ރާއްޖެއިން އީޔޫއާ އެކު މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވަނީ
ރާއްޖެއިން އީޔޫއާ އެކު މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވަނީ

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ އެކު ރާއްޖެއިން މަތީ ފެންވަރުގެ މަޝްވަރާތަކެއް މި ހަފުތާގައި ބާއްވަން ހަމަޖައްސައިފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ބެލްޖިއަމްގެ ބްރަސްލްސްގައި ބާއްވާ އެ މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީގެ އިތުރުން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ކަމަށެވެ. އަދި ރާއްޖެއިން އީޔޫއަށް ކަނޑައަޅާފައިވާ ސަފީރު އަހުމަދު ޝިއާން ވެސް އެ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ރާއްޖޭގެ ވަފުދުން ޔޫރަޕިއަން ޕާލިމެންޓާއި ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ އިތުރުން އީޔޫގެ އެހެން މުއައްސަސާތަކާ ވެސް ބައްދަލު ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި އެ ބައްދަލުވުންތަކުގައި އެކި ދާއިރާތަކުން އީޔޫ އާއި ރާއްޖޭގެ ގުޅުން ބަދަހި ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ރާއްޖެ އާއި އީޔޫއާ ދެމެދު 2015 ވަނަ އަހަރުން ފެށިގެން އަންނަނީ މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވަމުންނެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމާ ގުޅިގެން އީޔޫ އިން އަންނަނީ ކެނޑިނޭޅި ކަންބޮޑުވުުން ފާޅުކުރަމުންނެވެ. ރާއްޖެ ޑިމޮކްރަސީގެ މަގަށް ރުޖޫއަވެ ކަންކަން އިސްލާހުކޮށް ސިޔާސީ މިނިވަން ވެއްޓެއް ގާއިމުކުރުމަށް ގޮވާލައި، އެ ކަންކަން ނުކޮށްފި ނަމަ ފިޔަވަޅު އަޅަންޖެހިދާނެ ކަމުގެ އިންޒާރު ވެސް އީޔޫ އިން ކުރިން ދީފައިވެ އެވެ.

ރާއްޖެއިން އީޔޫއާ އެކު މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވާއިރު، އިންޑިއާ އާއި ރާއްޖޭގެ ގުޅުން ހީނަރުވުމުން ދެ ގައުމުގެ ދެމެދުގައި ވެސް ވަނީ މަޝްވަރާތަކެއް ވަނީ ފަށައިފަ އެވެ.