުރުދުޣާން ވަނީ އެ ގައުމުގެ ބޮޑު ވަޒީރުކަން 11 އަހަރު ކުރައްވައިފަ އެވެ. ގާނޫނު އަސާސީ އަށް ގެނައި އިސްލާހުގެ ދަށުން ތިން ވަނަ ދައުރަކަށް ވެސް އުރުދުޣާން އަށް ކުރިމަތިލެއްވޭނެ އެވެ. އެހެންވެ ދެ ވަނަ ދައުރު 2023 ގައި ހަމަވުމުން ފުރުސަތު ހޯއްދަވައި 2028 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ހުރުމުގެ ޖާގަ އުރުދުޣާން އަށް މިވަނީ ތަނަސްވެފަ އެވެ.

އިންތިޚާބުގައި 31 ޕަސެންޓް ވޯޓު ލިބިވަޑައިގެންނެވި އިންސް ވިދާޅުވީ ތުރުކީގެ ގާނޫނު އަސާސީ އަށް ގެނައި ބަދަލުތަކުގެ ސަބަބުން ޗެކްސް އެންޑް ބެލެންސް ނިޒާމް ނެތިދާނެ ކަމަށެވެ. އޭނާ ވިދާޅުވީ އިންތިޚާބު އިއުލާން ކުރުމާ ހަމައިން ނަތީޖާ އިއުލާން ކުރަންދެން ހިންގި ހުރިހާ ކަމެއް ބާތިލް ކަމަށެވެ.

"ތުރުކީގައި މި ވަނީ އެކެއްގެ މުށުތެރެއަށް ހުރިހާ ބާރެއް ޖަމާވާ ނިޒާމެއް ގާއިމްކޮށްފައި،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) ގެ ލީޑަރު ވިދާޅުވި އެވެ.

އިންސް ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ދިޔަ ނަމަވެސް ޑިމޮކްރެސީ އަށް ކުރާ މަސައްކަތަށް ދޫނުދީ ކުރިއަށް ގެންދާނެ ކަމަށެވެ.

އާދިއްތަ ދުވަހު ބޭއްވި ޕާލަމެންޓް އިންތިޚާބުގައި ވެސް އުރުދުޣާންގެ އޭކޭ ޕާޓީގެ ކޯލިޝަނުން ވަނީ 343 ގޮނޑި ނުވަތަ 53 ޕަސެންޓް ކާމިޔާބުކޮށްފަ އެވެ.