ސްޕެއިނަށް އެއް ވަނަ، ޕޯޗުގަލް ވެސް ދެ ވަނަ ބުރަށް
ސްޕެއިނަށް އެއް ވަނަ، ޕޯޗުގަލް ވެސް ދެ ވަނަ ބުރަށް

ސަރަންސްކް (ޖޫން 26) – ފަހު ވަގުތު މޮރޮކޯއާ 2-2 އިން އެއްވަރުކޮށް ސްޕެއިނުން ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ބީ ގެ އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރުން ޖާގަ ހޯދިއިރު އީރާނާ 1-1 އިން އެއްވަރުވި ނަމަވެސް ޕޯޗުގަލް ދެ ވަނަ ޓީމުގެ ގޮތުގައި އަނެއް ބުރުން ފުރުސަތު ހޯދައިފި އެވެ.

ސްޕެއިނާއި ޕޯޗުގަލަށް ވެސް ފަސް ޕޮއިންޓް ލިބި އަދި ލަނޑުގެ ތަފާތުން ވެސް އެއްވަރުވިއިރު ސްޕެއިން އެއް ވަނަ ހޯދީ ޖެހި ގޯލް ގިނަވުމުންނެވެ. ދެ ވަނަ ބުރުގައި ސްޕެއިން ބައްދަލުކުރާނީ ގްރޫޕް އޭ ގެ ދެ ވަނަ ރަޝިއާއާ އެވެ. ޕޯޗުގަލް ވާދަކުރަން ޖެހޭނީ ގްރޫޕް އޭ ގެ އެއް ވަނަ އުރުގުއޭއާ އެވެ.

މިރޭ ޕޯޗުގަލް އަތުން މޮޅުވެގެން ދެ ވަނަ ބުރަށް ދެވެން އޮތް އީރާން ހަތަރު ޕޮއިންޓާ އެކު ކެޓިއިރު، މެޗުގެ ކުރިން ވެސް ކަޓާފައިވާ މޮރޮކޯ އިން މުބާރާތް ނިންމާލީ އެއް ޕޮއިންޓާ އެކު އެވެ.

މުބާރާތް ފެށެން ދެ ދުވަހަށް ވެފައިވަނިކޮށް ކޯޗު ހުލެން ލޮޕެޓީގް ވަކިކޮށް ކުރީގެ ކެޕްޓަން ފެނާންޑޯ ހިއޭރޯގެ ބެލުމުގެ ދަށުން ނުކުތް ސްޕެއިން އެއް ވަނަ ހޯދި ނަމަވެސް މިރޭ އެ ޓީމަށް ސަލާމަތްވެވުނީ އުނދަގުލުންނެވެ. މޮރޮކޯ އިން ވަނީ ގިނަ ވަގުތު ސްޕެއިނަށް ވުރެ ރަނގަޅަށް ކުޅެފަ އެވެ.

ފުލަށް ދިޔަ ނަމަވެސް، އީރާން މެޗާއި ޕޯޗުގަލް މެޗުގައި މޮޅު ކުޅުމެއް ދެއްކި މޮރޮކޯ އިން ވަނީ ހާލިދު ބޫތައިބުގެ ލަނޑުން މިރޭ 14 ވަނަ މިނެޓުގައި ކުރި ހޯދައިފަ އެވެ. އެކަމަކު އޭގެ ފަހުން މިނެޓު ފަހުން އިސްކޯ ވަނީ ސްޕެއިނަށް އެއްވަރުކޮށްދީފަ އެވެ.

މުބާރާތުން ކަޓާފާނެ ކަމުގެ ބިރު ސްޕެއިނަށް ހީވި ދަނޑިވަޅުތަކެއް ވެސް ދިޔަ އެވެ. އެގޮތުން 81 ވަނަ މިނެޓުގައި މޮރޮކޯގެ ޔޫސުފް އައް ނަސީރީ ޖެހި ލަނޑާ އެކު އެ ޓީމުން ދެ ވަނަ ފަހަރަށް ކުރި ހޯދުމުން ސްޕެއިނަށް ހާސްކަން ބޮޑުވި އެވެ. އެކަމަކު 90 މިނެޓުގައި އިއާގޯ އަސްޕަސް ވަނީ ސްޕެއިނުގެ ހާސްކަން ފިލުވައިދީފަ އެވެ.

އެކަމަކު އެއް ވަނަ ލިބުނުގެ ހަގީގީ ޝުކުރު އަދާކުރަން ޖެހޭނީ އީރާނަށެވެ. ސަބަބަކީ އެ ޓީމުން ފަހު ވަގުތު ޕޯޗުގަލާ އެއްވަރުނުކުރި ނަމަ ޕޯޗުގަލަށް އެއް ވަނަ ލިބެން އޮތުމެވެ. ފަހު ވަގުތު މޮޅުވެ އީރާނަށް ދެ ވަނަ ބުރަށް ދާން ރަނުގެ ފުރުސަތެއް ވެސް ލިބުނެވެ.

ޕޯޗުގަލް އަތުން މޮޅުވެގެން ދެ ވަނަ ބުރަށް އީރާނަށް ދެވެން އޮތުމުން އެ ޓީމުން މެޗު ފެށީ ވެސް ވަރަށް ބޮޑަށް އެޓޭކަށް ވިސްނައިގެންނެވެ. ފުރަތަމަ ހާފުގައި އެ ޓީމުން ޕޯޗުގަލްގެ ގޯލަށް ނުރައްކާކުރި ނަމަވެސް ގޯލެއް ނުޖެހި އެންމެ ފަހުން ހާފުގެ ފަހު މިނެޓުގައި ރިކާޑޯ ކުއަރެސްމާ ވަނީ ޕޯޗުގަލަށް ލީޑު ނަގައިދީފަ އެވެ. އޭރިއާ ރޮނގު މަތިން ކަހަލަ ގޮތަކަށް އޭނާގެ ބޫޓުގެ ބޭރު ފުށުން ޖެހި ބޯޅަ ގޯލުގެ ކަނަށް އޮހުނީ އީރާނުގެ ގޯލްކީޕަރުގެ ބޯމަތިން ގޮހެވެ.

ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ލީޑު ފުޅާކުރަން ޕޯޗުގަލަށް ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު ރޮނާލްޑޯ ހޯދައިދިން މި ޕެނަލްޓީ އޭނާ ޖެހުމުން އީރާން ކީޕަރު މަތަކުރީ އެވެ. މެޗުގެ ފަހުކޮޅު އީރާން ކުޅުންތެރިއެއްގެ މޫނުމައްޗާ ދިމާލަށް އަތްހޫރާލުމާ ގުޅިގެން ރޮނާލްޑޯ އަށް ރެފްރީ ދީނދޫ ކާޑެއް ވެސް ދެއްކި އެވެ. ވީއޭއާރުން ބަލައިގެން ރެފްރީ ގޮތް ނިންމިއިރު، އެ ހަމަލާ މޫނަށް އެރި ނަމަ ރޮނާލްޑޯ އަށް ރަތެއް ދެއްކުމުގެ ފުރުސަތު އޮތީހެވެ.

އީރާނުން ނަތީޖާ ހަމަހަމަކުރީ 90 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކަރީމް އަންސާރީ އެވެ. އޭގެ މިނެޓެއް ފަހުން އެ ޓީމުގެ މަހްދީ ތާރިމީ އަށް އޭރިއާ ތެރެއިން މުޅިން ހުހަށް ހުރެ ފޮނުވާލި ބޯޅަ ގޯލާ އަމާޒުނުވެދިޔައީ އެވެ.