މި ތަޅު ހުރިހާ ހާލަތަކަށް ހެޔޮވަރުވާނެ
މި ތަޅު ހުރިހާ ހާލަތަކަށް ހެޔޮވަރުވާނެ

ސްމާޓްތަޅުތަކުން މިހާރު ބާޒާރު އޮތީ ފުރިފައެވެ. ތަފާތު ނަން ކިޔާ ތަފާތު ތަޅުތަކުން ފުއްދައިދެނީ ހަމަ އެއް ބޭނުމެކެވެ. ވަގުންގެ ކިބައިން ގޭތެރެ ސަލާމަތްކުރުމެވެ. މިމަގްސަދު ހާސިލްކުރުމަށް ގެންގުޅޭ ކޮންމެ ތަޅެއްގައިވެސް ޚާއްސަ ސިފަތަކެއް ހުރެއެވެ. ކޮރެއާގެ ކުންފުންޏަކުން ވިއްކަން މަސައްކަތްކުރާ ކީވީ އަކީ ޚާއްސަ ސިފަތައް ގިނަ ތަޅެކެވެ.

ކީވީ އަކީ ހަމައެކަނި "ސްމާޓް"މީހުންގެ ތަޅެއް ނޫނެވެ. ބްލޫޓޫތާއި ވައިފައި އާއި ފޯނާއި ޓަޗްޕެޑާއި އާދައިގެ ތަޅުދަނޑިން ވެސް މި ތަޅު ހުޅުވެއެވެ.

ބްލޫޓޫތުން ތަޅު ހުޅުވަން ބޭނުން ނަމަ ޖެހޭނީ ތިމާގެ ފޯނު، ކީވީއަށް އަންގައިދޭށެވެ. އެއަށްފަހު ފޯނާއެކު ދޮރުމައްޗަށް އަރާއިރަށް ދޮރު ހުޅުވޭނެއެވެ. ނަމްބަރެއް ޖަހާކަށް، ފިތަކަށް ފިތާކަށް ނުވަތަ ތަޅުދަނޑި ޖަހާކަށް ނުޖެހޭނެއެވެ. ބްލޫޓޫތު ޖައްސާފައި ހުންނަ ވަގުތަކު، ކޮންމެ ކޮންމެ މީހަކަށް ނުވަދެވޭނެއެވެ. ފޯނު ގެއްލުނަސް، ކީވީއިން ރަޖިސްޓްރީ ކަނޑާލެވެން ހުންނާތީ ފޯނު ނެގި ވަގުކަލޭގެއަކަށް ފޯނާއެކު ތަޅު ހުރަސްކޮށެއް ނުދެވޭނެއެވެ.

ބްލޫޓޫތުން ނޫން ގޮތަކަށް ތަޅުލާން ބޭނުމިއްޔާ އެޕް މެދުވެރިކޮށް ފިތަކަށް ފިތާލައިގެން ތަޅު ހުޅުވުން އިޚްތިޔާރުކުރެވިދާނެއެވެ. އޭރުން ގެއަށް ނުދެވެނީސް އެހެން ބަޔަކަށް ދޮރު ހުޅުވައިދޭން ޖެހިއްޖެ ނަމަ ވައިފައި ކޮށް ތަޅު ހުޅުވޭނެއެވެ. ނޫނީ ފޯނުގެ އެންއެފްސީ ޗިޕުން ވެސް ތަޅު މަސައްކަތްކުރާ ގޮތް ހެދެން ހުރެއެވެ.

ކީވީ ތަޅު ހުޅުވުމުގައި އިޚުތިޔާރުކުރެވެން ހުރި ގޮތްތަކުގެ ތެރޭގައި ނަމްބަރު ފިތަށް ފިތައިގެން ނަމްބަރު ކޯޑެއް ޖަހައިގެން ހުޅުވުން ހިމެނެއެވެ. މި ގޮތް އިޚުތިޔާރުކޮށްފިއްޔާ ތަޅު މަސައްކަތްކުރާނީ ކޯޑަކުން ހުޅުވޭ ގޮތަށެވެ. އެކި މީހުންނަށް އެކި ކޯޑު ހަމަޖެއްސެއެވެ. ނޫނީ ހަދިޔާ ފޮށިގަނޑެއް ހިފައިގެން މީހަކު އަތުވެއްޖެ ނަމަ ވަގުތީ ކޯޑަކުން ތަޅު ހުޅުވައިދެވެއެވެ.

ކޮންމެ ފަހަރަކު ތަޅު ހުޅުވި ބަންދުވާއިރު މި ތަޅުގެ ސިސްޓަމް ތެރޭގައި އެކަން ރައްކާކުރެވެއެވެ. އޭރުން ގެއަށް ވަދެނުކުމެ އުޅޭ މީހުން ދެނެގަނެވެއެވެ.

ކަރަންޓު ދިޔަސް، ފޯނުން ޗާޖު ހުސް ވިޔަސް ނުވަތަ ތަޅުގެ ބެޓެރީ ބާރު ދެރަވެގެން ގޮސް ތަޅު ނިވުނަސް ހާސްވާކަށް ނުޖެހެއެވެ. އިހުގެ ގޮތަށް ތަޅުވަޅަށް ތަޅުދަނޑި ޖަހައިގެން ހުޅުވޭނެއެވެ.

ކީވީ އުފެއްދި ކުންފުނިން ބުނާ ގޮތުގައި މި ތަޅުގެ އަޖުމަ ބަލާފައިވަނީ ސޯލްގައި ހުންނަ އެޕާޓްމަންޓް އިމާރާތެއްގައެވެ. ވައިފައި އާއި ބްލޫޓޫތު ސިގްނަލްތަކުން ބަރާވެފައިވާ އެ އިމާރާތުގައި ކީވީ ތަޅު ބަރާބަރަށް މަސައްކަތްކުރިއެވެ.