ސޯނަމް ކަޕޫރް ބުނަނީ ދެތިން އަހަރު ފަހުން ޑައިރެކްޝަނަށް ނުކުންނާނެ ކަމަށް
ސޯނަމް ކަޕޫރް ބުނަނީ ދެތިން އަހަރު ފަހުން ޑައިރެކްޝަނަށް ނުކުންނާނެ ކަމަށް

ފިލްމު ޑައިރެކްޓް ކުރަން ބޭނުންވާ ކަމަށާއި ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި އެ މަސައްކަތް ފަށާނެ ކަމަށް ބަތަލާ ސޯނަމް ކަޕޫރް ބުނެފި އެވެ.

މިދިޔަ މަހު ކައިވެނި ކުރި ބަތަލާ ހިންދުސްތާން ޓައިމްސް އަށް ބުނި ގޮތުގައި ޑައިރެކްޝަނަށް އަބަދު ވެސް އޭނާގެ ޝައުގުވެރިކަން ހުރެ އެވެ. އަދި ބޮލީވުޑަށް 2007 ގައި "ސާވަރިޔާ" އިން ނެރެދިން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އާއި ފިލްމް "ރާންޖަނާ" ގެ ޑައިރެކްޓަރު އާނަންދް އެލް ރާއީ ވެސް އެކަމަށް ހިތްވަރު ދީފައިވާ ކަމަށް ސޯނަމް ބުންޏެވެ.

"މި ވަގުތު އަހަރެން އަދި ޑައިރެކްޓަރުގެ ގޮނޑި އަށް ދާން ތައްޔާރެއް ނޫން. ކެމެރާގެ ކުރިމަތީގައި ކުރަން ޖެހިފައި ހުރި ބައިވަރު މަސައްކަތްތައް އެބަހުރި،" މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ދޮށީ ދަރިފުޅު ބުންޏެވެ. "އެކަމަކު ސަންޖޭ ސާ އާއި އާނަންދު ސާ އާއި އާރް ބަލްކީ ސާ [ޕެޑްމޭންގެ ޑައިރެކްޓަރު] ފަދަ ޑައިރެކްޓަރުންނާ އެކީ މަސައްކަތްކޮށްލަން ފުރުސަތު ލިބުމަކީ ވަރަށް ގިނަ އެއްޗެހި ދަސްވާން ލިބުނު ފުރުސަތުތަކެއް. އެހެންވެ ޑައިރެކްޝަނަށް ނުކުންނަ އިރު އެ މީހުންގެ ފަރާތުން ދަސްވި އެއްޗިއްސަކީ މަަސައްކަތަށް ވަރަށް ވެސް އަގުހުރި އެއްޗިއްސަށް ވާނެ."

ސޯނަމް ބުނި ގޮތުގައި މި ވަގުތު ފިލްމެއް ޑައިރެކްޓު ކުރަން ތައްޔާރު ނޫން ނަމަވެސް، އޭނާ ޑައިރެކްޓް ކުރަން ޝައުގުވެރިވާ ކަހަލަ ދެތިން ސްކްޕްރިޕްޓެއް މިހާރު ވަނީ ކިޔައިފަ އެވެ.

"އަދި ދެތިން އަހަރު ފަހުން އަހަރެން ޑައިރެކްޝަނަށް ނުކުންނާނަން. އެކަމަކު ޑައިރެކްޓް ކުރަން ފެށުމަކުން އެކްޓް ކުރުން ހުއްޓައެއް ނުލާނަން،" 33 އަހަރުގެ ސޯނަމް ބުންޏެވެ. "ދެ މަސައްކަތް ވެސް އެކު އެކީގައި ކުރިއަށް ގެންދާނަން."

މި މަހު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ވެސް ހޯދި "ވީރޭ ދީ ވެޑިން" ގެ ބަތަލާ ބުނި ގޮތުގައި އޭނާ ފުރަތަމަ ފިލްމް ޑައިރެކްޓް ކުރަން ބޭނުން ވަނީ ގާތް އެކުވެރިޔާ އަދި "ވީރޭ ދީ ވެޑިން" ގެ ކާސްޓުންގެ ތެރޭގައި ވެސް ހިމެނޭ ސްވަރާ ބާސްކަރް ހިމަނައިގެންނެވެ.

ސޯނަމް ދެން އެންމެ އަވަހަށް ފެނިގެން ދާނީ ހުކުރު ދުވަހު ރިލީޒް ކުރާ "ސަންޖޫ" އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ބައްޕަ އަނިލްއާ އެކު ފެނިގެންދާ "އޭކް ލަޅްކީ ކޯ ދޭކާ ތޮ އޭސާ ލަގާ" އާއި "ޒޯޔާ ފެކްޓާ" އަދި "ބެޓްލް އޮފް ބިޓޯރާ" ހިމެނެ އެވެ.

"އަދި މި އަހަރުގެ ފަހުކޮޅު އިތުރު ފިލްމެއްގެ މަސައްކަތް ފަށާނަން. ބޭނުންވޭ އަހަރަކު މަދުވެގެން ދެ ފިލްމް ކުޅެން،" ސޯނަމް ބުންޏެވެ.