ސްޓޯންސް އަށް ސިޓީން ޝައުގުވެރިވޭ: ގާޑިއޯލާ
ސްޓޯންސް އަށް ސިޓީން ޝައުގުވެރިވޭ: ގާޑިއޯލާ

މެންޗެސްޓާ (ޖުލައި 29) - އިންގްލެންޑުގެ އެންމެ އުއްމީދީ ޑިފެންޑަރު އެވަޓަންގެ ޖޯން ސްޓޯންސް އަށް ޝައުގުވެރިވާ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސްޓޯންސް ގަންނަން ޗެލްސީން މިދިޔަ ސީޒަނުގައި ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ. އެވަޓަން އިން އޭރު ބުނަމުން އައީ އުމުރުން 22 އަހަރުގެ ޑިފެންޑަރު ވިއްކާލާނީ މަދުވެގެން 50 މިލިއަން ޕައުންޑަށް ކަމަށެވެ.

"އެންމެންނަށް ވެސް އެނގޭ އަހަރެމެން (އޭނާގެ ސޮއި ހޯދަން) މަސައްކަތްކުރާނެކަން،" ގާޑިއޯލާ ބުންޏެވެ.

ޔޫރޯގައި ވާދަކުރި އިންގްލެންޑް ޓީމުގެ ސްކޮޑުން ސްޓޯންސް އަށް ފުރުސަތު ލިބުނު ނަމަވެސް މެޗެއްގައި ކުޅުމުގެ ފުރުސަތެއް ނުލިބުނެވެ.

ގާޑިއޯލާ ވަނީ ބާސެލޯނާ އަށް ކޯޗުކޮށްދިން އިރު ހަވިއޭ މަޝެރާނޯ ލައްވާ ޑިފެންސަށް ކުޅުވައިފަ އެވެ. އަދި ބަޔާން މިއުނިކުގައި އޭނާ ވަނީ ހަވީ މާޓިނޭޒް ޑިފެންޑަރަކަށް ބޭނުންކޮށްފަ އެވެ. ގާޑިއޯލާ ބުނާ ބުނީ ސިޓީގެ ފެނާންޑީނިއޯ އަކީ އެފަދަ ކުޅުންތެރިއެއް ކަމަށާއި އޭނާ އަކީ ގޯލްކީޕަރު ނޫން ކޮންމެ މަގާމަކަށް ވެސް ކުޅެވިދާނެ ކުޅުންތެރިއެއް ކަމަށެވެ.